އެމްއެޕީއާރްސީ ބޮޑު ޚިޔާނާތުގެ ފައިސާ ވަދެފައިވާ ކުންފުނިތަކުގެ ތެރޭގައި ފެން ކުންފުނީގެ ޗެއާމަން، އަހުމަދު މައުސޫމްގެ ހިއްސާ އޮންނަ ކުންފުޏްނެއް ހިމެނިފައިވާތީ އޭނާގެ މައްސަލަ ތަހުގީގުކޮށްދިނުމަށް އޭސީސީގައި އަމިއްލައަށް އެދިއްޖެއެވެ.
އޭސީސީގެ ތަހުގީގީ ރިޕޯޓުގައި އެސްއޯއެފުން ވަނީ މައުސޫމްގެ ހިއްސާ އޮންނަ ކުންފުނިތަކާ ޑޮލަރުގެ މުއާމަލާތް ކޮށްފައިވާކަން ހާމަވެފައެވެ. އޭގެ ސަބަބުން ރައީސުލް ޖުމުހޫރިއްޔާ ވަނީ އެ މައްސަލަ ތަހުގީގުކޮށް ނިމެންދެން ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ޑޮލަރުގެ މުއާމަލާތް ކުރި ބޭފުޅުން ގޭގައި މަޑުކުރަން އަންގަވާފައެވެ.
އެގޮތުން ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފާއި އަކުރަމް ކަމާލުއްދީން ވެސް ވަނީ މަގާމުގެ މަސްއޫލިއްޔަތުތަކުން ވަގުތީގޮތުން މަހްރޫމް ކޮށްފައެވެ. މަހްލޫފް ވެސް ވަނީ އޭނާ ކޮށްފައިވާނީ ޑޮލަރު ގަތުމުގެ ސައްހަ މުއާމަލާތެއް ކަމަށާއި އެ މައްސަލަ އަވަހަށް ބަލައި އޭނާގެ ނަން ސާފުކޮށްދިނުމަށް އެދިފައެވެ.
މައުސޫމް ވެސް ވަނީ އޭނާއަކީ ވިޔަފާރިވެރިއެއް ކަމަށާއި ވަރަށް ގިނަ ވިޔަފާރިތަކުގައި އޭނާގެ ހިއްސާ އޮންނާނެ ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް އޭނާގެ ހިއްސާ އޮންނަ ވިޔަފާރިތަކުން އެސްއޯއެފް އެކައުންޓުން ޑޮލަރު ގަތީ އޭނާގެ އަމިއްލަ ބޭނުމަކަށް ނޫން ކަމަށާއި، އެއީ ވިޔަފާރީގެ މަގުސަދުގައި ވިޔަފާރިތަކުން ކޮށްފައިވާ ސައްހަ މުއާމަލާތެއް ކަމަށް ވިދާޅުވެފައެވެ.
އޭސީސީން ވަނީ ރިޕޯޓުގައި ހާމަކޮށްފައިތިބި ކުންފުނިތަކާއި އަމިއްލަ ފަރުދުން އެއީ ޚިޔާނާތުގެ ފައިސާ ނެގި މީހުން ނޫން ކަމަށް ބުނެފައެވެ. އަދި އޭގެ ތަހުގީގީ ރިޕޯޓެއްވެސް ހާމަކުރާނެ ކަމަށް އޭސީސީން ބުނެފައިވެއެވެ.