Last Updated: November 28, 08:49
Thursday, November 28, 2024
ޚަބަރު

ދުނިޔޭގެ އެންމެ ބޮޑު ނިއުޓެލާ ފެކްޓްރީ ވަގުތީ ގޮތުން ބަންދުކޮށްފި

މަޝްހޫރު ޗޮކްލެޓް ހެޒެލްނަޓް ސްޕްރެޑް ކަމުގައިވާ "ނިއުޓެލާ" އުފައްދާ ދުނިޔޭގެ އެންމެ ބޮޑު ފެކްޓްރީ ވަގުތީ ގޮތުން ބަންދުކޮށްފި އެވެ.

ފްރާންސްގެ ވިލެރިކާލްގައި ހުންނަ އެ ފެކްޓްރީ މިދިޔަ އަންގާރަ ދުވަހު ބަންދުކޮށްފައި ވަނީ، ބައެއް އުފެއްދުންތަކުގައި ކޮލިޓީ މައްސަލައެއް ހުރުމުގެ ސަބަބުންނެވެ.

ނިއުޓެލާ އުފައްދާ ކުންފުނި ކަމުގައިވާ ފަރޭރޯ އިން ބުނީ އެ އުފެއްދުންތައް، ކުންފުނީގެ ކޮލިޓީ މިންގަނޑުތަކާއި އެއްވަރު ނޫން ކަމަށާއި، އެހެންކަމުން ވަގުތީ ގޮތުން އެ ފެކްޓްރީގެ މަސައްކަތް ހުއްޓާލުމަށް ނިންމާފައިވާ ކަމަށެވެ. ފަރޭރޯ އިން ބުނީ މިހާރު ބާޒާރުގައި ހުރި ނިއުޓެލާ އުފެއްދުންތަކުގައި އެފަދަ އެއްވެސް މައްސަލައެއް ނެތް ކަމަށާއި، އެ އުފެއްދުންތައް ބޭނުންކުރުން ކަސްޓަމަރުންނަށް ކުރިއަށްގެންދެވޭނެ ކަމަށެވެ.

ނިއުޓެލާ އަކީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު އިޓަލީގައި ކޮކޯގެ ސަޕްލައި މަދުވެގެން އުޅުނު ދުވަސްވަރު، ހެޒެލްނަޓް އާއި ހަކުރާއި ކުޑަ ކޮކޯކޮޅެއް ބޭނުންކޮށް ޕިއެޓްރޯ ފަރޭރޯ އުފެއްދި އެއްޗެކެވެ.

ނިއުޓެލާ ދުނިޔޭގެ އެކި ހިސާބުތަކުގައި ވަރަށް މަޤްބޫލް އުފެއްދުމެކެވެ. އެގޮތުން މިދިޔަ އަހަރު ފްރާންސްގެ ކުންފުންޏަކުން ނިއުޓެލާ އުފެއްދުންތަކުން 70%ގެ ޑިސްކައުންޓެއް ދިނުމާއި ގުޅިގެން، ނިއުޓެލާ ގަންނަން ސުޕަމާކެޓްތަކަށް ދިޔަ މީހުންގެ ތެރޭގައި ހަމަނުޖެހުންތަކެއް ވަނީ ހިނގާފައެވެ.

އިރުއުތުރު ފްރާންސްގެ މެޓްޒްގައި ހުންނަ ފިހާރައެއްގެ މުވައްޒަފަކު "ސީއެންއެން" އަށް ބުނި ގޮތުގައި ނިއުޓެލާ ގަތުމަށްޓަކައި އެދުވަހު ސުޕަމާކެޓް ބޭރުގައި ކިއޫ ހަދާފައި 200 މީހުން ތިބި ކަމަށެވެ.

މީގެ އިތުރުން 2017 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައި ނިއުޓެލާ އުފައްދާ ރެސިޕީ ބަދަލުވި ވާހަކަ ފެތުރުމާއި ގުޅިގެން ފޭނުން ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. އެއަށްފަހު ނިއުޓެލާ އުފެއްދުމުގައި ބޭނުންކުރާ ސްކިމްޑް މިލްކްގެ މިންވަރު ވަނީ އިތުރުކުރެވިފަ އެވެ.