ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އަދި ކުރީގެ ބަންޑާރަ ނައިބް ޢާއިޝަތު އާޒިމާ ޝަކޫރުގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
އަދުރޭ މިހެން ވިދާޅުވީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކޯލިޝަން އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން އަދުރޭ ވިދާޅުވީ މިހާރު މަޢުލޫމާތު ލިބިފައިވާ ގޮތުން ޕީޕީއެމްގެ ނައިބު ރައީސް، އާޒިމާގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށެވެ. އަދި ޕްރޮގްރެސިވް ކޯލިޝަންގެ ވަރަށް ގިނަ އިސް ބޭފުޅުންގެ ޕާސްޕޯޓް ހިފެހެއްޓުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ބައެއް ބޭފުޅުންގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވީ މެމްބަރުންގެ ޕާސްޕޯޓް ހިފެހެއްޓުމުގެ މަސައްކަތް ކުރަމުންދަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ނުފޫޒު ފޯރުމުގެ މަޤްސަދުގައި ކަމަށެވެ.
އަދުރޭ މިހެން ވިދާޅުވިއިރު، އާޒިމާ އާއި ދެކޮޅަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާއި ގުޅޭ ލިޔެކިޔުންތައް މިދިޔަ ބުރާސްފަތި ދުވަހު ވަނީ އާޒިމާ އާއި ހަވާލުކޮށްފައެވެ.
އާޒިމާގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރ ކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ދަޢުވާއެވެ. މި ދެ ދައުވާ ވެސް އާޒިމާގެ މައްޗަށް އުފުލައި، ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ.
މި މައްސަލަތަކުގެ ތަޙުޤީޤަށް އާޒިމާ މީގެކުރިން އެތަށް ފަހަރެއްގެ މަތިން ވަނީ ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.