އިންޑިއާ އާއި ޕާކިސްތާނާއި ދެމެދު މިހާރު އޮތީ ވަރަށް ނުރައްކާތެރި ޙާލަތެއް ކަމަށް އެމެރިކާގެ ރައީސް ޑޯނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް ވިދާޅުވީ އެމެރިކާގެ ސަރުކާރުން ދަނީ ދެޤައުމާއި އެކުވެސް މަސައްކަތް ކުރަމުން ކަމަށާއި، ވަރަށް އަވަހަށް ދެ ޤައުމުގެ ދެމެދުގައި ޖެހިފައިވާ މައްސަލަތައް ހައްލުވާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.
އޯވަލް އޮފީސްގައި ނޫސްވެރިންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ޓްރަމްޕް ވިދާޅުވީ ވަރަށް ގިނަ ބައެއްގެ ފުރާނަ ގެއްލިގެންގޮސްފައިވާ ކަމަށާއި، އެމެރިކާ އިން ބަލަން ބޭނުންވަނީ އެކަންތައްތައް ހުއްޓާލާ މަންޒަރު ކަމަށާއި، އެމަސައްކަތުގައި ދެ ޤައުމާއި އެކުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ދެ ޤައުމުގެ ދެމެދުގައި އޮތް ޙާލަތު ވަރަށް ނާޒުކުކަމަށާއި، ދާދިފަހުން ކަޝްމީރުގައި ދިން ޓެރަރިސްޓް ހަމަލާގެ ސަބަބުން ވަރަށް ގިނަ މައްސަލަތަކެއް ވެސް ފެންމަތިވެފައިވާކަން ޓްރަމްޕް ފާހަގަކުރެއްވި އެވެ.
އެމެރިކާއިން ޕާކިސްތާނާއެކު ގުޅުން ބަދަހިކޮށްފައިވާ ކަމަށާއި، ޕާކިސްތާނުގެ ލީޑަރުންނާއި އަދި އޮފިޝަލުންނާއި ބައްދަލުކުރުމުގެ މަސައްކަތް އެމެރިކާއިން ކުރަމުންގެންދާ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕް ވިދާޅުވީ އެމެރިކާއިން ޕާކިސްތާނަށް އަހަރަކު ދެމުން އައި 1.3 ބިލިއަން ޑޮލަރުގެ އެހީ ދިނުން ހުއްޓާލާފައިވާ ކަމަށާއި، ކުރީގެ ރައީސުންގެ ވެރިކަމުގައި ޕާކިސްތާނުން ދިޔައީ އެމެރިކާގެ ފައިދާ ނަގަމުން ކަމަށެވެ. އަދި އެ ފައިސާ ދިނުން ހުއްޓާލީ އެމެރިކާ އަށް ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން ޕާކިސްތާނުން ފޯރުކޮށްދެމުން ނުގެންދާތީ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕް މިހެން ވިދާޅުވިއިރު، މި މަހުގެ 14 ވަނަ ދުވަހު އިންޑިއާގެ ޖައްމޫ އަދި ކަޝްމީރުގެ ޕުލްވާމާގައި ދިން ޖާނުންފިދާވުމުގެ ޓެރަރިސްޓު ހަމަލާއެއްގައި މަދުވެގެން 40 ސިފައިން ވަނީ މަރުވެފައެވެ.
އެ ހަމަލާގެ ޒިންމާ ޕާކިސްތާނުގެ ހައްދުފަހަނަޅާފައިވާ ޓެރަރިސްޓް ގްރޫޕެއް ކަމުގައިވާ ޖައިޝް-އެ-މުހައްމަދު އިން ވަނީ ނަގާފައެވެ.
އެ ހަމަލާއަށްފަހު އިންޑިއާ އާއި ޕާކިސްތާނާއި ދެމެދު އޮތް ގުޅުންތައް ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. އެ ހަމަލާ އަށް ރައްދުދޭނެ ކަމަށް އިންޑިއާ އިން ބުނެފައިވާއިރު، ޕާކިސްތާނުން ބުނީ އެކަމާއިމެދު އިންޑިއާ އިން އިތުރަށް ވިސްނާނެ ކަމަށް އުއްމީދުކުރާ ކަމަށާއި، މި މައްސަލައިގައި ހަމަލާއެއް ދީފިނަމަ، ޕާކިސްތާނުން ވެސް ދިފާޢުގައި ހަމަލާދޭނެ ކަމަށެވެ.