Last Updated: November 28, 08:49
Thursday, November 28, 2024
ޚަބަރު

ކުށުގެ ކުރިމަތީގައި އެންމެންވެސް ވާނީ ހަމަހަމަ: ޝެއިޚް ޒައިދު

ޝެއިޚް އަލީ ޒައިދު

ކުށުގެ ކުރިމަތީގައި ހުރިހާ އެންމެންވެސް ވާނީ ހަމަހަމަ ކަމުގައި ދީނީ ޢިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެ އެވެ.

ޝެއިޚް ޒައިދު މިހެން ވިދާޅުވީ ދާދި ދެންމެއަކު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ޝެއިޚް ޒައިދު ވިދާޅުވެފައި ވަނީ ދަށް ފަންތީގެ މީހަކު ކުށެއް ކުރީމަ އެމީހާ އަށް އަދަބު ދީފައި، 'އިއްޒަތްތެރި މީހާ' ކުށް ކުރުމުން، އެކަމާ ފިޔަވަޅު ނާޅައި ދޫކުރުމަކީ އިސްލާމީ މުޖުތަމަަޢަކަށް އެކަށީގެންވާ ކަމެއް ނޫން ކަމަށެވެ.

"ކުށުގެ ކުރިމަތީގައި އެންމެންވެސް ވާނީ ހަމަހަމައެވެ! ދޮނެއް، ކަޅެއް، މާލެއެއް، ރާއްޖެތެރެއެއް ނޯންނާނެ އެވެ!"، އެ ޓްވީޓްގައި ޝެއިޚް ޒައިދު ވިދާޅުވެފައި ވެއެވެ.

ޝެއިޚް ޒައިދު މިހެން ވިދާޅުވެފައިވާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ހައްޔަރުކުރި މައްސަލައާއި ގުޅިގެން ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން އުފައްދާފައިވާ ޕްރޮގްރެސިވް ކޯލިޝަނުގެ އިސް ބޭފުޅުން ވަނީ މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ބައްދަލުކުރައްވައި، މަޝްވަރާކުރައްވައިފަ އެވެ.

ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކުރިއިރު، އެ އަމުރު ޔާމީންގެ ފަރާތްޕުޅުން މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފް ކުރައްވާފައެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑެރިންގެ ދައުވާ އުފުލީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުގެ ތެރެއިން ހޯދާފައިވާ ބައެއް ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، ފައިސާ ލޯންޑަކުރި މައްސަލާގަ އެވެ.