އިރުއުތުރު އިންޑިއާގައި ވިހަ ރަލެއް ބުއިމުގެ ސަބަބުން މަދުވެގެން 130 މީހުން މަރުވެއްޖެ ކަމަށާއި، 200 އަށްވުރެ ގިނަ މީހުންނަށް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށް އޮފިޝަލުން ބުނެފި އެވެ.
އުއްތަރް ޕްރަދޭޝް އާއި އުއްތަރްކަންދުގައި ގާތްގަނޑަކަށް 100 މީހުން މަރުވެފައިވާއިރު، މިއަދު އައްސާމް ސްޓޭޓްގައި އެކަނިވެސް ގާތްގަނޑަކަށް 35 މީހުންގެ މަރު ވަނީ ރިޕޯޓްކޮށްފަ އެވެ.
ފުލުހުން ބުނީ ވިހަ ރަލުގެ މައްސަލައާއި ގުޅިގެން 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ސައިފަތް ދަނޑުތަކުގައި މަސައްކަތްކުރި އަންހެނުންތަކެއް ވެސް ހިމެނެ އެވެ.
މި މައްސަލަ މިހާރު ތަޙުޤީޤުކުރަމުންދާއިރު، 2011 ވަނަ އަހަރު ވެސް ވެސްޓް ބެންގާލްގައި ވިހަ ރަލެއް ބޮއެގެން 170 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
ވިހަ ރަލުގެ ޝިކާރައަކަށްވި ފުރަތަމަ މީހުން މަރުވެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމުގައި އައްސާމްގެ ގޮލަގަޓް ޑިސްޓްރިކްޓްގެ އެޑްމިނިސްޓްރޭޓަރާއި ހަވާލާދީ "ބީބީސީ" އިން ރިޕޯޓްކުރެއެވެ.
ގޮލަގަޓް ޑިސްޓްރިކްޓްގެ ސުޕްރިޓެންޑެންޓް އޮފް ޕޮލިސް، ޕުޝްކަރް ސިންގް "ބީބީސީ" އަށް ވިދާޅުވީ ވިހަ ރާ ކެއްކި ގެ ފެނިފައިވާ ކަމަށާއި، އެގެއިން 1.5 ލީޓަރުގެ ބަނގުރާ ހޯދާފައިވާ ކަމަށެވެ.
މި ހާދިސާގެ ޝިކާރަކަށްވި މީހުންނަށް ފަރުވާދެމުން އަންނަ ހޮސްޕިޓަލްތަކުގެ ޑޮކްޓަރުންވެސް ވަނީ ވިހަ ރަލުގައި ހިމެނޭ ބާވަތްތަކުގެ ސަބަބުން ހައިރާންވެފަ އެވެ. ވިހަ ރަލުގައި ހިމެނޭ މާއްދާތައް ތަޙުޤީޤުކުރުމަށްޓަކައި ގުވަހަޓި ސިޓީގެ ތަޖުރިބާކާރުންގެ ޓީމަކަށް ވަނީ ދައުވަތުދީފަ އެވެ.
ގޮލަގަޓްގެ ހެލްތު ޑިޕާޓްމަންޓްގެ ޑރ. ރަތުލް ބޮރްދޮލޮއި "އޭއެފްޕީ" އަށް ވިދާޅުވި ގޮތުގައި މި ހާދިސާގައި ހޮސްޕިޓަލަށް ގެނެވުނު މީހުންގެ ކިބައިން ފެނުނު ކަންތައްތަކުގެ ތެރޭގައި ހޮޑުލުމާއި މާބޮޑަށް މޭމަތީގައި ރިއްސައި، ނޭވާހާސްވުން ހިމެނޭ ކަމަށެވެ.
ޤާނޫނާއި ޚިލާފަށް އުފައްދާ، ބްރޭންޑެޑް ސްޕިރިޓްތަކަށްވުރެ ބޮޑުތަން އަގުހެޔޮ ބަނގުރަލުގެ ސަބަބުން މީހުން މަރުވުމަކީ އިންޑިއާގެ އެކި ހިސާބުތަކުގައި ވަރަށް އާންމު ކަމެކެވެ. އެފަދަ ބަނގުރާ އުފައްދާ މީހުން، ރަލުގެ ބާރުގަދަ ކުރުމަށް އާންމުކޮށް އޭގެ ތެރެއަށް މެތަނޯލް އަޅައެވެ. މެތަނޯލް އަކީ ބަނގުރަލުގެ ވަރަށް ނުރައްކާތެރި އަދި ވިހަ ބާވަތެކެވެ.
މެތަނޯލްގެ ކުޑަ މިންވަރެއް ބޭނުންކޮށްފި ނަމަވެސް، އޭގެ ސަބަބުން ލޯއަނދިރިވެ، މެއިގަނޑު ހަލާކުވެ، މީހާ މަރުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
ބަނގުރާ ވިއްކުމުގައި އެދެވިގެންވާ މިންވަރަށް ސަލާމަތީ ފިޔަވަޅުތައް ނޭޅުމާއި ގުޅިގެން ޓެކްސް ޑިޕާޓްމަންޓްގެ ދެ އޮފިޝަލަކު ވަނީ ސަސްޕެންޑްކޮށްފަ އެވެ.