Last Updated: November 24, 23:51
Sunday, November 24, 2024
ރިޕޯޓް

2،000 ޑޮކްޓަރުންގެ ވާހަކަ..!

ސިއްހަތު މެނިފެސްޓް އިފްތިތާހް ކުރުމަށް ހިތަދޫގައި ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން. ފޮޓޯ: އެމްޑީޕީ

ރިޔާސީ އިންތިޙާބުގެ ކައިރި ވަމުންދާވަރަކަށް ސިޔާސީ އެކި ފަރާތްތަކުން މިދަނީ ކެމްޕެއިން ވަޢުދުތައް ވަމުންނެވެ. މިގޮތުން އެންމެފަހުން ރައްޔިތުންނާއި ހަމަޔަށް އައީ އެމްޑީޕީ ގެ ސިއްހަތު ވަޢުދެވެ. އެ ޕާރޓީއިން އެހެން ވައުދުތައް ލޯންޗުކުރާ ފަދައިން ސިއްހަތު ވައުދުވެސް ލޯންޗުކޮށްފައި ވަނީ ވަރަށް ރޭވުންތެރިކަމާއި އެކުގައެވެ.

ސިއްހަތު މެނިފެސްޓޯ ތައްޔާރު ކުރެވިފައި ވަނީ ބަލާ ކޮންމެ މީހަކަށްވެސް އެ ބަލާލުމަށްފަހު ސިކުނޑިއަށް އެ ކަންތައްތައް ފަސޭހަކަމާއިއެކު ނެގޭނެ ކަހަލަގޮތަކަށެވެ. ވަކިން ހާއްސަކޮށް އޭގައި ބޭނުންކޮށްފައި ވާ އިބާރާތް " ގަރުބަގަތީއްސުރެ ނެތިދިއުމަށް ދާންދެން" މިއީ ސިކުނޑީގައި ވަރަށް ފަސޭހައިން ހަރުލާނެ ކަހަލަ އިބާރަތެކެވެ. ޖުމްލަކޮށް ބުނާނަމަ މުޅި މެނިފެސްޓޯގައިވެސް ހުރީ ވަރަށް "މޮޅު" ވާހަކަތަކެވެ. ނަމަވެސް އެންމެ ބޮޑަށް ލޮލުގައި އަޅައިގަތީ 2000 ޑޮކްޓަރުން ތަމްރީނު ކުރަން ފޮނުވޭ ވާހަކައެވެ.

ކޮންމެއަކަސް 2000 ޑޮކްޓަރުން ތަމްރީނު ކުރާނެ ކަމަށް ބުނުމުން ވަރަށް ގިނަމީހުން އެކަމާ އުފާއެބަކުރެވެ. އެއީ ވެދާނެ ކަމެއްތޯ ވިސްނާލީ ކިތައް މީހުން ކަމެއް ނޭނގެއެވެ.
ރަސްމީ ހިސާބުތައް ދައްކާގޮތުން 2012 އަހަރުގެ ޖެނުއަރީ އާއި ހަމަޔަށް ދިވެހިރާއްޖޭގެ އާބާދީ އަކީ 3 ލައްކަ އަށާވީސްހާހެވެ. ހުވަފެނީ ދުނިޔެ އެއްގައި ނަމަވެސް 2000 ޑޮކްޓަރުން ތަމްރީނުވެގެން ދިވެހިރާއްޖެއަށް އަތުވެއްޖެނަމަ، އާބާދިގެ ކޮންމެ 160 މީހަކަށް ޑޮކްޓަރަކު ހުންނާނެއެވެ. ބަލި މީހަކު ބަލަން ޑޮކްޓަރު ހޭދަކުރަނީ 15 މިނިޓް ކަމުގައި ވާނަމަ، ދުވާލަކު 8 ގަޑި އިރު ތެރޭ 32 މީހުން ބެލޭނެއެވެ. ހަފްތާއެއްގެ ތެރޭގައި 160 އަށްވުރެ ގިނަ މީހުން ބެލޭނެކަން ޔަޤީނެވެ. އެހެން ކަމުން 2000 ޑޮކްޓަރުންނަށް ހަފްތާއެއްގެ ތެރޭގައި ދިވެހިރާއްޖޭގެ މުޅި އާބާދި ބެލޭނެއެވެ. އަދި އިތުރަށް ބިދޭސީން ބެލި ކަމުގައި ވިޔަސް އެކަން ވެސް 2000 ޑޮކްޓަރުންނަށް ކުރެވޭނެއެވެ.

އެހެންކަމުން މި ޑޮކްޓަރުން ވަޒީފާގައި ތިބެން ބޭނުންނަމަ ޤައުމުގެ އާބާދީ ޖެހެނީ އަނެއް ހަފްތާގައިވެސް "ހުން" އަންނާށެވެ. އެހެން ނޫނީ ޑޮކްޓަރުން ތިބެންޖެހޭނީ ވަޒީފާނެތި ގޭގައެވެ. ދެން މިސާލަކަށް މި އިން ޑޮކްޓަރަކު ބަލި މީހަކު ބެލިޔަސް ނުބެލިޔަސް ދައުލަތުން މުސާރާ ދޭނީ ކަމަށް ވިސްނަމާ ހިނގާށެވެ. އެހެންކަމުގައި ވާނަމަ، އާންމު ގޮތެއްގައި ޑޮކްޓަރެއްގެ އެވްރެޖް މުސާރައަކީ 3000 ޑޮލަރެވެ. 2000 ޑޮކްޓަރުންނަށް މި އަދަދަށް މުސާރަ ދޭނަމަ، އެއީ އަހަރަކު 1.1 ބިލިއަން ރުފިޔާއެވެ. ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް އެންމެ 30 ބިލިއަން ރުފިޔާގައި ހުރި ޤައުމަކަށް މިއީ ވަރަށް ބޮޑު އަދަދެކެވެ.

ދެން އުފެދޭ ސުވާލަކީ 2000 ޑޮކްޓަރުން ތަމްރީން ކުރަން، ދަރިވަރުން ފުރަތަމަ ހޯދާނީ ކޮންތަނަކުން ބާވައެވެ. ދިވެހިރާއްޖެއިން އޭލެވެލް ނިންމަނީ އަހަރަކު 4000 އަށް ވުރެވެސް ދަށް އަދަދެއްގެ ދަރިވަރުންނެވެ. އަދީ އޭގެ ތެރެއިން ސައިންސް މާއްދާތައް ކިޔަވަނީ ދެބައި ކުޅަ އެއްބަޔަށް ވުރެވެސް މަދު ކުދިންނެވެ. އެކުދިންގެ ތެރެއިންވެސް މެޑިސިން ކިޔަވަން ޔުނިވަރސިޓީއަކުން ޖާގަ ލިބޭ ވަރަށް ފާސް ވަނީ އިނގިލިން ގުނާލެވޭވަރުގެ މަދު ކުދިން ކޮޅެކެވެ. ޑޮކްޓަރުން ތަމްރީނު ކުރުމަކީ އެއްގޮތަކަށް ވެސް ކެމްޕެއިން މެނޭޖަރުން ތަމްރީނުކުރާހެން ދެ ދުވަހުން ތަމްރީނު ކުރެވޭނެ ބައެއް ނޫނެވެ. ދެން މިކަމަށް ދާނެ ޙަރަދަށް ބަލާލަމާ ހިނގާށެވެ. ޑޮކްޓަރީކަން ކިޔަވަން މަދުވެގެން ކުއްޖަކަށް މިލިޔަނެއް ހާ ރުފިޔާ ޙަރަދުވާނެއެވެ. އެހެން ކަމުން 2000 ކުދިންނަށް އެންމެ މަދުވެގެން ވެސް 2 ބިލިއަން ރުފިޔާ ޙަރަދު ކުރަން ޖެހޭނެއެވެ. ދައުލަތުގެ ދަރަނި މިހާރުވެސް ހުރީ 20 ބިލިއަން ރުފިޔާއަށްވުރެ މަތީގައެވެ. ދެން އަދި 2 ބިލިއަން ރުފިޔާ މިގޮތަށް ޙަރަދު ކުރާނަމޭ ބުނުމުން ޤަބޫލު ކުރެވޭނީ ކިހިނެއްހެއްޔެވެ.

ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަށް ތިބީ ޔޫރަޕް ބައްރުގައެވެ. ޔޫރަޕްގެ ގައުމުތަކުގައިވެސް ކޮންމެ 1000 މީހަކަށް އުޅެނީ ޖުމްލަ ގޮތެއްގައި 3 ޑޮކްޓަރުންނެވެ. އެމްޑީޕީ ސިއްހަތު މެނިފެސްޓޯ ބުނާގޮތުން ކޮންމެ 1000 މީހުންނަށް 5 ޑޮކްޓަރުން ތިބޭނެއެވެ. ތަފާތު އެތައްގޮތަކުން ބެލިކަމުގައި ވިޔަސް މި އަދަދަކީ ހަމަޖެހޭ އަދަދެއް ނޫނެވެ.

އެމްޑީޕީ ގެ މެނިފެސްޓޯ ޑިޒައިންކުރެވިފައި ހުންނަނީ ބަލާލަން ފަސޭހަ ގޮތަކަށެވެ. ކުރެހުންތަށްވެސް ވަރަށް ސަޅިއެވެ. ނަމަވެސް އޭގައި ލިޔެވިފައި ހުންނަ އަދަދުތަކަކީ އެއްވެސް ހަގީގީ ހިސާބުތަކެއްގެ މައްޗަށް އެކުލެވިފައި ހުންނަ އަދަދުތަކެއް ނޫނެވެ. މި ކަންކަމާ ވިސްނާ ފިކުރު ކުރުމަކީ ރައްޔިތުން ކޮންމެހެން ވެސް ކުރަން ޖެހޭކަމެކެވެ. އަދި "އެކްޓުއަލް" އަދަދުތަކެއް މެނިފެސްޓޯގައި ލިޔުމަކީ އެމްޑީޕީ އިންވެސް ލަސްނުކޮށް ކުރަންވެއްޖެ ކަމެކެވެ.