ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ކޮމިޝަންތަކަށް ބާރުދޭން ބޭނުންނުވާ ސަރުކާރަށް ނިސްބަތްވާ މެމްބަރުން ތިބުމަކުން ހައިރާން ނުވާ ކަމަށް ކުރީގެ އޮޑިޓަރ ޖެނެރަލް، ނިޔާޒް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ނިޔާޒް މިހެން ވިދާޅުވީ ކޮމިޝަންތަކަށް ބާރުދޭން ބޭނުންނުވާ މެމްބަރުން ސަރުކާރުގައި އެބަތިބި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ.
Khairaaneh nuvey. Majileehuga mivaguthu thibi gina membarunnakee YAQ get sarukaarun MMPRC aa dhaulathuge ehenihen dhima dhimaa in hingi bodethi khiyaanaathuge faidhaa seedhaa gothunnaa nuseedhaa gothun libi eyga ungulhi thaqayyaruvefa thibi meehun. https://t.co/gMyOX5fvDF
— Niyaz Ibrahim (@niyaz_ibrahim) February 25, 2019
އެ ޓްވީޓްގައި ނިޔާޒް ވިދާޅުވެފައި ވަނީ މަޖިލީހުގައި މިވަގުތު ތިއްބެވި ގިނަ މެމްބަރުންނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ސަރުކާރުން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) އާއި ދައުލަތުގެ އެހެނިހެން ދިމަދިމާއިން ހިންގި ބޮޑެތި ޚިޔާނާތުގެ ދައިދާ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ލިބި، އޭގައި "އުނގުޅި، ތަޣައްޔަރުވެފައިވައި" ތިބި މީހުން ކަމަށެވެ.
ނިޔާޒް މިހެން ވިދާޅުވިއިރު، މިއަދުވެސް މަޖިލީހުގެ ކޯރަމް ހަމަނުވުމުގެ ސަބަބުން ދައުލަތުގެ ފައިސާ އާއި މުދަލަށް ޚިޔާނާތްތެރިވުމުގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނާއި، ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނަށް ބާރު ދޭ ބިލަށް ވޯޓަށް އެހޭގޮތް ވަނީ ނުވެފައެވެ.
މަޖިލީހުގެ ކޯރަމް ހަމަވާނީ 43 މެމްބަރުން ހަމަވުމުން ކަމަށްވާއިރު، މި ބިލަށް ވޯޓަށް އަހަން ބެލިއިރު މަޖިލީހުގެ ތަޅުމުގައި ތިއްބެވީ 42 މެމްބަރުންނެވެ.
ވޯޓަށް އެހޭ ވަރަށް މެމްބަރުން ހަމަނުވުމުން މަޖިލީހުގެ ރިޔާސަތުން ވަނީ މިއަދުގެ ޖަލްސާ ނިންމަވާލައްވާފައެވެ.