ފޯރިގަދަ މައިލޯ ސްޓްރީޓް ސޮކާ 2019 ގެ ކުއާޓާ ފައިނަލުގެ ހަތަރު މެޗުގެ ކުޅުން ރޭ ނިމި، ހަތަރު ޓީމެއް ސެމީއަށް ދަތުރުކޮށްފިއެވެ.
މުބާރާތުގެ ސެމީއަށް ދަތުރުކުރި ހަތަރު ޓީމަކީ، އެފްސީ ހަބޭސް، ސްކެވެންޖާސް، އެސްއެމްޓީ އަދި އެފްސީ ފެލްކަންއެވެ.
ރޭގެ ފުރަތަމަ މެޗުގައި ހަބޭސް ވާދަކުރީ މަރަދޫ ޔުނައިޓެޑާ ދެކޮޅަށެވެ. މުޅި މުބާރާތުގައި ވެސް ވާދަވެރި ކުޅުމެއް ދެއްކި މިދެޓީމުގެ ކުރިމަތިލުން ނިމިގެން ދިޔައީ ގައުމީ ފޯވާޑް، އިބްރާހިމް މަހުދީ ހަސަންގެ ދެ ލަނޑުން ހަބޭސް 0-2 އިން މޮޅުވެ މަރަދޫ ކަޓުވާލައިގެންނެވެ.
ދެވަނަ މެޗުގައި އެފްސީ ފެލްކަން ވަނީ ކަޅަބެންޗާއާ ވާދަކޮށް 0-2 ގެ ނަތީޖާއަކުން މޮޅުވެ ސެމީގެ ދެވަނަ ޖާގަ ކަށަވަރުކޮށްފައެވެ. ފެލްކަންގެ ލަނޑުތައް ކާމިޔާބުކޮށްދީފައިވަނީ އަލީ ނާފިއު އަދި އިސްމާއިލް އާސިފެވެ.
ސްކެވެންޖާސް އަދި ޒެފިއާ ބައްދަލުކުރި ފޯރިގަދަ މެޗު ނިމިގެން ދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް މެޗުގެ ފުރިހަމަ ވަގުތު ތެރޭ ލަނޑެއް ނުޖެހިއެވެ. ނަތީޖާއެއްގެ ގޮތުން ޕެނަލްޓީ ޖަހައިގެން 1-2 އިން ކުރި ހޯދީ ސްކެވެންޖާސްއެވެ. ޒެފިއާއަށް ޕެނަލްޓީއެއް ކާމިޔާބުކުރެވުނީ އާލިފް ފަހުމީއަށް އެކަންޏެވެ. ސްކެވެންޖާސް ޓީމުން އިސްމާއިލް މުނީޒް އަދި އިސްމާއިލް ޖީހާން ވަނީ ދެ ޕެނަލްޓީ ކާމިޔާބުކޮށްފައެވެ.
ފަހު މެޗުގައި ނެކްސަސް އަދި އެސްއެމްޓީގެ ބައްދަލުވުން ނިމިގެން ދިޔައީ 0-1 ގެ ނަތީޖާއިން އެސްއެމްޓީ މޮޅުވެ، ސެމީގެ ފަހު ޖާގަ ކަށަވަރުކޮށްގެންނެވެ. މެޗުގެ ހަމައެކަނި ގޯލު އެސްއެމްޓީއަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ހަސަން މުފީދެވެ.