މަނީ ލޯންޑަރިންގެ ދައުވާ އުފުލައި ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ތެރޭގައިި ދީނީ މިނިވަންކަން ޕްރޮމޯޓް ކުރުމުގައި ހަރަކާތްތެރިވާ ޖަމާއަތެއް ކަމަށްވާ އެލަޔަންސް އޮފް ކޮންޒަވޭޓިވްސް އެންޑް ރިފޯމިސްޓްސް އިން ޔޫރަޕް (އޭސީއާރްއީ) އިން ގޮވާލައިފިއެވެ.
އޭސީއާރްއީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް ޔާމީން ހައްޔަރުކޮށްފައި ވަނީ ސިޔާސީ ބޭނުމަކަށް ކަމަށާއި އަދި އެމަނިކުފާނު ވަގުތުން ދޫކޮށްލަން ޖެހޭ ކަމަށެވެ.އަދި ޔާމީން ހައްޔަރު ކުރުމަކީ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓުން މިނިވަންކަމާއެކު ކެމްޕެއިން ކުރުމަށް ހުރަސް އެޅޭ ކަމެއް ކަމުގައި ވެސް ބުނެފައިވެއެވެ.
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން އޭސީއާރްއީގެ މެންބަރުކަން ހޯދާފައި ވަނީ 2018 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.
ޕީޕީއެމުން އޭސީއާރްއީގެ މެންބަރުކަން ހޯދިއިރު ހައްދުފަހަނަޅާފައިވާ އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ ލިކޫޑް މޫވްމަންޓް އަކީ ވެސް އެ ޖަމިއްޔާގެ މެންބަރެކެވެ.
އިޒްރޭލުން ފަލަސްތީނުގައި ހިންގާ ޢުދުވާންތަކަކީ ނާޒީން ޖަރުމަނުގައި ހިންގި ފަދަ ޢަމަލުތަކެއް ކަމަށް މީގެ ކުރިން ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވުމުން އޭސީއާރްއީ ޖަމިއްޔާގެ ރައީސް ޒަހްރާދިލް ވަނީ އެކަމާއި ނުރުހުން ފާޅުކޮށްފައެވެ. އެފަހަރު އޭނާ ވިދާޅުވެފައި ވަނީ އުރުދުޣާން ވާހަކަތަކަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެއީ އޭސީއާރްއީގެ އުސޫލުތަކާއި ޚިލާފު ވާހަކަތަކެއް ކަމަށެވެ.
ދީނީ މިނިވަންކަމަށް ގޮވާލައި އޭސީއާރްއީގެ ފަރާތުން ހިންގާފައިވާ ހަރަކާތްތަކަށް ބަލާއިރު އެޖަމިއްޔާ އިން ވަނީ ބަހްރޭންގައި 2017 ވަނަ އަހަރު ދީނީ މިނިވަންކަމަށް ގޮވާލާ ޚާއްސަ ސަމިޓެއް ވެސް ބާއްވާފައެވެ.
2009 ގައި އެކުލަވާލި އޭސީއާރް އައި ޖަމާއަތް ޔޫރަޕިއަން ޕާލިމެންޓުން ބަލައިގަނެފައި ވަނީ 2010 ވަނަ އަހަރުއެވެ.