މި އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ޔޫރަޕުން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެ މިނިސްޓްރީ އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު ރާއްޖެއަށް 151،552 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެއީ މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު 6.5%ގެ ކުރިއެރުމެކެވެ. އޭގެ ތެރެއިން 83،528 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ ޔޫރަޕުން ކަމުގައިވާއިރު، އެއީ މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު 9%ގެ ކުރިއެރުމެކެވެ.
ދެވަނަޔަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 36.4%ގެ ހިއްސާއަކާއިއެކު އޭޝިއާ ޕެސިފިކް ސަރަހައްދުގެ ޤައުމުތަކުންނެވެ. އެގޮތުން މިދިޔަ މަހު މިސަރަހައްދުން ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ ޢަދަދު 55،116 އަށް އަރާފައިވެއެވެ. މިއީ 2018 ވަނައަހަރުގެ މިމުއްދަތާއި އަޅާބަލާއިރު %4.9ގެ ކުރިއެރުމެކެވެ.
މީގެ އިތުރުން މިދިޔަ މަހު އެމެރިކާ ސަރަހައްދުން 4.8% ގެ ހިއްސާއަކާއި އެކު ޖުމްލަ 7،239 ފަތުރުވެރިންނާއި، މެދުއިރުމަތީގެ ޤައުމުތަކުން %2.8 ހިއްސާއާއިއެކު ޖުމްލަ 4،200 ފަތުރުވެރިންނާއި، އެފްރިކާ ސަރަހައްދުން %1 ހިއްސާއާއިއެކު ޖުމްލަ 1،453 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވެއެވެ.
ވަކިވަކި ޤައުމްތަކަށް ބަލާއިރު، މިދިޔަ މަހުގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ 10 ޤައުމަކީ، ޗައިނާ (17%)، އިޓަލީވިލާތް (11.1%)، އިންޑިއާ (7.7%)، އިނގިރޭސިވިލާތް (6.7%)، ޖަރުމަނުވިލާތް (6.5%)، ރަޝިއާ (6.4%)، ފަރަންސޭސިވިލާތް (4.7%)، ޔޫ.އެސް.އޭ (2.9%)، އޮސްޓްރޭލިއާ (2.1%) އަދި ޖަޕާން (2.1%) އެވެ.
މިދިޔަ ޖެނުއަރީ މަހުގެ ނިޔަލަށް ރާއްޖޭގައި ފަތުރުވެރިން ބޭތިއްބުމަށް ޓޫރިޒަމް މިނިސްޓްރީގައި ގައި ރަޖިސްޓްރީ ކުރެވިފައިވާ 45،090 އެނދުގެ ތެރެއިން އެވްރެޖްކޮށް 44،037 އެނދު އޮޕަރޭޓް ކުރެވިފައިވާއިރު، މިމުއްދަތުގައި ރާއްޖޭގައި ފަތުރުވެރިން ހޭދަކޮށްފައިވާ ރޭގެ އަދަދު ވަނީ %1.3 އިތުރުވެފައެވެ. އަދި ރާއްޖޭގެ ރިޒޯޓް، ހޮޓާ، ގެސްޓްހައުސް އަދި ސަފާރީ އުޅަނދުތަކުގެ އަންދާޒާކުރެވޭ ޖުމްލަ ބެޑްނައިޓްސް އަކީ 953،624 އެވެ. އަދި މިމުއްދަތުގައި ރާއްޖޭގައި ފަތުރުވެރިން އެނދު ބޭނުންކޮށްފައިވާ ނިސްބަތް 69.9% އަށް އަރާ ކަމަށާއި، މިމުއްދަތުގައި އެވްރެޖްކޮށް ފަތުރުވެރިއަކު ރާއްޖޭގައި 6.3 ދުވަސް ހޭދަކޮށްފައިވާ ކަމަށްވެސް ތަފާސްހިސާބުތަކުން ދައްކައެވެ.