* ބާބު 1:
އަހަރެންނަކީ ވަރަށް ސަކަ މިޒާޖެއްގެ އަންހެން ކުއްޖަކީމެވެ. ހިނިތުންވުމާއި އެކުވެރިންނާ އެކު މަޖާ ކުރުމަކީ އަހަރެން ކިޔެވުމަށް ވުރެ އިސްކަންދޭ އެއް ކަންތަކެވެ. އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ނާޒިމް އާ އެކު ގޮނޑުދޮށައް ދާން ދިޔައީމެވެ.
"ފިޔާ…އަހަރެން މި އައީ ތީނަ އަށް ހަދިޔާއެއް ވެސް ހިފައިގެން." ނާޒިމު އަހަރެން ކައިރީ މިހެން ބުނެލަމުން ހިނިތުންވެލި އެވެ.
"ކޮބާ ދައްކަބަލަ؟" އަހަރެން މާ ނޫން ގޮތް ދައްކަމުން ބުނެލީމެވެ.
"ފިޔާ ނިކަން އެ ފަރާތް ބަލާލަބަލާ." ނާޒިމު އަހަރެންގެ ކޮނޑުގައި ހިފާ އަނބުރާލަމުން ބުނެލި އެވެ. އަހަރެން ކާން ހިފަހައްޓައިގެން އިން އަނބު އަނގަޔަށް ލަމުން އެނބުރިލީމެވެ. އަހަރެންގެ މުޅި ހަށިގަނޑު ގަނޑުވި ކަހަ ލައެވެ. ދައުރު ކުރަމުން ދިޔަ ވިލާތައް ވެސް އެއް ފަހަރާ ހުއްޓުން އެރިއެވެ. އެހެން ނުވާންވީ ކީއްވެތޯ އެވެ؟ އަހަރެންގެ ކުރިމަތީ ހެވި ދިއްލިފައި މިހިރީ އަހަރެންގެ ހިތުގައި ރަސްކަން ކުރަމުން އަންނަ ރަސްގެފާނެވެ.
އަވަށުގެ ގިނަ އަންހެން ކުދިންގެ ހިތުގެ ތެޅުމެވެ. އެ މީހަކަށްޓަކައި އަހަރެންގެ ހިތުން ޖާގަ ހުސްކޮށްފައިވި ރަސްގެފާނެވެ. ރިސާލާ އާއި ސޯދިގާ އަދި ނާޒިމު ކައިރީ އަހަރެން ވަނީ މި ލޯބިވެރިޔާ އާ ބެހޭ ގޮތުން ތަފާތު ފޮނި ކަނޑާފަ އެވެ. އެކަމަކު އޭރު އަހަރެންނާ ދުވަހަކު ވެސް އޭނާ ވަހަކައެއް ނުދައްކަ އެވެ.
މާ ކާމިޔާބު މީހަކަށް ވެގެން މި އުޅުނީ މަތިން ބައިން ޖެހިގެން ވެސް މި އުޅުނީ ހަމަ އަހަރެންނެވެ. އަހަރެން ދެނެ ހުރި ގޮތުން މިކަމެއް އޭނާއަކަށް ނޭނގޭނެ އެވެ.
"އޭއި މިހާރު ބައްޔެއް ޖެހިފަހެން ތިހިރީ ކިހިނެއްވީ؟ ބުނީމެއްނު މީ ތީނަގެ ބިޓެކޭ. މަ މިޔައީ ގޮވައިގެން އެހެންވެ." ހެމުން ނާޒިމު ޖޯކް ޖެހި އެވެ. އަހަރެން ނާޒިމު އާއި ދިމާއަށް އެނބުރިލީމެވެ.
"ދެން ރަނގަޅު…ކީއްކުރަން މި ޖޯކަރު މިތަނަށް ގެނައީ؟" އަހަރެން އެހެން ބުނިތަނާ ނާޒިމް ހެމުން ގޮއްސި އެވެ، ގުޑިލަން ވެސް ނޭނގިފައި ހުރީ އަހަރެންނެވެ. ރިޔާސް އަހަރެންގެ ކުރިމައްޗަށް އެރި އެވެ.
"ފިޔާޒާ އަހަރެންނާ ރައްޓިހި ނޫންތަ؟ ދެން ލަދުން މޯޅިވެފައި ތިހިރީ ކީއްވެޔޯ؟" ލާނެއް ހިނިތުންވުމަކާ އެކު ރިޔާސް އަހަރެންނާ ސުވާލު ކުރި އެވެ. ދެންވެސް ބޮޑަށް އަހަރެން މޫނު ފޮރުވީމެވެ. ރިޔާސް އަހަންގެ އަތުގައި ހިފާ މޫނުން އަތް ނެއްޓުވި އެވެ.
އަހަރެންގެ ހިތުގައި ހީވީ މީހަކު ކަރަންޓް ޖެއްސިހެންނެވެ. ނޫނީ އަހަރެންނަށް އެހެންޏާ ނުވާ ބައިވަރު ގޮތްތަކެއް ވެގެން ދިޔަ އެވެ.
"ފިޔާޒާ ދެން ހަމަ އަނގައިން ނުބުނާނަންތަ؟ އެހެންވެއްޖެއްޔާ ދަނީ؟" ރިޔާސް އަހަރެންގެ ފުރިހަމަ ނަން ބޭނުން ކުރުމުން ހީވީ މުޅި ކާއިނާތުގައި ހުރީ އަހަރެން އެކަނި ހެންނެވެ. އުފަލުން އުދުހެވެން އުޅުނެވެ.
* ބާބު 2:
'އަ…ޅު.. ގަނޑަ.. ށް މާފު ކުރޭ" ތުރުތުރު އަޅާއަޑަކުން އަހަރެންނަށް ބުނެވުނެވެ. އެވަގުތު ކުއްލިއަކަށް ވަލުތެރެއިން ދެ ބުޅާ ކޯޅެމުން އަހަރެމެން ތިބި ތަނަށް ފުންމާލި އެވެ. ގަންނާ ކުރެއްވި ބިރުން އަހަރެންނަށް ރިޔާސް ގައިގައި އޮޅުލައި ގަނެވުނެވެ. ސާދަ އަހަރުގެ މި ޅަ އަންހެން ކުއްޖާ އަށް ރިޔާސް އޭނާގެ މޭގެ ހިމާޔަތް ދިނެވެ. ދެ މީހުންނަށް އެ ގޮތަށް ތިބެވުނީ ކިހާ އިރެއް ވަންދެން ކަމެއް ވެސް ނެނގުނެވެ.
ކުއްލިއަކަށް ނާޒިމް ކަރުކެހިލި އަޑަށް ދެ މީހުން ވެސް ދުރުވެލި އެވެ. އަހަރެން ލަދުން ދުވަމުން ދުވަމުން އައީ ގެއަށެވެ. އެ ވަގުތު ނާޒިމް އެތަނަށް އައީތީ އަހަރެން ނާޒިމް ދެކެ ރުޅި ވެސް އަ އެވެ. އަހަރެންގެ ހިތުގައި ފޮނި ކަމެއް މި ވަގުތު އެކުލެވިގެން ވެ އެވެ.
"އޭއި ކިހިނެއްވެފަ ފުރާޅު މައްޗައް އަރާ ތި އިނީ؟" އަހަރެންގެ ބޮޑުދައިތަ ސާއިރާ ގެ އަޑުން އަހަރެން ސިހިފަައި ބަލާލީމެވެ.
ދޮގެއްވާ ނޫނެވެ. އަހަރެން މި އިނީ ގޭފުރާޅު މައްޗަށް އަރަ އެވެ. ހިނިތުންވެލަމުން އަހަރެން ފައިބަން ފެށީމެވެ. އެކަމަކު ބިރުން މަޑުކޮށްލީމެވެ.
"ސާއިރާއްތަޔަކަަށް ނޭނގޭތަ ވިއްސާރަ ވާން އުޅޭ ކަމެއް؟ އެހެންވެ އަހަރެން ފުރާޅު ސާފުކޮށްލިއޭ."
"ކިހާ ރަނގަޅު އެއްވެސް ސާފު ކުރާ ސާމަނެއް ނެތި ކަލޭ ފުރާޅު މައްޗަށް އަރާ ތިިނީ ސާފު ކުރަންށޯ" ކުދި ކިޔަމުން ސާއިރާއްތަ ބަދިގެ ދޮށަށް ދިޔަ އެވެ.
ފުރާޅު މަތިން ނުފޭބިފައި އިނީ އަހަރެންނަށެވެ. މިތަނަށް އަހަރެންނަށް އެރުނު ގޮތެއްވެސް އަހަރެންނަކަށް ނޭނގުނެވެ. އެވަގުތު ރިސާލާ އަހަރެން ހޯދަން ގެއަށް އަ އެވެ. ފުރާޅު މަތިން އަހަރެން ފެނުނީމާ އޭނާ ހައިރާން ވިއެ ވެ. އަހަރެން ވެސް އޭނާއަށް ފޮނި ދައްކާލީމެވެ.
"އޭ ފިޔާ ގަދަ އިނގޭ ކަލޭ ފުރާޅު ސާފުކޮށްލަނީ އެކަމަކު ނާޒިމް ބުނި ކަލޭ…"
"އޭ އެހަރަ ހަރުގަނޑު މިތަނަަށް ކައިރިކޮށްބަލަަ މާ އަނގަ ގަދަ ނުކޮށް މިހާރު ސާފުކޮށް ވެސް ނިމުނީއޭ" އަހަރެން ދުރުގައި ހުރި ހަރުގަނޑަށް އިޝާރަތްކޮށް ބުނެލީމެވެ. ރިސާލާ ބުނަން އުޅުނު ޖުމްލަ ބުނެވުނު ނަމަ ކައިރިން ގޮސް ގޮސް ހުރި މަންމަ އަށް އަހަރެންގެ މި އަދުގެ ސިއްރު ފަޅާ އެރީހެވެ.
ނަސީބަކުން މަންމަ ވެސް އިތުރު ސުވާލެެއް ނުކޮށް ދިޔައީ އެވެ. ވާނީ ވެސް އެހެންނެވެ. ގޭގެ ކެއްކުމުގެ ހުރިހާ ޒިންމާއެއް މާމަ އޮންނަނީ މަންމަގެ ބޮލުގައި އަޅުވާފަ އެވެ.
މަންމަ ހުންނާނީ އެކަންތައް ބޮޑުދައިތަ ސާއިރާ އާ ހަވާލުކޮށްފަ އެވެ. އެހެންވެ ބޮޑު ދައިތަ އެކަންތައް ކުރޭތޯ ސްޕަަވައިޒަރެއްހެން މަންމަ ބަލަން ހުންނާނެ އެވެ. މާމަމެންގެ މަސައްކަތަކީ ވަލަށް ގޮސް ދަރު ގެނައުމެެވެ.
(ނުނިމޭ)