(ޖޫން 4، 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)
* ބާބް 3:
ކާފަ ކުރާ މަސައްކަތަކީ ރުކު އެޅުމެވެ. ކޮންމެ ދުވަހަކު ހެނދުނާއި ހަވީރު އަވަށު ކުދިންނަށް ތާޒާ ރުކުރާ އަހަރެމެންގެ ގެއިން ލިބެން ހުންނާއެ ވެ. މިކަމާ އަހަރެމެންގެ ގެއަކީ ވަރަށް މަޝްހޫރު ގެއަކަށް އޮންނަނީ ވެފަ އެވެ.
ޖެހިގެން އައި ދުވަހެެވެ. އަހަރެންނަށް ރިޔާސް ގެ ސިޓީއެއް ލިބުނެވެ. ނާޒިމް ރުކުރާ ބޯން އައިސް އަހަރެންނާ ސިއްރުން ސިޓީ ހަވާލުު ކުރި އެވެ. އަހަރެން ސިޓީ ހިފައިގެން ދެކޮޅު ހޯދާ ބަލާލުމަށް ފަހު ވަނީ ގިފިލިއަށެވެ. ވަޅުގެ ހުންނަނީ އުޑު ހާމައަށެވެ. ވަށައިގެން ހުންނަަ ގެތަކުގެ ފުރާޅު މައްޗަށް އެރީމާ ފެންނަ ގޮތަށެވެ. އެހެންވެ އަހަރެން އެ ސިޓީ ކިޔަން ފުންމާލީ ވަޅަށެވެ. އެ ވަޅަކީ ސިޑި ތަކެއްލާފައި ހުންނަ ފައިބަން ފަސޭހަ ވަޅެއް ކަމުން އެއްވެސް ޖެހިލުމެއް ނެތި އަހަރެން ވަޅުގެ ސިޑި މަތީ އިށީނދެލީމެވެ.
އެ ސިޓީއަކީ އަހަރެންގެ ހަޔާތުން އަހަރެންނަށް ލިބުނު ފުރަތަމަ ލޯބީގެ ސިޓީ އެވެ. އަހަރެން އެ ސިޓީ ވިއްސަކަށް ފަހަރަކު ކީމެވެ. އެކަމަކު އެއިން އެކައްޗެއް ވެސް އަހަރެންގެ ބޮލަކަށް ނުވަނެވެ. ވާނީ ވެސް އެހެންނެވެ. އަހަރެންނަކީ އެހާ މޮޅު މީހެއް ނޫނެވެ. ދިވެއްސަށް މޮޅު ނުވިތާ އިނގިރޭސިން ލިޔެފައި މިހިރަ އެއްވެސް އެއްޗެއް އަހަރެންގެ ސިކުނޑިއަކަށް ނުވަނެވެ. ވާނީ ވެސް އެހެންނެވެ.
މަންމަމެން ކިޔަވަން ފޮނުވީމާ ކިޔަވަން ތިބޭ ކުދިންނަށް ޖޯކް ޖަހާފައި މަޖާ ކުރަނީ ހަމަ އަހަރެންނެވެ. މިއަދު މި އޮތީ ލޯބިވެރިޔާގެ ސިޓީ ކިޔަން އެހެން މީހެއް ކައިރިއަށް ދާން ޖެހިފަ އެވެ. އަހަރެން ނާޒިމް ކައިރިއަށް ދާނަމެވެ. މި ސިޓީ އަހަރެންނަށް ކިޔައި ދޭން ޖެހޭނީ އޭނާ އެވެ.
"ފިޔާ…ފިޔާ ހާދަ އިރެކޭ ކޮބާތަ ކަލޭ…" އަހަރެންގެ ލާނެއް އެކުވެރިން ކޮޅު އަހަރެން ހޯދަމުން ވަޅުގެ ފަރާތަށް އައީ އެވެ. ހިނދުކޮޅަކަށް އަހަރެން ނުފެނުނަސް މި މީހުންނަށް ހީވާނީ އަޒާބެއް ލިބިގެން އުޅޭހެންނެވެ. ވާނީ ވެސް އެހެން ނެވެ. އެ މީހުން ތަންތަނަށް ދާން ގެއިން ބޭރަށް ނެރެ ދެނީ އަހަރެންނެވެ. އެ މީހުންގެ މަންމަމެން އެމީހުން އަހަރެންނާ އެކު ވިއްޔާ މައްސަލައެއް ނެތި ފޮނުވާނެ އެވެ. އަހަރެންގެ ބައްޕައަކީ ޤުރުއާން މުދައްރިސެކެވެ
"ކިހިނެއްތަވީ؟" ވަޅު ތެރެއިން އިނދެގެން އަހަރެން ޖަވާބު ދިނީމެވެ. އަހަރެންގެ އަޑު އިވިގެން އެންމެން އަހަރެން ހޯދަމުން އެ ފަރާތައް އަ އެވެ. ވަޅުތެރެއިން އަހަރެން ފެނުމުން އެންމެން ހައިރާންވެގެން ބަލަން ތިއްބެވެ. އެވަގުތު ސާއިރާއްތަ އައިސް އަހަރެން އަތުގައި ހިފާ ވަޅުން ނެގި އެވެ.
"އެކަމަކު ފިޔާޒާ…އްޔެ ކަލޭ އިނީ ފުރާޅު މައްޗަށް އަރާ މިއަދު ތިއިނީ ވަޅަށް އެރި. ކިހިނެއްވެގެންތަ ތި އުޅެނީ؟" ސާއިރާއްތަ ބުނެލި އެވެ.
"އޭނާ ޖިންނި އަވަލީ…ޔަގީން…" މާމަ ގޯތި ތެރެއަށް ވަންނަމުން ބުނެލި އެވެ.
"އެހެންނު ވާނީ އިއްޔެގަ ވެސް ކަށިކެޔޮ ފީނި ތެރެއަށް މީނަ ވަދެގެން އުޅެނިކޮށް ދޮން އައްޔަ އަށް ވެސް ވަނީ ފެނިފަ. ކިޔަވަނީކީ ނޫން. ބުރާސްފަތި ދުވަހު ދަބަސް ގެނެސް ކޮނޑުން ބޭލި ގޮތަށް އޭތި އެ އޮތީ މާދަމާ މީ މަދުރަސާ އަށް ދާ ދުވަސް. ފޮތެއްގަ އަތް ވެސް އޭނަ ނުލާ. " މަންމަ ވެސް މާމަމެންނާ އެއްކޮޅަށް އަހަރެންނަށް ބޮޑު ތަރުތީބު ކިޔައި ދޭން ފެށި އެވެ. އަހަރެންގެ އެކުވެރިންނާ އަހަރެން މަޑުމަޑުން ނިކުތީ އެވެ.
"ކިހިނެއްތަވީ މާ ވަރަކަށް މަތި ހޯދަނީ؟" އަހަރެން އެ މީހުންނާ ކުރިމަތިލީމެވެ.
"ނާޒިމްމެން އެބަތިބި އަނބު މަޖާ ހަދައިގެން ހިނގާ ދާން." ސާދިގާ އެ މީހުން އައި ބޭނުން ކިޔައި ދިނެވެ. އަހަރެން އެމީހުންނާ އެއްކޮށް ދިޔައީމެވެ. ނާޒިމް ފެންނަ އިރަށް އަހަރެން ގޮވާލީމެވެ.
"ބުނަންތަ ވާހަކައެއް ކަލޭ މި ގެނައި އެތި ކިޔާކަށް މަށަކަށް ނޭނގުނު. އޭނަ ކައިރި ބުނޭ. މަށަށް ސިޓީ ލިޔަންޏާ ދިވެހި ބަހުން ލިޔާށޭ. އަން މީތި ގެންދޭ." އަހަރެން އެހެން ބުނެފައި އެ ސިޓި ނާޒިމް އަތަށް ދިނީމެވެ. އަދި ގެއަށް ދާން ހިނގައިގަތީމެވެ.
"އޭ މިރޭ ބައްދަލު ކުރަންވާނެ ޔޯ ރިއްސުމެންގެ ވަލުން އޯކޭ ތަ؟" ނާޒިމު މިހެން ބުނުމުން އަހަރެން މަޑު ޖެހިލަމުން އެނބުރިލީމެވެ.
"ވަލުންނޭ…މިހާރު ވެސް މާމަ އެބަ ކިޔާ މަށާ ޖިންނި އަވަލީޔޯ. ވަރަށް ރަނގަޅު ބައްދަލު ކުރާނަން." އަހަރެން ގެޔަށް ދިޔައީ އެވެ.
ގެއަށް ގޮސް މަންމަމެން ހިތްހަމަޖައްސަން އަހަރެން ޤުރުއާން ބާރު ބާރަށް ކިޔެވީމެވެ. މެދު ގޭތެރޭ ތިބި ބޮޑުދައިތަމެންނާއި މަންމަ އަށް އަޑު އިވޭ ވަރަށެވެ. އަހަރެން ކިޔަވާ އަޑު ރީތިކަމުން މަންމަމެން އަ އެވެ. އަދި އަޑު އަހަން ތިއްބެވެ. މިކަމުން އަހަރެން ފަހުރުވެރި ވެލީމެވެ. އަހަރެން ކިޔަވާ ނިމޭ އިރަށް މަންމަ ހިނިތުންވެލި އެވެ.
"ފިޔާޒާ ތަނަކަށް ދާން ހުއްދަ ހޯދަންވީ ދޯ؟"
"މަންމަގެ ވިސްނުން ހާދަ ރަނގަޅޭ. މިރޭ އަހަރެން ރިސާލާމެން ގެއަށް ދާން ބޭނުން."
"އާނ…އެހެންވެއްޖެއްޔާ އެ ފަރާތުގަ ހުރި ހެދުންތަށް ދޮވެ ހިއްކަން އަޅަން ވާނެ އިނގޭ ދިޔުމުގެ ކުރިން."
ޔަޤީނެވެ. އެ ވެސް މާމަ މަންމަ އާ ހަވާލު ކުރި ކަމެކެވެ. އެކަމަކު ފުރުސަތު ބަލާފައި މަންމަ ފައިދާ ނެގީ އެވެ. ދެން ކޮންމެ ގޮތެއް ވިޔަސް މަންމަ އަހަރެން މިކަންތައް ކުރޭތޯ މަންމަ ބަލާނެ އެވެ. އެވަގުތު ބޮޑުދައިތަ އައިސް އަހަރެންގެ އަތަށް ފިހިގަނޑާއި މޮޕް ދިނެވެ. އަދި ފާޑަކަށް ނިން އަރުވާފައި ދިޔައީއެވެ.
އެ ވަގުތު އަހަރެންނައް ސިފަ ކުރެވުނީ އަހަރެންނަކީ ސިންޑުރެއްލާހެންނެވެ. ސިންޑުރެއްލާ ވެސް ޕެލަސްގައި އޮންނަ ޕާޓީއަކަށް ދިޔުމަށްޓަކައި ތަފާތު ކަންތައް ކުރަން ޖެހެ އެވެ. އެކަމަކު އޭނާ އަށް އެހީވާން އޭނާގެ ޕަރީ އަ އެވެ. ސިންޑުރެއްލާ އާއި މަށާ ހުރި ތަފާތަކީ ކޮބައި ހެއްޔެވެ؟
މަ މިދަނީ މަ އެންމެ ލޯބިވާ މީހާ އާ ބައްދަލު ކުރާށެވެ. ކެތްކޮށްލާނީ އެވެ. ގިނަ ދުވަސްތަކެއް ނުވެ އޭނަ އަހަރެންނާ ކައިވެނި ކުރާނެ އެވެ. އަދި ކާރެއްގައި އަހަރެން މި ގެއިން ގެންދާނެ އެވެ. އަހަރެންގެ ހިޔާލީ ދުނިޔެ އިން އަހަރެންނަށް އާދެވުނީ އަހަރެންގެ ކުޑަ ބުޅާ އައިސް ފައިގައި ނިގޫ ކާއްތާ ރޯލީމަ އެވެ.
"އާދޭ ކަލޭ ބަނޑުހައިވީ ދޯ." އަަހަރެން ކުޑަ ބުޅަލާ ވާހަކަ ދައްކަމުން ހުރިހާ މަސައްކަތެއް ކުރަމުން ދިޔައީ މެވެ.
ވަރުގެ ކޮޅަށް ނަލަ ހެދިލީމެވެ. ލޯގަޑު ކުރިމައްޗަށް އަރާ ފަރި ހަރަކާތްތަކެއް ކޮށްލީމެވެ. އެކަމަކު ވެސް އަހަރެން ރީއްޗެއް ނޫނެވެ. އިސްތަށިގަނޑު އިންތިހާއަށް ދިގުކަން ފިޔަވައި އެއްވެސް ރިތި ކަމެއް އަހަރެންގެ ނެތެވެ. ނާޒިމް ގަޑިއަށް އަހަރެން ބަލާ އަ އެވެ.
ރިޔާސް މޫދާ ދިމާއަށް ބަލަހައްޓައިގެން ވިސްނުމެއްގެ ތެރޭ ހުއްޓެވެ. ނާޒިމު އަހަރެން އޭނާ ކައިރިއަށް ކޮއްޕާލި އެވެ. ނަމަވެސް ނުޖެހި ސަލާމަތްވި އެވެ.
(ނުނިމޭ)