Last Updated: November 24, 19:19
Sunday, November 24, 2024
ރިޕޯޓް

އައްޑޫގެ ޓެކްސީތައް އާންމުން "ފެލަނީ"

އައްޑޫއަކީ މާލެ ފިޔަވައި މިހާރު އެންމެ ދަތުރު ފަތުރު ކުރާ އުޅަނދުތައް ގިނަ ތަނޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. ނަމަވެސް ހިތާމައަކީ މިހާރަކަށް އައިސް އައްޑޫގައި ދަތުރުފަތުރުގެ ހިދުމަތްދޭ ބައެއް ފަރާތްތަކުން އެ މީހަކު "ހިތަށް" އަރާ އަގެއް އާއްމުންގެ އަތުން ނަގަމުން ދާތީ އެވެ.

ކުރިން ބައެއް ޓެކްސީ ސެންޓަރުތަކުން ވަކި އަގެއް ކަނޑައަޅައިގެން އަގުތައް ނަގަމުންދާ އިރު މިހާރު އެކަންތައް މުޅިންހެން ބަދަލުވަމުންދާ ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދެ އެވެ. ހާއްސަކޮށް ދަންވަރު ގަޑީގައި ކުރާ ދަތުރުގެ އަގުތަކަށް ބޮޑެތި ބަދަލު އެބަ އާދެ އެވެ.

މިކަމުގެ ޝަކުވާ ބޮޑުވެފައިވާ އިރު ބައެއް ޓެކްސީ ކުރާ ފަރާތްތަކުން ބުނަމުން ދަނީ ދަތުރުގެ އަގުބޮޑު ކޮށް ކުރަން ޖެހެނީ މިހާރަކަށް އައިސް ދަތުރުތައް މަދުކަމުންނެވެ.

ނަމަވެސް މިކަމުގައި އެހެން ބަޔަކު ދެކޭ ގޮތް އަދި މާ ބޮޑަށް ތަފާތެވެ. އުޅަނދުތައް މަރާމާތު ކުރުމަށް ގެންނަ ތަކެތި ލިބުން އުނދަގޫވުމާއި ތެލުގެ އަގު ބޮޑުވާތީ ކަމަށެވެ.

ހިތަދޫގެ ޓެކްސީއަކުން ފޭދު އަށް ކޮޅަކަށް 120ރ. ނުވަތަ 130 ރުފިޔާ ނަގާ އިރު ފޭދޫ ޓެކްސީ އަކުން ފޭދޫން ހިތަދު އަށް ކޮޅަކަށް 100 ރުފިޔާ މިހާރު އެ ބަނަގަ އެވެ. މިއީ 30 ނުވަތަ 20 ރުފިޔާގެ ތަފާތެކެވެ. ހަމަ އެގޮތަށް ހިތަދޫގެ ބައެއް ހިސާބުތަކަށް ކުރާ ދަތުރުގެ އަގުތަކަށް ވެސް ބޮޑެތި ބަދަލުތަކެއް އަންނަކަން ފާހަގަ ކުރެ އެވެ.
ކޮންވެންޝަން ސެންޓަރު ހުރި ހިސާބަށް ބައެއް ޓެކްސީތަކުން 50 ރުފިޔާ ނަގާ އިރު ބައެއް މީހުން 25 ރުފިޔާ ވެސް ނަގާފައި އެބަހުއްޓެވެ.

ހަމައެގޮތަށް ފޭދޫއިން ގަމަށް 50 ރުފިޔާ ނަގާއިރު ބައެއް މީހުން 40 ރުފިޔާ ވެސް ނަގާފައި އެބަ ހުއްޓެވެ. ފޭދޫ އެތެރޭގެ ދަތުރުތަކަށް 20ރ. ބައެއް މީހުން ނަގާ އިރު އަނެއް ބަޔަކު 25ރ. ނަގަ އެވެ.
ބައެއް ޓެކްސީ ސެންޓަރުތަކުން ބުނަމުން ދަނީ އަގުތައް އިތުރަށް ނަގާ ކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށާއި ނަމަވެސް މިކަމުގައި ކުރެވޭނެ މާ ބޮޑު ކަމެއް ނެތް ކަމަށެވެ.

ސަބަބަކީ މިހާރުން މިހާރަށް ވެސް ސަރުކާރުން ވަކި އަގުތަކެއް ކަނޑައަޅާފައި އެކަމާ ހިލާފުވާ ޓެކްސީތަކަށް ހަރުކަށި ފިޔަވަޅު އަޅައިގެން ނޫނީ ހައްލު ނުވާނެ ކަމަކަށް ވެފައިވާތީ އެވެ.

މިކަމުގެ ޝަކުވާ އާންމުގެ ފަރާތުން މިހާރު ގިނަވެފައިވާ އިރު މި ސިޓީއަކީ ވެސް ޓްރާންސްޕޯޓް ޔުނިޓެއް އޮންނަ ސިޓީއެކެވެ. ރައްޔިތުންނަށް މިކަހަލަ މައްސަލަތަކާ ކުރިމަތިލާން ޖެހިފައިވާ އިރު މިކަމުގެ ޒިންމާ ނަގާނެ ފަރާތެއް ވެސް ހުންނަން އެބަ ޖެހެ އެވެ.

ރައްޔިތުންނަށް ހިދުމަތް ދޭ ބަޔަކު ވަޒީފާ ދީފައި ތިބޭ އިރު ރައްޔިތުންނަށް ދިމާވެފައިވާ މިކަހަލަ މައްސަލަތައް ހައްލު ނުކުރެވޭ ކަމަށް ވާނަމަ އެ ބޭފުޅުންގެ ޒިންމާ އާ ދޭތެރޭ ސުވާލު ވެސް ކުރަން އެބަ ޖެހެ އެވެ.

މިކަމަކީ ވަކި ޤަވާއިދެއްގެ ދަށުން ނަމަވެސް ހަމަޔަކަށް އަޅުވަން ޖެހިފައިވާ ބޮޑު މައްސަލައެކެވެ. ދަތުރުފަތުރުގެ އަގުތައް ވެސް ސަރުކާރުން ކަނޑައަޅަން ޖެހޭ އިރު މިކަމުގައި ކޮންމެވެސް އެއް ބަޔަކު ވަނީ އިޙްމާލުވެފަ އެވެ.