Last Updated: November 28, 04:25
Wednesday, November 27, 2024
ދުނިޔެ

58% އާއެކު ސެނެގާލްގެ ރައީސް ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފި

ސެނެގާލްގެ ރައީސް މެކީ ސާލް - ފޮޓޯ: ގެޓީ އިމޭޖެސް

މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައި، ސެނެގާލްގެ ރައީސް މެކީ ސާލް ވެރިކަމުގެ ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފި އެވެ.

ސެނެގާލްގައި ވެރިކަމުގެ ދައުރަކީ ހަތް އަހަރު ދުވަސް ކަމުގައިވާއިރު، ރައީސް ސާލް ނިމިގެންދިޔަ އިންތިޚާބު ކާމިޔާބުކުރައްވާފައި ވަނީ 58% އަށްވުރެ ގިނަ ވޯޓު ހޯދައިގެންނެވެ.

ރައީސް ސާލް ވެރިކަމަށް ފުރަތަމަ އިންތިޚާބުވެވަޑައިގެންނެވީ 2012 ވަނަ އަހަރު އެވެ. ކެމްޕެއިންގެ ތެރެއިން އެމަނިކުފާނު ވަނީ އިންފްރާސްޓްރަކްޗަރގެ މަޝްރޫޢުތަކަށް އިސްކަންދެއްވައިފަ އެވެ.

އެގޮތުން އެމަނިކުފާނު ވަނީ އަހަރެއްގެ ތެރޭގައި ސެނެގާލްގެ އިޤްތިޞާދަށް 6% އަށްވުރެ ބޮޑު ކުރިއެރުމެއް ހޯދުމުގައި ބޮޑު ރޯލެއް އަދާކުރައްވައިފަ އެވެ.

އެހެންނަަމަވެސް، ފާޑުކިޔުންތެރިން ބުނާ ގޮތުގައި މި މަޝްރޫޢުތަކުގެ ފައިދާ ސެނެގާލްގެ ރައްޔިތުންނަށް ކޮށްފައި ނުވާ ކަމަށެވެ.

ޑާކަރްގެ ކުރީގެ މޭޔަރ، ޚަލީފާ ސާލް (ރައީސް އާއި އެއްވެސް ގުޅުމެއް ނެތް) އަދި ކުރީގެ ރައީސްގެ ދަރިކަލުން ކަރީމް ވޭޑް އަށް ވަނީ ކޮރަޕްޝަންގެ ތުހުމަތުތައް ސާބިތުވުމާއި ގުޅިގެން އިންތިޚާބުގައި ވާދަކުރެއްވޭ ގޮތް ނުވެފައެވެ.

އެހެންކަމުން ސޯޝަލިސްޓް ޕާޓީ އާއި ސެނެގަލީސް ޑިމޮކްރެޓިކް ޕާޓީ އިން ވަނީ އިންތިޚާބަށް ކެންޑިޑޭޓުން ނެރެފައެއް ނުވެއެވެ.

ރައީސް ސާލް އާއި އެންމެ ގާތުން އިންތިޚާބުގައި ވާދަކުރެއްވި ކުރީގެ ބޮޑުވަޒީރު އިދްރީސާ ސެކް އަށް ލިބިވަޑައިގެންނެވީ 21% ވޯޓެވެ.

މި ފަހަރުގެ އިންތިޚާބުގައި ޖުމްލަ ފަސް ފަރާތެއް ވާދަކުރެއްވިއިރު، 2012 ވަނަ އަހަރުގެ އިންތިޚާބުގައި 12 ކެންޑިޑޭޓަކު ވާދަކުރެއްވި އެވެ.

އާދިއްތަ ދުވަހު ބޭއްވި އިންތިޚާބުގައި ވޯޓުލުމަށް 6.6 މިލިއަނަށްވުރެ ގިނަ މީހުން ރަޖިސްޓްރީ ކުރިއިރު، ވޯޓުލީ މީހުންގެ ނިސްބަތަކީ 66% އެވެ.