އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓް އިން ނިމިގެންދިޔަ 2018 ވަނަ އަހަރުގެ ތެރޭގައި 37،000 އަށްވުރެ ގިނަ ވިސާ އެޕްލިކޭޝަން ރިޖެކްޓްކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެކި ސަބަބުތަކާހުރެ އަހަރެއްގެ މައްޗަށް އެމެރިކާ އިން ގާތްގަނޑަކަށް ހަތަރު މިލިއަން ވިސާ އެޕްލިކޭޝަން ރިޖެކްޓްކުރާއިރު، މިދިޔަ އަހަރު އެހާ ގިނަ ވިސާ އެޕްލިކޭޝަން ރިޖެކްޓްކޮށްފައި ވަނީ ރައީސް ޑޯނަލްޑް ޓްރަމްޕްގެ ސަރުކާރުން ނެރެފައިވާ ޓްރެވެލް ބޭންގެ ސަބަބުންނެވެ.
އެ ޓްރެވެލް ބޭންގެ އަސަރު އިރާން، ލީބިޔާ، ސޯމާލިއާ، ސީރިއާ އަދި ޔަމަންފަދަ ޤައުމްތަކުގެ ރައްޔިތުންނަށް ވަނީ ވަރަށް ބޮޑަށް ކޮށްފައެވެ. އެގޮތުން 2016 ވަނަ އަހަރާއި ބަލާއިރު މިދިޔަ އަހަރު އެ ޤައުމްތަކުގެ ރައްޔިތުންނަށް ދިމާވި ވިސާގެ މައްސަލަތައް ވަނީ 80% މައްޗަށް ގޮސްފައެވެ.
ގިނަ އަދަދެއްގެ މުސްލިމް ޤައުމްތަކުގެ ރައްޔިތުން އެމެރިކާއަށް ވަނުން މަނާ ކުރާ ގޮތަށް ޖެނުއަރީ 2017 ގައި ޓްރަމްޕް ތަސްދީޤު ކުރެއްވި ޤާނޫނުގެ ސަބަބުން ފެޑްރަލް ކޯޓްތަކުގައި އެ މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ.
ޓްރަމްޕްގެ އިމިގްރޭޝަން ސިޔާސަތުގެ ސަބަބުން އިރާން އާއި ލީބިޔާ އަދި ސޯމާލިއާ އާއި އިރާންގެ އިތުރުން ޔަމަންގެ ރައްޔިތުންނަށް އެމެރިކާ އަށް ނުވަދެވޭތާ އެއް އަހަރަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. ޓްރެވެލް ބޭންގެ އަސަރު ވެނެޒުއެލާ އާއި އުތުރު ކޮރެއާގެ ރައްޔިތުންނަށް ވެސް ވަނީ ކޮށްފައެވެ.
އަންގާރަ ދުވަހު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2017 ވަނަ އަހަރު ޢަމަލުކުރަން ފެށި އިމިގްރޭޝަން ސިޔާސަތުގެ ސަބަބުން 15،384 އިމިގްރެންޓް ވިސާ ވެސް ވަނީ މިދިޔަ އަހަރު ރިޖެކްޓްކޮށްފަ އެވެ.
މީގެ އިތުރުން ވިޔަފާރި އާއި ފަތުރުވެރިކަންފަދަ އެހެނިހެން ސަބަބުތަކަށް ކުރު މުއްދަތަށް އަންނަ މީހުންނަށް ދޫކުރާ ނޮން-އިމިގްރެންޓް ވިސާގެ 21،645 އެޕްލިކޭޝަން ވެސް ވަނީ ޓްރެވެލް ބޭންގެ ސަބަބުން ރިޖެކްޓްކޮށްފަ އެވެ.
ޓްރެވެލް ބޭންގެ ސަބަބުން ރިޖެކްޓްކުރި އެޕްލިކޭޝަންތަކުގެ ތެރެއިން 2،200 ފަރާތަކަށް ވަނީ ވިސާ ދޫކޮށްފަ އެވެ. އެހެންނަމަވެސް އެ އެޕްލިކޭޝަންތަކަކީ މިދިޔަ އަހަރު ނުވަތަ އޭގެ ކުރިން ހުށަހެޅި އެޕްލިކޭޝަންތަކެއް ކަމެއް ސާފެއް ނުވެއެވެ.
ޓްރެވެލް ބޭންގެ އަސަރުކޮށްފައިވާ ޤައުމްތަކުން ވިސާއަށް އެދި އެޕްލިކޭޝަން ހުށަހަޅާފައިވާ މީހުންގެ އަދަދު ތަފާސްހިސާބުތަކުން ނުދައްކައެވެ.