ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ހައްޔަރުކުރި މައްސަލައާއި ގުޅިގެން ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ހިއުމަން ރައިޓް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އާއި ބައްދަލުކޮށްފި އެވެ.
އެޗްއާރްސީއެމް އިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ޕީއެންސީގެ އެދުމަކަށް، އެ ކޮމިޝަން އިން އެ ޕާޓީ އާއި ބައްދަލުކޮށްފައިވާ ކަމަށެވެ.
އިއްޔެ އޮތް މި ބައްދަލުވުމުގައި ރައީސް ޔާމީން ހައްޔަރުކުރި މައްސަލައިގައި ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުންނާއި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުގެ ތެރެއިން ހޯދާފައިވާ ބައެއް ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، ފައިސާ ލޯންޑަކުރި މައްސަލާގަ އި ރައީސް ޔާމީންގެ މައްޗަށް ވަނީ މަނީ ލޯންޑެރިންގެ ދައުވާ އުފުލާފައެވެ.
މި މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ފަށާފައިވާއިރު، މި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި އެ ކޯޓުން ވަނީ މި މައްސަލައިގެ ޝަރީއަތް ނިމެންދެން ޔާމީން ޖަލުގައި ބަންދުކުރުމަށް އަމުރުކޮށްފައެވެ. ޔާމީންގެ ފަރާތްޕުޅުން އެ އަމުރު މިހާރު ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފައެވެ.