ކުޑަކުދިންނާއި އާއިލާތައް އިތުރަށް ރައްކާތެރިކުރުމަށްޓަކައި، އުމުރުން 18 އަހަރުން ދަށުގެ ކުދިން ފެންނަ ވީޑިއޯތަކަށް ކޮމެންޓް ނުކުރެވޭ ގޮތަށް ހަދަން ޔޫޓިއުބް އިން ނިންމައިފި އެވެ.
ކުޑަކުދިންގެ ވީޑިއޯތަކަށް ގިނަ އަދަދެއްގެ ޕިޑޮފައިލުން ކޮމެންޓްކުރުމާއި ގުޅިގެން އެތައް ބްރޭންޑްތަކަކުން ވަނީ ޔޫޓިއުބްގައި އިޝްތިހާރުކުރުން ހުއްޓާލާފައެވެ.
ޔޫޓިއުބް އިން ފުރަތަމަ ކޮމެންޓްތައް މަނާކުރީ ބޭއަދަބީ ކޮމެންޓްތަކަށް ފުރުސަތުދޭފަދަ ވީޑިއޯތަކުންނެވެ. ނަމަވެސް މިހާރު ޔޫޓިއުބް އިން ވަނީ ކުޑަކުދިން ހިމެނޭ ހުރިހާ ވީޑިއޯތަކުގެ ކޮމެންޓް ސެކްޝަން ޑީފޯލްޓްކޮށް ޑިސޭބަލް ކުރުމަށް ނިންމާފައެވެ.
ނަމަވެސް މި ބަދަލު ފުރިހަމައަށް ތަންފީޒްކުރުމަށް ގިނަ ދުވަސްތަކެއް ނަގާނެ ކަމަށް ޔޫޓިއުބް އިން ބުނެއެވެ.
ކުޑަކުދިންގެ ވީޑިއޯތަކަށް ޖިންސީ އަދި ބޭއަދަބީ ކޮމެންޓްތައް ބައެއް މީހުން ކުރާކަމަށް "ބީބީސީ" އިން އެންމެ ފުރަތަމަ ރިޕޯޓްކުރީ 2017 ވަނަ އަހަރުގެ ތެރޭގައެވެ. އޭރު ޔޫޓިއުބް އިން ބުނީ ވެބްސައިޓް ސާފުކުރުމަށް ވަރަށް އަވަހަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
އެހެންނަމަވެސް އެފަދަ ކޮމެންޓްތަކުގެ ސަބަބުން އޭޓީއެންޑްޓީ އާއި ނެސްލޭ އަދި ހަސްބްރޯ އިން ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ޔޫޓިއުބްގައި އިޝްތިހާރުކުރުން ހުއްޓާލާފައެވެ.
ޔޫޓިއުބް އިން ކުރި ބްލޮގް ޕޯސްޓެއްގައި ބުނެފައި ވަނީ އެ ވެބްސައިޓްގެ އާ ޕޮލިސީގެ ދަޑުން ވަރަށް ކުޑަ ކުދިންގެ ވީޑިއޯތަކުގެ ކޮމެންޓް ސެކްޝަން ހުންނާނީ ޑިސޭބަލް ކޮށްފައި ކަމަށެވެ.
ވަރަށް ގިނަ ބެލެނިވެރިން ކުޑަކުދިންގެ ވީޑިއޯތައް ޔޫޓިއުބް އަށް އަޕްލޯޑްކުރެ އެވެ. އެހެންކަމުން އެފަދަ ވީޑިއޯތަކަށާއި، މަޝްހޫރު ޔޫޓިއުބް ތަރިން އަޕްލޯޑްކުރާ ކުޑަކުދިން ހިމެނޭ ކުރު ފިލްމްތަކަށް ވެސް އާ ޕޮލިސީގެ އަސަރުކުރާނެ ކަމަށް ލަފާކުރެވެ އެވެ.
އެހެންނަމަވެސް ބޮޑެތި ކުދިންނާއި ފުރާވަރު އުމުރުގެ ކުދިންގެ ވީޑިއޯތަކުގެ ކޮމެންޓް ސެކްޝަން ޑިސޭބަލް ކޮށްފައި ނުހުންނާނެ ކަމަށް ޔޫޓިއުބް އިން ބުނެއެވެ. ނަމަވެސް ޖިމްނާސްޓިކްސް ހަދާ ވީޑިއޯކަހަލަ، ޕީޑޮފައިލުންގެ ސަމާލުކަން ދަމައިގަންނަ ވީޑިއޯތަކަށް ކޮމެންޓް ނުކުރެވޭނެ ކަމަށް އެ ވެބްސައިޓުން ބުނެއެވެ.
ޔޫޓިއުބް އިން ބުނީ ކުޑަކުދިން ހުންނަ ވީޑިއޯތައް ދެނެގަތުމަށްޓަކައި އެލްގޮރިދަމްތަކުގެ ބޭނުންކުރާނެ ކަމަށެވެ.
ނަމަވެސް މަދު ބަޔަކަށް ކޮމެންޓް ސެކްޝަންތައް އެނޭބަލް ކުރެވޭނެ އެވެ. އެ ޗެނަލްތައް ވެގެންދާނީ ބަރޯސާކުރެވޭފަދަ އާއިލީ ވީޑިއޯ-ބްލޮގަރުންނާއި މަޝްހޫރު ޔޫޓިއުބް ތަރިންގެ ޗެނަލްތަކަށެވެ.