އެމެރިކާގެ ފެޑްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ގައި ތަމްރީނު ހޯދުމުގެ ދަތުރެއްގައި މޯލްޑިވްސް ޕޮލިސް ސަވިސްގެ 22 ފުލުހަކު އެމެރިކާ އަށް ހިނގައްޖެ އެވެ.
މި މަހުގެ 10-22 އަށް އެމެރިކާގައި ކުރިއަށްދާ މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވެފައި ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ތަޙްޤީޤު ކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ސީނިއަ ނަން ކޮމިޝަން އޮފިސަރުންގެ 21 ފުލުހަކާއި ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން އެެއް ފުލުހެކެވެ.
މި ތަމްރީނު ޕްރޮގްރާމުގައި އެމެރިކާގެ ވޮޝިންޓަންގައި ހުންނަ އެފްބީއައި ޑިވިޝަންތަކުގައި ޖޫން 10-15 އަށް ބައިވެރިން ތަޙުޤީޤު ކުރުމުގެ ތަމްރީނާއި ޢަމަލީ ތަޖުރިބާ ލިބިގަތުމަށް މަސައްކަތް ކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން ޖޫން 15-22 އަށް އެމެރިކާގެ ލޮސް އެންޖަލިސް ގައި ހުންނަ އެފްބީއައިގެ ޑިވިޝަންތަކުގައި ބައިވެރިން ތަމްރީނާއި ޢަމަލީ ތަޖުރިބާ ލިބިގަތުމަށް މަސައްކަތް ކުރާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
އެގޮތުން މި ތަމްރީނު ޕްރޮގްރާމުގައި އިންޓަވިއު ކުރާނެ ގޮތްތަކާއި، ކޭސް މެނޭޖްކޮށް ތަޙުޤީޤު ކުރާނެ ގޮތްތަކާއި، ސައިބަ ކްރައިމް އާއި ހިއުމަން ޓްރެފިކިން އާއި ގޭންގު ކުށްތަކާ ބެހޭ ތަޙުޤީޤުތަކުގެ އިތުރުން ތަޙުޤީޤީ ދާއިރާތަކުގައި ބޭނުން ވާނެ ގިނަ ކަންކަމާއި ބެހޭ ގޮތުން މަޢުލޫމާތުދެވި ޢަމަލީ ގޮތުން މިކަންކަމުގެ ޢަމަލީ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ބައިވެރިންނަށް ލިބިގެން ދާނެ އެވެ. މީގެ އިތުރުން ބައިވެރިން ވޮޝިންޓަންގައި ހުންނަ ޖަލުތަކަށް ޒިޔާރަތް ކުރުމަށް ވެސް ހަމަޖެހިފައި ވެ އެވެ.
މި ތަމްރީނު ޕްރޮގްރާމަކީ މޯލްޑިވްސް ޕޮލިސް ސަވިސްގެ ތަޙުޤީޤު ކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން އެ ފަރާތްތަށް މަސައްކަތް ކުރަމުން ގެންދާ ދާއިރާގެ ތަމްރީނާއި ތަޖުރިބާ އިތުރަށް ހޯދައި ފުލުހުން ކުރަމުން ގެންދާ ތަޙުޤީޤުތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒް އިސް ނަންގަވައިގެން އެފްބީއައި ގުޅިގެން ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމެކެވެ.