ސައުދި އަރަބިއާގައި ކުރިއަށްދާ ބަލި މީހުންގެ ރައްކާތެރިކަމާ ގުޅޭ ބައިނަލްއަޤްވާމީ ސަމިޓުގައި ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ބައިވެރިވެވަޑައިގެންފި އެވެ.
މި މަހުގެ 02 އިން 03 އަށް ޖިއްދާގެ ރިޓްޒް ކާލްޓަން ހޮޓެލްގައި ކުރިއަށްގެންދާ ހަތަރު ވަނަ ގްލޯބަލް މިނިސްޓީރިއަލް ސަމިޓް އޮން ޕޭޝަންޓް ސޭފްޓީގައި 49 އަށްވުރެ ގިނަ ޤައުމުން ޖުމްލަ 31 މިނިސްޓަރުން ބައިވެރިވެވަޑައިގަންނަވަ އެވެ.
މީގެ އިތުރުން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާއި ބައިނަލްއަޤްވާމީ މާހިރުންނާއި ސިޔާސީ ބޭފުޅުންނާއި އެހެނިހެން ސްޓޭކްހޯލްޑަރުން ވެސް މި ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މި ސަމިޓަކީ ބަލިމީހުންގެ ރައްކާތެރިކަމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތަކަށް ޤައުމުތައް އަހުލުވެރިކުރުވައި، މިކަމާ ގުޅިގެން ޤައުމުތަކުން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށާއި، އެހީބޭނުންވާ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބާއްވާ ސަމިޓެކެވެ.
ހެލްތު މިނިސްޓްރީ އިން ބުނީ މި އަހަރުގެ ސަމިޓްގައި ޤައުމުތަކުން ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންހުށަހަޅާ ކަންތައްތަކާއި ގުޅޭގޮތުން "ޖިއްދާ ޑެކްލަރޭޝަން އޮން ޕޭޝަންޓް ސޭފްޓީ"ގައި ސޮއިކުރުމަށް މަޝްވަރާކުރަމުން ގެންދާ ކަމަށެވެ.
މި ސަމިޓުގެ ތެރެއިން ހެލްތު މިނިސްޓަރ އަމީން ވަނީ މިއަދު ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޮސް އާއި ކުވެއިތުގެ ހެލްތު މިނިސްޓަރ، ބާސިލް ހަމޫދު އަލްސަބާ އާއި ވެސް ބައްދަލުކުރައްވައިފަ އެވެ.