އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން(އޯއައިސީ) އިން އިންތިޒާމްކޮށްގެން ބާއްވާ ހަރަކާތްތަކުގައި ދިވެހި ރާއްޖެއިން މީގެ ފަހުން ބައިވެރިވާނެ ކަމުގެ ޔަގީންކަން ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު، އޯއައިސީގެ ސެކެޓްރީ ޖެނެރަލް ޑރ. ޔޫސުފް ބިން އަހުމަދު އަލްއުތައިމީންއަށް ދެއްވައިފިއެވެ.
މިނިސްޓަރ ޝާހިދު ޔޫއޭއީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގެ އިސް ވަޒީރުންނާ ބައްދަލުކުރެއްވިއެވެ. އެގޮތުން ޔޫއޭއީގެ ފޮރިން މިނިސްޓަރ ޝެއިޚް އަބްދުﷲ ބިން ޒައިދު އަލް ނަޙްޔާނާ ވެސް ބައްދަލުކުރައްވާފައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ޔޫއޭއީއާ ދިވެހި ރާއްޖެއާ ދެމެދު އޮތް ގުޅުން ވަނީ އިތުރަށް ބަދަހި ވެފައެވެ. ރައީސް ސޯލިހު ވެސް ވަނީ ދާދި ފަހުން އެގައުމަށް ޒިޔާރަތް ކުރައްވާފައެވެ.
މިނިސްޓަރ ޝާހިދު ވަނީ މިދަތުރުފުޅުގައި އޯއައިސީގެ 46 ވަނަ ބައްދަލުވުމުގައި ވެސް ބައިވެރިވެވަޑައިގެންފައެވެ. އެމަނިކުފާނު ވަނީ މުސްލިމް ބޮޑެތި ގައުމުތަކުގެ އިސް ވަޒީރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައެވެ.