އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުން ވަކިކުރުމަށް އެދި މަޖިލީހަށް ޕެޓިޝަނެއް ހުށައެޅުމަށް ތައްޔާރުވެއްޖެއެވެ.
ރައްޔިތުންގެ ނަމުގައި ހުށައަޅާ މިޕެޓިޝަނުގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްގެ އިތުރުން އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރ މުހައްމަދު ޔަސްރިފް ވެސް ވަނީ ސޮއިކުރައްވާފައެވެ. މި ޕެޓިޝަން ހުށައަޅަނީ ރާއްޖޭގައި ކޮރަޕްޝަނުގެ ބޮޑެތި އަމަލުތަކެއް ހިނގާފައިވާއިރު އެމައްސަލަ ނުބެލި މެމްބަރުން އިހުމާލުވެފައިވާ ކަމަށް ބުނެއެވެ.
އެމްއެމްޕީއާރްސީ ބޮޑު ޚިޔާނާތުގެ މައްސަލައިގެ ތަހުގީގީ ރިޕޯޓެއް އޭސީސީން އާންމުކޮށްފައިވާއިރު އެރިޕޯޓުގައިވެސް ބައެއް މައުލޫމާތު ނުހިމެނޭ ކަމަށް ބައެއް މީހުން ބުނެފައިވެއެވެ. އޭސީސީން ވަނީ އެމައްސަލަ ވެސް ބަލަމުން އަންނަ ކަމަށާއި ރިޕޯޓު މުޅިން ނުނިމޭތީ އާންމުނުކުރެވުނު ނަމަވެސް ވަރަށް އަވަހަށް އެރިޕޯޓުވެސް އާންމު ކުރާނެ ކަމަށް އޭސީސީން ބުނެފައިވެއެވެ.
ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާޙިމް ވަނީ އޭސީސީގެ މެމްބަރުންގެ މަސްލަހަތު ހިމެނޭ އެކައުންޓުތަކަށް ވެސް އެމްއެމްޕީއާރްސީ ޚިޔާނާތުގެ ފައިސާ ވަދެފައިވާކަން އޮޑިޓް ރިޕޯޓުން އެނގިފައިވާ ކަމަށް ވިދާޅުވެފައެވެ.