ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރުމުން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން އެކަމާ ގުޅިގެން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ބުނެ ޕްރޮގްރެސިވް ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ޔާމީން ހައްޔަރުކުރިތާ ދެ ހަފްތާ ވީއިރުވެސް ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ މިނިވަން ޖަމިއްޔާ ޓްރާންސްޕޭރެންސީ އިން މަސައްކަތް ނުކުރާތާ ބަހެއްވެސް ބުނެފައިނުވާ ކަމަށް ބުނެ ޕީއެންސީގެ ލީޑަރ އަބްދުއްރަހީމް އަބްދުﷲ ވަނީ އެ ޖަމިއްޔާއަށް ފާޑުކިޔާފައެވެ.
އެމްއެމްޕީއާރްސީ ޚިޔާނާތުގެ ފައިސާއިން އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ވަދެފައިވާއިރު ދައުލަތުން ވަނީ އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައެވެ. ޔާމީން ވަނީ އެމަނިކުފާނުގެ ވެރިކަމުގައި، އެމަނިކުފާނުގެ ގެކޮޅަށް ވެފައިވާ ފައިސާ ޝައްކެއްވެސް ނެތް ގޮތުގައި ހަލާލެއް ނޫން ކަމަށް ވެސް ވިދާޅުވެފައެވެ.
ނަމަވެސް އޭރު ދައުލަތުގެ ތަހުގީގީ އިދާރާތަކުން އެ މައްސަލަ ނުބެލި ނަމަވެސް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވަނީ ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުގައި އެފަދަ މައްސަލަތައް ބެލުމަށް އޭރުވެސް އަޑުއުފުލާފައެވެ.
މިއަދު ކޮރަޕްޝަނުގެ ތުހުމަތުގައި ޔާމީން ޖަލުގައި ބަންދުކުރުމުން އެކަމާ ދެކޮޅަށް ޓްރާންސްޕޭރެންސީ އިން މަސައްކަތް ނުކުރާ ކަމަށް އަބްދުއްރަހީމް ވިދާޅުވުމާ ގުޅިގެން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.