Last Updated: November 27, 21:29
Wednesday, November 27, 2024
ދުނިޔެ

އެލަބާމާއަށް ނަގޫރޯޅިއެއް އަރައި 23 މީހުން މަރުވެއްޖެ

ނަގޫރޯޅިތަކުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ ބިއުރެގާޑަށް - ފޮޓޯ: ސްކޫޓް ފިލްމަރ

އިރުމަތީ އެލަބާމާގެ ލީ ކައުންޓީ އަށް ނަގޫރޯޅިތަކެއް އަރައި މަދުވެގެން 23 މީހުން މަރުވެއްޖެ ކަމަށް ކަމާބެހޭ ފަރާތްތަކުބް ބުނެފި އެވެ.

ކައުންޓީ ޝެރިފް ޖޭ ޖޯންސް އާއި ހަވާލާދީ "ބީބީސީ" އިން ރިޕޯޓްކުރާ ގޮތުގައި މި ހާދިސާގައި ވަރާސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި، މަރުވެފައިވާ އިތުރު މީހުންގެ ހަށިތައް އަދި ފެންނާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށެވެ.

މި ހާދިސާގައި ގިނަ އަދަދެއްގެ ބަޔަކަށް އަނިޔާވެފައިވާ ކަމަށް ލަފާކުރެވެއެވެ.

ރޭގަނޑުގެ އަނދިރީގައި މަސައްކަތްކުރުމުގެ ނުރައްކަލަށް ވިސްނައި، އިރުއަރަންދެން ރެސްކިއު މަސައްކަތްތައް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.

އެންމެ ބޮޑެތި ނަގޫރޯޅިތައް އަރާފައި ވަނީ ބިއުރެގާޑަށެވެ.

ނެޝަނަލަސް ވެދަރ ސަރވިސް (އެންޑަބްލިއުއެސް) އިން ވަނީ އެ ނަގޫރޯޅިތަކަކީ އީއެފް-3 ގެ ނަގޫރޯޅިތަކެއްކަން ބުނެފައެވެ. އޭގެ މާނައަކީ އެ ނަގޫރޯޅިތަކުގައި ގަޑިއަކު 266 ކިލީމޯޓަރަށް ވައިގަދަވާނެ ކަމަށެވެ.

ނަގޫރޯޅިތަކުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ އެލަބާމާ ސްޓޭޓްގެ ވެރިރަށް ކަމުގައިވާ މޮންޓްގޮމަރީގެ އިރުމަތިން 95 ކިލޯމީޓަރު ބޭރުގައި އޮންނަ ބިއުރެގާޑަށެވެ.

ޖޯޖިއާ އާއި ފްލޮރިޑާގެ އިތުރުން ސައުތު ކެރޮލީނާ އަށް ވެސް ވަނީ ނަގޫރޯޅި އަރާފާނުގެ އިންޒާރުތައް ދީފައެވެ.

އުތުރު ފްލޮރިޑާގެ ކައިރޯ އާއި ވޮލްޓަން ކައުންޓީގެ އިތުރުން ޖޯޖިއާގައި ވެސް ނަގޫރޯޅިތައް ރިޕޯޓްކޮށްފައި ވެއެވެ.

މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި އަށް އަހަރުގެ ކުޑަކުއްޖަކު ވެސް ހިމެނެ އެވެ.

އީސްޓް އެލަބާމާ މެޑިކަލް ސެންޓަރުން ބުނާގޮތުގައި މާބޮޑަށް މޫސުން ގޯސްވުމުގެ ސަބަބުން 40 އަށްވުރެ ގިނަ މީހުންނަށް ފަރުވާދެމުން އަންނަ ކަމަށާއި، ބަލިމީހުން އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

"ޕަވަރ އައުޓްރޭޖް ޔޫއެސް" އިން ބުނާ ގޮތުގައި ނަގޫރޯޅިތަކުގެ އަސަރުކުރި އެލަބާމާގެ އެހި ހިސާބުތަކުގައި ކަރަންޓު ނުލިބިފައި ތިބި ކަސްޓަމަރުންގެ އަދަދު 2،000 އަށްވުރެ ގިނަ ކަމަށެވެ. އޭގެ ތެރެއިން އެންމެ ގިނަ މީހުން ދިރިއުޅެނީ ލީ ކައުންޓީގައި ކަމަށާއި، ހުޅަނގު ޖޯޖިއާގައި ވެސް ކަރަންޓު ނުލިބިފައި 7،000 މީހުން އެބަތިބި ކަމަށެވެ.

މި ދަނޑިވަޅުގައި ސަލާމަތާއި ރައްކާތެރިކަމާއެކު ތިބުމަށް އެމެރިކާގެ ރައީސް ޑޯނަލްޑް ޓްރަމްޕް ވެސް ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.