ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލްގެ އާއިލާގެ 7 ބޭފުޅަކަށް މިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ފްލެޓު ލިބިފައިވާކަން ހާމަވެއްޖެއެވެ.
ފްލެޓު ލިސްޓުން ފްލެޓުތައް ލިބުނު މީހުންގެ ތެރޭގައި ޚަލީލްގެ އާއިލީ ބޭފުޅުން ހިމެނިފައިވާއިރު އެއިން އެއްވެސް ބޭފުޅަކަށް 70 ޕޮއިންޓަށް ވުރެ ގިނައިން ޕޮއިންޓު ލިބިފައެއް ނުވެއެވެ. ޔާމީންގެ ވެރިކަމުގައި ވެސް ޕޮއިންޓު މާ މަދުން ލިބިފައިވާ، އެހެން ނަމަވެސް ސަރުކާރުގެ ނުފޫޒުގަދަ ބޭފުޅުންނާއި އެބޭފުޅުން އާއިލީ ގާތް ބޭފުޅުންނަށް ފްލެޓު ލިބި އެންމެ މަތިން ޕޮއިންޓު ލިބުނު އެތައް ރައްޔިތުންނެއް ވަނީ ބޯހިޔާވަހިކަމުގެ ހައްގުން މަހުރޫމުވެފައިވާ ކަމަށް ބުނެ އެތައް ބަޔަކު ވަނީ އޭރުގެ ސަރުކާރާ ދެކޮޅަށް އަޑުއުފުލާފައެވެ.
ނަމަވެސް އޭރުގެ ހައުސިން މިނިސްޓަރަކަށް ހުންނެވި ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެގޮތަށް ފްލެޓު ބައެއް ފަރާތްތަކަށް ލިބިފައިވަނީ "ހިއުމަން އެރާ" ގެ ސަބަބުން ކަމަށެވެ. އޭނާ ވިދާޅުވީ ފްލެޓުތައް ތަރުތީބު ކުރުމާއި އެކަމާ ގުޅޭ ހުރިހާ ކަމެއް ކުރަނީ ހަމަ އިންސާނުން ކަމަށެވެ. އެހެންކަމުން އެފަދަ ކަމެއް ކުރެވިދާނެ ކަމަށާއި ނަމަވެސް ފައިނަލް ލިސްޓު އާންމުކުރެވޭއިރު އެފަދަ ފަރާތްތައް ދަފްތަރުން އުނި ކުރެވޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ވެރިކަން ނިމިގެން ގޮސްފައިވާއިރު ވެސް އެ ލިސްޓު އިސްލާހު ކުރެވިފައިނުވާއިރު ފްލެޓު ހައްގު ނޫން އެތައް ބަޔަކަށް ފުލެޓު ލިބި އޭގެ ނާޖާއިޒު ފައިދާ ހޯދަމުން އަންނަ ކަމަށް އަޑު ފެތުރިފައިވެއެވެ. މިނިސްޓްރީން ވަނީ ގަވާއިދާއި ޚިލާފަށް ފްލެޓު ކުއްޔަށް ދޫކުރާ ފަރާތްތައް ނެރޭނެ ކަމުގެ އިންޒާރު ދީފައެވެ.