ރާއްޖޭގެ ދެވަނަ އެންމެ ބޮޑު އާބާދީ އަދި ދުއްވާތަކެތި އެންމެ ގިނަ ތަނުގައި ޓެކްސީ ކުރާ ފަރާތަކުން އެއްވެސް އުސޫލެއް ނެތި އާއްމު ރައްޔިތުން "ފެލަމުން" އަންނަ އިރު ކަމާއި ބެހޭ ފަރާތް ތައްތިބީ ނިދާފަ އެވެ.
ޓެކްސީ ތަކުން އެމީހުން ހިތަށް އެރިވަރެއް އާއްމުން އަތުން ނަގަމުންދާއިރު މިކަމާއި "ޗުޕު" ވެސް ބުނެލާނެ މީހަކު ނެތެވެ.
އައްޑޫގެ އެއްގަމު ދަތުރު ފަތުރު ކުރުމުގައި އެއް ރަށުން އަނެެއް ރަށައް ދަތުރު ކުރުމަށް މީގެ އެތައް އަހަރެއް ކުރިން އޭރުގެ ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައެޅި އަގު މިހާރުވަނީ ބަދަލުވެ ގޮސްފައެވެ. ޒަމާނަށް އައި ބަދަލާއި އެކު އެ ހުރިހާ ކަމެއްވެސް ވަނީ ނެތި ގޮސްފައެވެ.
އައްޑޫގެ ޓެކްސީތަކުން ހަމައެއް އުސޫލެއް ނެތި އަގުތައް ނަގަމުންދާ އިރު މިކަމާ ރަސްމީ ފެންވަރެއްގައި ކައުންސިލްގައި މަޝްވަރާ ކުރެވިފައެެއް ނުވެ އެވެ. ނަމަވެސް މިކަމުގެ ޝަކުވާ ދޭތެރެ ދޭތެރެއިން ކައުންސިލަށް ލިބެމުން ދާކަމަށް ކައުންސިލުން ބުންޏެވެ.
މަރަދޫ ދާއިރާގެ ކައުންސިލަރު އަބްދުﷲ ޠޮއްޔިބް ވިދާޅުވީ ޓެކްސީ ތަކުން ހިތައް އެރި އަގެއް ނަގާކަމުގެ ޝަކުވާ ކައުންސިލަށް ލިބުނު ކަމުގައިވިޔަސް އެކަމާއި މަޝްވަރާ ނުކުރެވޭ ކަމަށެވެ. ނަމަވެސް ސީދާ ރައްޔިތުންނާ ގުޅުން ހުރި ކަމެއް ކަމަށްވުމުން މީ ވަގުތުން ވަގުތަށް ހައްލު ބޭނުން ކަމެއް ކަމަށެވެ.
އައްޑޫގެ ބައެއް އާއްމުން ބުނާގޮތުން އެއާޕޯޓުން ހިތަދޫއަަށް ކުރާ ދަތުރުތަކަށް އަސްްލު ދޭން ޖެހޭ އަގެއް ނޭގެއެވެ.
"ބައެއް މީހުން ނަގާ 150، އަނެއް ބައި މީހުން 200، ރޭގަނޑު ދަންވަރު ވިއްޔާ އެބަ ނަގާ 500 ރުފިޔާ."
އާއްމުންގެ ކަންބޮޑުވުން މިކަމުގައި މިހާ ބޮޑަށް އޮތް އިރު ޓްރާންސްޕޯޓް ކަންކަން ކުރުމަށް ކައުންސިލްގައި ވަނީ ޑިޕާޓްމެންޓް އެއް ގާއިމް ކުރެވިފަ އެވެ.
އަދި އެތަނުން އެއްގަމު އުނޅަދު ފަހަރުގެ ރެޖިސްޓްރީ އާއި ލައިސަންސްއިން ފެށިގެން ހިދްމަތް ދެމުންދާ އިރު ޓެކްސީތަކުގެ ކަންކަން ވަނީ ދޫކޮށްލެވިފަ އެވެ.
ޠޮއްޔިބް ވިދާޅުވީ ޓެކްސީ ބޯޑު ޖެހުމާއި، ޓެކްސީ ޑްރައިވަރުންނަށް ވަކި ޔުނިފޯމެއް ކަނޑައެޅުމާއި، ހާދިސާތަކަށް އިޖާބަ ދިނުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް މަޝްވަރާ ކުރެވިފައިވާކަމަށެވެ. ނަމަވެސް ޓެކްސީ ސެންޓަރުންވެސް އަގުތަކާއި ގުޅިގެން ކައުންސިލާއި މަޝްވަރާ ކޮށްފައި ނުވާ ކަމަށެވެ.
ކައުންސިލުން މިގޮތަށް ބުނި ނަމަވެސް 2011 ވަނަ އަހަރު ޑިސެމްބަރު މަހުގެ ތެރޭ ޓެކްސީ ތަކުން އަގު ނެގޭނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް އޭރު ޓްރާންސްޕޯޓް ޑިޕާޓްމަންޓް ހަވާލުވެ ހުންނެވި އަބްދުﷲ ޖަމީލް ވަނީ ވިދާޅުވެފަ އެވެ.
ޖަމީލް ވިދާޅުވީ އުސޫލެއް ނެތި ޓެކްސީތަކުން މީހުންގެ އަތުން ފައިސާ ނަގާތީ އެކަމާއި ޓެކްސީ ތަކާއި އެކު މަޝްވަރާކޮށް
ގަވާއިދެއް އެކުލަވާލައި 2012ގެ ޖެނުއަރީ މަހު އެ ގަވާއިދަށް އަމަލް ކުރާނެ ކަމަށެވެ.
އަދި އެގާއިދާއި އެކު ޓެކްސީތަކުން ގަވާއިދަށް ހުރުމަތްތެރިކޮށް ހިތާތޯ ބެލުމުގެ އިންތިޒާމް ވެސް ހަމަޖައްސާނެ ކަމަށެވެ.
ނަމަވެސް އަދި މިހާތަނަށް އޭގެ ގަވާއިދެއް އެކުލެވިފައިނުވާކަން ފާހަގަ ކުރެވެ އެވެ.
ޓެކްސީތަކުން ނަގާ އަގާއި މެދު ތަފާތު ފަހަރު މަތިން ކައުންސިލުން ވަނީ ވާހަކަ ދައްކާފައެވެ. އެގޮތުން ޓެކްސީތަކުގައި މީޓަރު ބެހެއްޓުމަށް ވިސްނަމުންދާ ކަމަށް އައްޑޫގެ މޭޔަރ އަބްދުﷲ ސާދިގް (ސޯބެ) ވަނީ ވިދާޅުވެފަ އެވެ.
އަދި މިކަމަކީ އެންމެ ފައިދާ ހުރިގޮތްކަމަށް ވިދާޅުވެ އެފަދަ އުސޫލުތަކެއް ކަނޑައެޅުމުގެ މަޝްވަރާ ކުރެވެމުންދާކަމަށް މޭޔަރ ވަނީ ވިދާޅުވެފައިއެވެ.
އައްޑޫގެ ބައެއް އާއްމުން ބުނާ ގޮތުން އައްޑޫގެ ވިޔަފާރިތަކުގެ ފީ ކައުންސިލުން ވަނީ ކަނޑައަޅާފައެވެ. އަދި އެއަށް އަމަލް ކުރަން ފަށާއިރު އާއްމު ޓެކްސީތަކުން ނަގާ އަދަދު ކަނޑަ ނޭޅެން ޖެހޭ ސަބަބެއް ނެތެވެ.
އައްޑޫގެ ޓެކްސީތަކުގެ އަގުތަކަށް ބަލާއިރު ރަށުތެރޭގެ ދަތުރުތަކަށް އެއް އަގެއް ހަމަޖައްސާފައި އޮންނައިރު ހިތަދޫގެ ހުރިހާ ސަރަހައްދަކަށް ވެސް އޮންނަނީ 25 ރުފިޔާ އެވެ.
ހިތަދޫން މަރަދޫއަށް އާއްމުކޮށް ނަގަނީ 110 ރުފިޔާއެވެ. އަދި ހިތަދޫން ފޭދޫއަށް 130 ރުފިޔާ ނަގާއިރު ހިތަދޫން އެއާޕޯޓަށް ނަގަނީ 150 ރުފިޔާއެވެ. ނަމަވެސް ބައެއް ފަހަރު މިއަގުތަކަށް ވުރެ ބޮޑު އަގު ޓެކްސީތަކުން ނަގައެވެ.
ޓެކްސީ ތަކުން ނަގަ އަގުގެ އެންމެ ބޮޑަށް މައްސަލަ ޖެހެނީ އެއާޕޯޓަށް ފައިބާ މީހުން އަތުން އެއާޕޯޓަށް ގޮސް ތިބޭ ޓެކްސީ ތަކުން ނަގާ އަގުގައެވެ. އެގޮތުން އެެއާފޯޓަށް ފައިބައިގެން އަންނަ ހުޅުމީދޫ މީހަކު ފޭޑޫ ބަނދަރަށް ގެންގޮސްދިނުމަށް ފަހު 100 ރުފިޔާ އާއި 110 ރުފިޔާ ނަގާފައި އެބަހުއްޓެވެ. އަދި މީހަކު ގޮވައިގެން ހިތަދޫއަށް ދަތުރުކޮށް 250 ރުފިޔާ ވެސް ނަގައެވެ.
ޓެކްސީ ސެންޓަރުތަކުން ބުނެފައިވަނީ ވަކި އަގުތަކެއް ކަނޑައެޅި ނަމަވެސް ޓެކްސީ ޑްރައިވަރުން ހިތަށް އެރިވަރަށް އަގު ނަގަމުން އަންނަ ކަމަށެވެ. އަދި އެކަން ހައްލު ކުރެވޭނީ އެފަދަ ޓެކްސީ ތަކާއި މެދު ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމް ކުރެވިގެން ކަމަށް އެމީހުން ބުނެއެވެ.
ކޮންމެ ގޮތެއް ވިޔަސް އައްޑޫގެ ޓްރާންސްޕޯޓް ކަންތަކާއި ހަވާލުވެ އޮތީ އައްޑޫ ސިޓީ ކައުންސިލެވެ. އެތަނުގައި ވަކި ޑިޕަޓްމެންޓްއެއް ވަނީ ޓްރާންސްޕޯޓަށް ކަޑައެޅިފައެވެ. އެހެންވީ އިރު މިކަމަކީ ލަސްތަކެއް ނުވެ ކައުންސިލަށް ހައްލުކޮށް ދެވިދާނެ މައްސަލައެކެވެ. ބޭނުން ވަނީ އިހްލާސްތެރިކަމެކެވެ.