މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު ނަސީރުގެ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބަލަމުން އަންނަނީ ނަސީރު، ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއެޅި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ. ފުލުހުން ވަނީ އެ މައްސަލަ ބަލަމުން އަންނަކަން ބައެއް މީޑިޔާތަކަށް ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.
ނަސީރާ ދެކޮޅަށް މައްސަލަ ހުށައެޅީ އެމްއެމްއޭގެ ފައިނޭޝަލް އިންޓެލިޖެންސް ޔުނިޓްގެ ވެރިޔަކަށް ހުންނެވި އަބްދުﷲ އަޝްރަފެވެ. އޭނާ ވަނީ ޔާމީންގެ ވެރިކަމުގެ ފަހުކޮޅު މަގާމުން ދުރުކޮށްފައެވެ.
އަޝްރަފް މަގާމުން ދުރުކުރީ ކުރީގެ ރައީސް ޔާމީންގެ މަނީ ލޯންޑަރިންގެ މައްސަލައެއް އެފްއައިޔޫ އިން ބަލަން ފެށުމުންނެވެ. އެނގިފައިވާ ގޮތުގައި އަޝްރަފް ނަސީރާ ދެކޮޅަށް މައްސަލަ ހުށައެޅީ އޭނާގެ ގާނޫނީ މަސްއޫލިއްޔަތު އަދާ ކުރަން އުޅުމުން ވަޒީފާއިން ވަކިކޮށް މަސްއޫލިއްޔަތު އަދާ ކުރުމަށް ހުރަސްއެޅި ކަމަށް ބުނެއެވެ.
ޔާމީނާ ދެކޮޅަށް މަނީ ލޯންޑަރިންގެ މައްސަލަ ބަލައި ދައުލަތުން ވަނީ ދައުވާ ވެސް އުފުލާފައެވެ. އޭސީސީން ނެރުނު ތަހުގީގީ ރިޕޯޓުގައި އެމްއެމްޕީއާރްސީގެ ފައިސާ ޔާމީންގެ އެކައުންޓަށް ވެފައިވާކަން އެނގިފައިވެއެވެ. ނަމަވެސް އެމަނިކުފާނު ވަނީ ރިޔާސީ އިންތިޚާބާ ކައިރިވެފައިވަނިކޮށް އެ ފައިސާ(އެއް މިލިއަން ޑޮލަރު) އެސްކްރޯ އެކައުންޓެއްގައި އޭސީސީއާ ހަވާލުކޮށްފައެވެ.