Last Updated: November 27, 21:29
Wednesday, November 27, 2024
ދުނިޔެ

އިންޑިއާގެ ބީޖޭޕީގެ ވެބްސައިޓް ހެކްކޮށްފި

ބީޖޭޕީގެ ރަސްމީ ދިދަ - ފޮޓޯ: އިންޑިއާ މާޓް

އިންޑިއާގެ ވެރިކަންކުރާ ބާރަތިޔަ ޖަނާތާ ޕާޓީ (ބީޖޭޕީ)ގެ ރަސްމީ ވެބްސައިޓް ހެކްކުރުމުގެ ސަބަބުން، ވެބްސައިޓް ޑައުންވެއްޖެ އެވެ.

ވެބްސައިޓް ހެކްކުރި ޚަބަރު ބީޖޭޕީ އިން އަދި ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ. ނަމަވެސް އެ ވެބްސައިޓުން ފެނުނު މީމްތަކުގެ ސްކްރީންޝޮޓްތައް ސޯޝަލް މީޑިއާގައި ދަނީ މިހާރު ފެތުރެމުންނެވެ.

އޭގެ ތެރެއިން އެއް މީމްގައި ވަނީ ބޮޑުވަޒީރު ނަރޭންދްރަ މޯދީ އާއި ޖަރުމަނުގެ ޗާންސެލަރ އޭންޖެލާ މާކެލްގެ ފޮޓޯ އެޑިޓްކޮށް، ގިނަ ބޭއަދަބީ ހިންދީ ބަސްތަކެއް ލިޔެފައެވެ.

އެ ވެބްސައިޓަށް ވަންނައިރު ފެންނަ މެސެޖުގައި ބުނެފައި ވަނީ މެއިންޓެނެންސް މަސައްކަތް ކުރިއަށްދާތީ ވަގުތީ ގޮތުން ވެބްސައިޓް ޑައުންވެފައިވާ ކަމަށެވެ.

ބީޖޭޕީ އަކީ އިންޑިއާގެ ސިޔާސީ ޕާޓީތަކުގެ ތެރެއިން އައިޓީ ދާއިރާއިން އެންމެ ކުރީގައި އުޅޭ ޕާޓީއެވެ.

2014 ވަނަ އަހަރުގެ އާންމު އިލެކްޝަން ކާމިޔާބުކުރުމުގައި ވެސް ބޮޑުވަޒީރު މޯދީ ވަނީ ސޯޝަލް މީޑިއާ އާއި ޓެކްނޮލޮޖީގެ ބޭނުން ވަރަށް ބޮޑަށް ކުރައްވާފައެވެ.

މޯދީ އަކީ މިހާރުވެސް ފޭސްބުކްގައި އެންމެ ގިނަ ފޮލޮވާސް ތިބި ސިޔާސީ ލީޑަރެވެ.