އެމްޑީޕީގެ ޕްރައިމަރީން ނާކާމިޔާބުވުމުން އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންނަށް ނަޝީދު ފާޑުވިދާޅުވެފައިވާއިރު ސީދާގޮތުން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ރުކުމާ އަބްދުލްކަރީމަށް ފާޑުވިދާޅުވުމުން ބައެއް މީހުނަށް ކަމު ނުގޮސްފިއެވެ.
ނަޝީދުގެ އެވާހަކަތަކަށް ރުކުމާ އެއްވެސް ރައްދެއް ދީފައިނުވާއިރު އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވަނީ ރުކުމާގެ އިތުރުންވެސް އިތުރު 3 ބޭފުޅަކު އެމްޑީޕީ ޕްރައިމަރީއިން ނާކާމިޔާބުވުމުން ވެސް މަޖިލީހަށް ވާދަކުރާ ކަމަށެވެ.
އޭގެ ތެރޭގައި ނަޝީދުގެ ޚާއްސަ އެޑްވައިޒަރު އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުވެސް ހިމެނެއެވެ. ނަޝީދުގެ ވާހަކަފުޅުގައި ޖާބިރަށް އެއްވެސް ބަހުގެ ހަމަލާއެއް ފޮނުވާފައިނުވާއިރު، އަދި ޖާބިރުގެ އަޚުލާގު މައްސަލައަކަށް ނުވެފައިވާއިރު ހަމައެކަނި ރުކުމާގެ އަޚުލާފާ މެދު ކަންބޮޑުވެފައިވާތީ ބައެއް މީހުން ވަނީ ނަޝީދަށް ފާޑުކިޔާފައެވެ.
އިއްޔެ ކ. މާފުށީގައި ނަޝީދު ދެއްކެވި ވާހަކަފުޅުގައި ސީދާ ރުކުމާއަށް އަމާޒުކޮށް އޭނާއަކީ ވަރަށް އަޚުލާގު ދަށް ބޭފުޅެއް ކަމަށާއި ގޮތެއް ނެތް ބޭފުޅެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. "އަޅުގަނޑުގެ ހެންވޭރު ދެކުނު ދާއިރާ އިން ބަލިވި ކެންޑިޑޭޓަށް، ރުކުމާ އަހުމަދަށް ދަންވާލަން ބޭނުން މާފުއްޓަށް ދުރުވެ މިތާ އުޅުއްވަންވީ ނޫންތޯއޭ ދުވަސްކޮޅަކަށް. އަހުލާގު ފަހަރެއްގައި ލިބިދާނެއޭ. ދުނިޔޭގައި އަޅުގަނޑުމެން ހަމަ ލެއްވީތީ އުޅޭކަށް ނުވާނެ. ކޮންމެވެސް ކަހަލަ ގޮތެއް ކޮންމެ މީހެއްގެ ވެސް ހުންނަން ވާނެ. މާފުށީ ދަރީންގެ އެކަން އެބަހުރި" ނަޝީދު ވިދާޅުވިއެވެ.