Last Updated: February 13, 21:21
Thursday, February 13, 2025
ޚަބަރު

އީސީގެ މެމްބަރު ކަމަށް އަނެއްކާވެސް ހަބީބު

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އިސްމާއީލް ހަބީބު

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ކަމުގެ މަގާމަށް، އެ ކޮމިޝަނުގެ މެމްބަރުކަމުގައި މިހާރުވެސް ހުންނެވި އިސްމާއިލް ހަބީބު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

އީސީގެ މެމްބަރު ކަމަށް ހަބީބު އައްޔަން ކުރުމަށް ފާސްކޮށްފައި ވަނީ 58 މެމްބަރުންގެ އިއްތިފާގުންނެވެ. މިކަމާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.

ހަބީބުގެ ދައުރު ހަމަވާތީ އީސީގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލުމުން 16 ފަރާތެއް ކުރިމަތިލިއެވެ. އޭގެތެރޭގައި ހަބީބު ވެސް ހިމެނިވަޑައިގަންނަވާއިރު އެ ބޭފުޅުންގެ ނަން ދިރާސާ ކުރެއްވި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން އެކުލަވާލި ރިޕޯޓްގައިވާ ގޮތުން އެންމެ މަތިން މާކްސް ހޯއްދެވީ ވެސް ހަބީބެވެ.

އެގޮތުން ހަބީބު ވަނީ 90.28 މާކްސް ހޯއްދަވާފައެވެ. ހާބީބް އާ އެންމެ ގާތުން ވާދަކުރި އަހްމަދް މޫސާ އަށް ލިބިފައިވަނީ 75.57 މާކްސް އެވެ.

މިނިވަން މުއައްސަސާތަކަށް އައްޔަން ކުރައްވާ ބޭފުޅުންނަކީ ގާބިލް ބައެއް ކަމަށް ކޮމިޓީން ކަނޑައަޅަނީ އެވްރެޖް 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބޭ މީހުންނަށެވެ.

އިލެކްޝަންސް މެމްބަރުކަމުގެ ދައުރަކީ ފަސް އަހަރެވެ.