Last Updated: November 27, 20:52
Wednesday, November 27, 2024
ދުނިޔެ

އިންޑިއާ އިން ގޮއްވާލިކަމަށް ބުނާ ކަޝްމީރްގެ ސްކޫލް އަދިވެސް އެބަހުރި

04 މާޗު 2019 ގައި ނަގާފައިވާ ޕާކިސްތާންގެ ބާލާކޯޓްގެ ސެޓަލައިޓް ފޮޓޯއެއް - ފޮޓޯ: ޕްލެނެޓް ލެބްސް އިންކް/ރޮއިޓާސް

އިރުއުތުރު ޕާކިސްތާންގައި ޖައިޝް-އޭ-މުހައްމަދު އިން ހިންގާ ސްކޫލަކަށް އިންޑިއާ އިން ބޮންއަޅާ ގިނަ އަދަދެއްގެ ހަނގުރާމަވެރިން މަރާލާފައިވާ ކަމަށް ބުނިނަމަވެސް، އެ ސްކޫލަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ސެޓެލައިޓް ފޮޓޯތަކުން ދައްކައިފި އެވެ.

ސެން ފްރެންސިސްކޯގެ އަމިއްލަ ސެޓަލައިޓް އޮޕަރޭޓަރެއް ކަމުގައިވާ ޕްލެނެޓް ލެބްސް އިންކް. އިން ނަގާފައިވާ އެ ފޮޓޯތަކުން ދައްކާ ގޮތުގައި މިދިޔަ ހޯމަ ދުވަހުވެސް އެ ސްކޫލް ހުންނަ ސަރަޙައްދުގައި ހަ އިމާރާތެއް ހުއްޓެވެ. އެ ފޮޓޯތައް ނަގާފައި ވަނީ އިންޑިއާއިން އެ ސްކޫލަށް ހަމަލާދިން ކަމަށް ބުނިތާ ހަ ދުވަސް ފަހުން ކަމުގައިވާއިރު، މީގެ ކުރިން އެ ސަރަޙައްދުގެ ހައި-ރިސޮލިއުޝަން ސެޓަލައިޓް ފޮޓޯތަކެއް އާންމުކޮށްފައެއް ނުވެއެވެ.

2018 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ނަގާފައިވާ އެ ސަރަޙައްދުގެ ސެޓަލައިޓް ފޮޓޯ އާއި މި މަހުގެ ހަތަރުވަނަ ދުވަހު ނަގާފައިވާ ފޮޓޯއާއި އަޅާބަލާއިރު، ފެންނަ ފެނުމަށް އެއްވެސް ތަފާތެއް ނެތެވެ. އެގޮތުން އެ ސްކޫލްގެ އެއްވެސް އިމާރާތަކަށް އެއްވެސް މިންވަރެއްގެ ގެއްލުމެއް ލިބިފައި ނުވާކަން ފޮޓޯތަކުން ކަށަވަރުވެއެވެ.

މި ފޮޓޯތައް އާންމުވުމާއި ގުޅިގެން، މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ޕާކިސްތާންގެ ބާލާކޯޓް ސަރަޙައްދުގައި ހުންނަ އެ ސްކޫލަށް ހަމަލާދީ ހަނގުރާމަވެރިން މަރާލާފައިވާ ކަމަށް ވިދާޅުވެ، އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރަ މޯދީ ފާއިތުވި އަށް ދުވަހުގެ ތެރޭގައި ދެއްކެވި ވާހަކަތަކާމެދު ޝައްކުތަކެއް ވަނީ އުފެދިފައެވެ.

މި ސެޓަލައިޓް ފޮޓޯތަކާއި ގުޅޭގޮތުން އިންޑިއާގެ ފޮރިން މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީ އިން ވެސް އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.