Last Updated: November 25, 20:21
Monday, November 25, 2024
ކުޅިވަރު

ނޭމާ އަށް ވުރެ ޑެމްބެލޭ މާ މޮޅު: ބާޓޮމެއު

ބާސެލޯނާގެ ރައީސް ޖޯސެޕް މާރިއާ ބާޓޮމެއު.

ޕީއެސްޖީ އަށް ކުޅެމުން އަންނަ ބާސެލޯނާގެ ކުރީގެ ތަރި ނޭމާ އަށް ވުރެ އޭނާގެ ބަދަލުގައި ގެނައި އޮސްމާނޭ ޑެމްބެލޭ މާ މޮޅުކަމަށް އެ ޓީމުގެ ރައީސް ޖޯސެޕް މާރިއާ ބާޓޮމެއު ބުނެފިއެވެ.

ބާސެލޯނާ އިން 2017 ވަނަ އަހަރުގެ އޮގަސްޓްމަހުގައި 222 މިލިއަން ޔޫރޯގެ ރިލީޒް ކްލޯޒްއަކަށް ޕީއެސްޖީ އަށް ނޭމާ ބަދަލުވިއިރު އެ ޓީމުން ވަނީ އޭނާ ވިއްކާލުމަށްފަހު ލިބުނު ފައިސާގެ ތެރެއިން 105 މިލިއަން ޔޫރޯގެ ފީ އަކަށް ބޮރޫޝިއާ ޑޯޓްމަންޑުން ޑެމްބެލޭ ގެނެސްފައެވެ.

ބާސެލޯނާ އަށް ބަދަލުވި ފުރަތަމަ ސީޒަނުގައި އަނިޔާގެ ސަބަބުން ޑެމްބެލޭ އަށް ގިނަ މެޗުތަކެއް ގެއްލުނު ނަމަވެސް މި ސީޒަނުގައި ޑެމްބެލޭ ވަނީ ކުޅުނު 33 މެޗުގައި 13 ގޯލް ކާމިޔާބުކޮށް އިތުރު 8 ލަނޑުޖެހުމަށް އެހީތެރިވެދީފައެވެ.

ނޭމާ އެނބުރި ބާސެލޯނާ އަށް އަންނަން އުޅޭ ކަމުގެ ވާހަކަތައް މީޑިއާގައި މީގެކުރީން ދެކެވިފައިވާއިރު އެ ޓީމަށް އެނބުރިއައިނަމަވެސް ބާޓޮމެއު ވަނީ ޑެމްބެލޭ އަކީ ނޭމާ އަށް ވުރެ މޮޅު ކުޅުންތެރިއެއްކަމަށް ބުނެފައެވެ.

ނޭމާ އެނބުރި ބާސެލޯނާއިން ފެނިދާނެތޯ ސާ ކެޓަލޫންޔާގެ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން ބާޓޮމެއު ވަނީ ތީގެ ޖަވާބުގައި އެއްޗެއް ބުނަން ނޭނގޭކަމަށް ބުނެފައެވެ.

ބާސެލޯނާގެ އޮސްމާނޭ ޑެމްބެލޭ (ކ) އަތުން ބޯޅަ ހޯދަން ރެއާލް ސޮސިއެޑާޑްގެ ދެ ކުޅުންތެރިން މަސައްކަތްކުރަނީ. –ފޮޓޯ: ލަލީގާ

"ނޭމާ ވިއްކާލައިގެން ލިބުނު ފައިސާ އިންވެސްޓްކޮށްގެން އަހަރެމެން ގެނައީ ޒުވާން ކުޅުންތެރިން. އެގޮތުން، އަހަރެމެން ގެނައީ ޑެމްބެލޭ އާއި ފިލިއްޕޭ ކުޓީނިއޯ ކަހަލަ ކުޅުންތެރިން."

"އަހަރެން ބުނާނީ ޑެމްބެލޭ އަކީ ނޭމާ އަށް ވުރެ މޮޅު ކުޅުންތެރިއެކޭ. އޭނާ އެހެރީ ބާސާގައި އަހަރެމެން އޭނާ އާއި މެދު ވަރަށް ހިތްހަމަޖެހޭ." ބާޓޮމެއު ބުންޏެވެ.

ބާސެލޯނާގެ ޓީމުގައި ހިމެނޭ މުހިއްމު ކުޅުންތެރިންތަކެއް ކުޅުން ހުއްޓާލަން ކައިރިވެފައިވާއިރު އެ ޓީމުން ގަބޫލުކުރާގޮތުގައި އުމުރުން 21 އަހަރުގެ ޑެމްބެލޭ އަކީ މުސްތަގްބަލުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާނެ ކުޅުންތެރިއެކެވެ.

އެގޮތުން، ބާސެލޯނާ އިން ގަބޫލުކުރާގޮތުގައި ލިއޮނަލް މެސީ އާއި ޖެރަޑް ޕީކޭ އަދި ސާޖިއޯ ބުސްކެޓްސް ރިޓަޔާކުރުމުން އެ ކުޅުންތެރިން ނެތްތަން ފޫބައްދައިދޭނެ ކުޅުންތެރިންގެ ތެރޭގައި އެ ޓީމުގެ މެދުތެރޭގައި މިހާރު ކުޅެމުން އަންނަ އާތަރ މެލޯގެ އިތުރުން ކުރިއަށް އޮތް ސީޒަނަށް ހޮލެންޑްގެ އަޔެކްސް އެމްސްޓެޑަމް އިން ގެނެސްފައިވާ ފްރެންކީ ޑި ޔޮން ހިމެނެއެވެ.

މީގެއިތުރުން، އެ ޓީމުން ވަނީ އަޔެކްސް އަށް ކުޅެމުން އަންނަ ހޮލެންޑްގެ އުއްމީދީ ޑިފެންޑަރު މަތައިސް ޑި ލައިޓް އަކީ ވަރަށް ގާތުން ބަލަމުންދާ ކުޅުންތެރިއެއްކަމާއި އޭނާ ގެނައުމަށް ޝައުގުވެރިވާކަމަށް ބުނެފައެވެ.