Last Updated: November 25, 22:26
Monday, November 25, 2024
ޚަބަރު

ފައިސަލް ބަރލިންގައި ބޭއްވި ހަވީރުގައި ބައިވެރިވެވަޑައިގެންފި

ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ޖަރުމަނު ވިލާތުގެ ބަރލިންގައި ބާއްވާ އިންޓަރނޭޝަނަލް ޓުއަރިޒަމް ބޯސް (އައި.ޓީ.ބީ) ބަރލިން ފެއާގައި ބައިވެރިވާ ދިވެހިންގެ ޝަރަފުގައި ގްރޭންޑް ހަޔަޓް ހޮޓެލުގައި ބޭއްވި ދިވެހި ހަވީރުގައި ބައިވެރިވެވަޑައިގެންފިއެވެ.

މި ދިވެހި ހަވީރަކީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނުން އިންތިޒާމްކޮށްގެން ބޭއްވި ހަވީރެކެވެ. މި ހަވީރުގައި ރާއްޖޭގެ ސަޤާފަތް ދައްކުވައިދޭ ތަފާތު އެކި ހަރަކާތްތައް ދައްކާލާފައިވެއެވެ.

މި ހަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ބައިވެރިންނާއި މުޚާތަބް ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. އެ މަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ އިޤްތިޞާދާއި ފަތުރުވެރިކަން ކުރިއެރުވުމުގައި ރާއްޖޭގެ ސަޤާފަތާއި، ތިމާވެއްޓާ ރަށްޓެހި ގޮތެއްގައި ކުރިއެރުވުމަށް ސަރުކާރުން އިސްކަންދެއްވާކަމުގައި ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖެއިން ފަތުރުވެރިންނަށް ފޯރުކޮށްދެމުންގެންދާ ފުރިހަމަ މެހެމާންދާރީ އެގޮތުގައި ހިފެހެއްޓުމަށް ސަރުކާރުން ބާރުއަޅުއްވާކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ހަވީރުގައި، އައި.ޓީ.ބީ ފެއާގައި ރާއްޖެ ތަމްސީލުކުރާ ބައިވެރިންނާއި، ބޭރުގެ ފަރާތަތަކާއި، ބޭރު ޤައުމުތަކުގެ މީޑިއާތަކުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.