(ޖޫން 5، 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)
"އަހަރެން މިއަދު ހުރިހާ ނަމާދަކަށް ދިޔައިން ފިޔާޒާ ފެނޭތޯ ހޯދާ ވެސްލިން." އަހަރެންނާ ވީ ފަރާތަށް ނުވެސް އެނބުރި އޭނާ ބުނެލި އެވެ.
އޭނާ އަށް އަހަރެން މިތާ ހުރިކަން އެނގުނީ ކިހިނެއްބާ އެވެ؟ އަހަރެން މިއޮތް އަނގަ ގަދަ މީހާ މީނަ ކުރިމައްޗަށް އައުމުން މި ވަނީ ކީއް ހެއްޔެވެ؟ ވާހަކައެއް ނުދެއްކެ އެވެ. ގާބުރިއެއްހެން ހުންނަނީ އެވެ.
"ކޮބާ ރިޔާ އަހަރެން ގޮސްލަނީ." ނާޒިމު ދިޔުމުގެ ހުއްދައަކަށް އެދުނެވެ.
"ނޫނޭ ނުދެވޭނެ މަޑު ކުރޭ." ރިޔާސް ނާޒިމް ދިޔަކަ ނުދިނެވެ. އެކަމަކު އަހަރެން އެކަހެރިކޮށް މީނަޔާ ވާހަކަ ދައްކަން ބޭނުމެވެ. ނަމަވެސް އެއްވެސް ލަފުޒެއް މަގޭ ދުލުން ނުނިކުތެވެ. ދެއްކިހާ ވާހަކައެއް ދެއްކީ ނާޒިމް އާއި ރިޔާސެވެ. އަހަރެން އިނީ މޫދަށް ގާ އުކާށެވެ. އޭރު އަހަރެންގެ ފުރަގަހުގައި އޭނާ ހުރި އިރު އަހަރެންގެ ދިގު އިސްތަށިގަނޑު އޭނާގެ ގައިގައި ބޮސް ދެމުން ދިޔަ އެވެ. ހީވަނީ އެ އިސްތަށިތައް ވެސް ލޯތްބަަށް އެދި ސަލާން ޖަހާހެންނެވެ. އަހަރެން ވަރަަށް ފޫހިވެފައި ހުރީމެވެ.
"ފިޔާޒާ ބުރުގާ އަޅަންވީނު" ރިޔާސް އޭނާގެ ގައިގައި ޖެހުނު އިސްތަށިތައް އެއްފަރާތް ކުރަމުން އަހަރެންގެ ކުރިމައްޗަށް އަރައި ބުނެލި އެވެ.
"އައްޗި މަށެއް ނޫޅެން." ފުރަތަމަ ފަހަރަށް އަހަރެން އެއްޗެކޭ ބުނީމެވެ. އެކަމަކު މި ބުނެވުނީ ރަނގަޅު އެއްޗެއް ނޫންކަން އަހަރެންނަށް އިހްސާސް ވީ މާ ފަހުންނެވެ. އެއީ އަބަދުވެސް ވާ ގޮތެވެ. ވާނީ ވެސް އެހެންނެވެ. އަހަރެންނަކީ ސާފު ބިއްލޫރިކޮޅެއް ކަހަލަ ކުއްޖެކެވެ. މަކަރު ހެދުމާއި ދޮގު ހެދުމަކީ އަހަރެން ކުރާ ކަމެއް ނޫނެވެ. އަހަރެންނަކަށް އެކަން ކުރާކަށް ނުވެސް އެނގޭނެ އެވެ.
ދުވަސްތައް ބަދަލުވަމުން ދެ އެވެ. އަހަރެމެން އެކަކު އަނެކަކަށް ފެންނަނީ ނަމާދު ގަޑީގަ އެވެ. އޭނާ އަހަރެންގެ ގެ ކައިރީ ހުންނަ ބޮޑު މިސްކިތަށް އައިސް ގޮސް ވާތަނެވެ. ބައްދަލު ކުރަން އޭނަ ވެސް އިސްވެ ނޭދޭތީ އަހަރެން ވެސް ގޮތުގައި ހުރީމެވެ. މަދުރަސާ ޗުއްޓީ ލިބިއްޖެ އެވެ. މާ ރަނގަޅު ނަތީޖާއެއް ނުލިބުނަސް އަހަރެން ކިރިޔާ އެއް ކުލާހުން އަނެއް ކުލާހަށް ބަދަލުވާ ވަރު ވި އެވެ. އަހަރެންނާ އެކު ދެން އުޅުނު މީހުންނަަށް އެ ވަރު ވެސް ނުވި އެވެ. އެ މީހުން ފޭލިވީ އެވެ.
"ކޮބާ މިރޭ ބައްދަލުކޮށް ބަލާށޯ ރިޔާސް ބުނެފި." ނާޒިމް ރިޔާސް ގެ ޕިޔޯނެއްހެން އައިސް އަހަރެން ކައިރީ ބުނެލި އެވެ.
"އެހެންތަ؟ މިހާރުތަ އޭނަ މަ މަތިން ހަނދާން ވަނީ." އަހަރެން މިހެން ދުލުން ބުނި އިރު އަހަރެންގެ ހިތުން ރިޔާސް އާ ދިމާއަށް ތަފާތު އެއްޗިހި ކިއީމެވެ. ކަލޭ ހީކުރަނީ ކަލޭ ބޭނުން ހާއިރަކު އަހަރެންނާ ބައްދަލު ކުރެވޭނެ ކަމަށް ހެއްޔެވެ؟ ނުވެސް ދާނަމެވެ.
"ކީކޭ އެއްޗެކޭ ބުނިންތަ؟" ނާޒިމް އަހަރެންގެ މޫނަށް އަރާ ކުލަވަރު ބަލަމުން ސުވާލު ކުރި އެވެ. އެއީވެސް އަނެއް ކަންތަކެވެ. ހިތް ހަމަނުޖެހުނަސް އެކަން ފޮރުވުމުގެ ގާބިލް ކަމެއް ވެސް އަހަރެންގެ ނެތެވެ.
"ނޫނޭ…ހޫނ…ދެން ދާނަމޭ." މޮޑެން އިން ފުށް އެތި ވެސް ނުވެއްޓުނީ ކިރިޔާ އެވެ. މަންމަ ފެނުމާ އެކު ނާޒިމް ދިޔައީ އެވެ. ނާޒިމް އައީ އަހަރެން ހޯދަންކަން މަންމަ އަށް އެނގޭނެ އެވެ. އެހެންވެ މަންމަ މޫނު ކުނި ކުރި އެވެ.
އަނެއްކާވެސް އަހަރެން ސިންޑުރެއްލާ ބައި ކުޅެންވީ ދުވަހެކެވެ. ވާނީ ވެސް އެހެންނެވެ. މިރޭ އަހަރެން މި އުޅެނީި އަހަރެންގެ ލޯބިވެރިޔާ އާ ބައްދަލު ކުރަން ދާށެވެ.
"މި މަންޖެ މިހާރު ހާދަ ގެވެހިޔޭ. މަށަށް ހީވަނީ އިސާހިތަކު މީހަކު މިގޮއްޔެ ގެންގޮސް ދާނެހެން." ބޮޑު ދައިތަ ގެޔަށް ވަދެ މަޑު ނުވެ އަހަރެންގެ ވާހަކަ ދައްކަން ފެށި އެވެ. ކޮންމެވެސް ގެއެއްގެ ފިރިހެން ކުއްޖަކާ އަޅުވާ ކިޔަމުންނެވެ. އަހަރެން ވަގުތުން މަންމަގެ ފުރަގަހަށް ވަނީމެވެ.
"ދަރިފުޅާ…ގިނަ މީހުންގެ ލޯ މައްޗަށް ނުފެންނާތި. ގިނަ ވާހަކަ އަޑު އިވޭނެެ. ގެއެއްގެ ތެރޭ ފޮރުވިފަ އިނަސް އަންހެން ކުއްޖަކު ރަނގަޅީއްޔާ ރަނގަޅު ވާހަކަ އަޑު އިވޭނެ. އަންހެން ކުއްޖެއްގެ ގަހަނާއަކީ ރީތިވުމެއް ނޫން. ލަދުވެތިކަމާއި މަޑުމައިތިރިކަން. މާބާރަށް ނުހޭތި. އެއީ އަންހެން ކުދިންނަށް ހަޑި ކަމެއް." މަންމަ އަހަރެންނަށް ނަސީހަތް ދިނުމަށް ފަހު ބަދިގެ ފަރާތަށް ދިޔަ އެވެ.
ތެދެކެވެ. އަހަރެން ގައިގައި މަންމަ އެ ބުނި ހުރިހާ ސިފައެއް އެބަހުއްޓެވެ. އަހަރެން ލަދުވެތި އެވެ. ދެއްކުންތެރި ކަމެއް އަހަރެން ނުކުރަމެެވެ. ފިރިހެން ކުދިންނާ ވާހަކަ ދައްކާ ހުތުރު ގޮތަކަށް ނޫޅެމެވެ. ތެދެކެވެ. އަލަ ގަހަކުން ކެޔޮނިރެއް ނުފަޅާނެ އެވެ. ވީ އިރު އަަހަރެންގެ މަންމަ ފަދަ މާތް އިންސާނެއްގެ ބަނޑުން ގޯސް ކުއްޖެއް ވިހައިފާނެ ހެއްޔެވެ؟. އަހަރެން ބަރާބަރަށް ނަމާދު ކުރަމެވެ. ޤުރުއާން ޙަތިމް ކުރެވުނު އަދަދެއް ވެސް ނޭނގެ އެވެ. މިކަމާ އަހަރެން ވަރަށް ހިތް ހަމަޖެހެ އެވެ.
މަދުރަސާގައި ވެސް ދީނީ އެއްޗިހި ކިޔުއްވި އިރު އެއް ވަނައަށް ދިޔައީ އަހަރެންނެވެ. މިކަމުން ވެސް އެނގެނީ އަހަރެންގެ ހިތް އަލި ކަމެވެ. އެކަމަކު އިނގިރޭސި މާއްދާތަކުން އަހަރެން އަބަދުވެސް ދަށެވެ.
ވަރުގެ ކޮޅަށް ނަލަ ހެދިލީމެވެ. މިއަދު އަހަރެންލީ ޕާކިސްތާނު ހެދުމެކެވެ. ދޯޕައްޓާ އަޅާލުމަށް ފަހު މޫނުބަލާ ލޯގަނޑު ކައިރި އަށް އަހަރެން ޖެހިލީމެވެ. ޙުދު އަހަރެންނަށް ވެސް އަހަރެން ނޭނގުނެވެ. ކޮންމެވެސް ތަފާތު ގޮތެއް ހުރިހެން ހީވެ އެވެ. އަހަރެން ލޯގަނޑުން ފެންނަން ހުރި އަހަރެންނާ ދިމާ އަށް އަހަރެން ހީލީމެވެ.
ނާޒިމު ގަޑިއަށް އަހަރެން ބަލާ އަ އެވެ. ރިޔާސް ހަމަ ކުރީ ދުވަހު ބައްދަލު ކުރި ތަނުގައި ހުއްޓެވެ. ހަމަ މޫދާ ދިމާ އަށް އެނބުރިގެންނެވެ. އަހަރެމެންގެ ހިލަން ވުމާ އެކު އޭނާ އެނބުރިލި އެވެ. ހަނދުވަރުގެ ފަނޑު އަލީގެ ތެރެއިން ޖަޒުބާތީި ގޮތަކަށް އަހަރެންނަށް ބަލަމުން ދިޔަ އެވެ. ކުރީ ރޭ އޭނާ އަހަރެންނާ ދިމާއަށް މި ވަރަށް ވެސް ބަލައެއް ނުލަ އެވެ.
"ފިޔާޒާ ހާދަ ރީއްޗޭ…" އަހަރެންގެ އަތުގައި ހިފަމުން ރިޔާސް ބުނެލި އެވެ. އަހަރެން ލަދުން އަތް ދަމާލީމެވެ.
"އޭއި ކަލޭ ދެން މަންޒަރު ބަލަން ހުންނަންވީކީ ނޫން އިނގޭ. މީހަކު އާދޭތޯ ބަލަން ހުރޭ." ހިނިތުންވެލަމުން ރިޔާސް އަހަރެމެންގެ ފާރަވެރިޔާ އެއް ފަރާތަކަށް ފޮނުވާލި އެވެ. އޭނާ ހުރީ ފާޑަކަށް ހިނި އައިސްފަ އެވެ.
"ފިޔާޒާ…އަހަރެން ހިތަށް…"
"ދެން އަހަރެންނާ ދިމާއަށް ފިޔާޒާ ނުކިޔަބަލަ…މަ ވަރަށް ވަރަށް ފޫހި ނަމެއް…"
"ދެން ކިޔަންވީ ކީކޭތަ؟" އަހަރެންގެ އަތުގައި ހިފަހައްޓައިގެން ހުރެފައި އޭނާ ދޫކޮށްލި އެވެ. މި ދޫކޮށްލުން ހީވީި މާނަވީ ދޫކޮށްލުމެއް ހެންނެވެ.
"މަގޭ ރައްޓިހިން ކިޔަނީ ފިޔާ…" ތުއިވެފައި އަހަރެން ބުނީމެވެ.
"ނަސީބެެެއްްނު ލޮނުމަދޭ ނުކިޔާކަން…ތީ މަގޭ ރައްޓެއްސެއްތަ؟" ލާނެެއް ހިނިގަނޑެެއް ޖަހާލަމުން ރިޔާސް އަހަރެންނާ ސުވާލު ކުރި ރާގުން ވެސް އިންތިހާ އަށް ދުރު ގޮތެއް އިހްސާސް ވި އެވެ، ނަމަވެސް އަހަރެން ހިމޭނުން ހުރީމެވެ. ނުބައި އެއްޗެއް ބުނެވިދާނެތީ އެވެ. އަހަރެން ތުން އޫކޮށްގެން ހުރީމެވެ.
"ފިޔާޒާ…މަދުރަސާ ނިންމާނީ ކިހާހި ސާބަކަށް ކިޔަވާފަތަ؟" ރިޔާސްގެ މި ޖުމްލަ އިން އަހަރެން ވަރަށް ހައިރާންވެ ލަދުގަތެވެ. ހީވީ އޭނާ އަހަރެން ކައިރީ އިންނަން އެހި ހެންނެވެ.
"އަމައްޔާއި ދެން މަ ނޫޅެން މާ މައްޗަށް ކިޔަވާކަށް. މާދަން ވެސް އިންނާނެ މީހަކު ވެއްޖެއްޔާ ވީ އިންނަން." އަހަރެން މިހެން ބުނެލުމާ އެކު އަހަރެން ކާލަފާނަމޭ ބުނާ ކަހަލަ ބެލުމަކުން ރިޔާސް އަހަރެންނާ ދިމާއަށް ބަލަމުން ދިޔަ އެވެ. އެ ލޮލުން އެ ވަގުތު ރުޅިވެރިކަމުގެ އަސަރު ފެންނަން ހުއްޓެވެ. ކޮން ބާރެއް ކަމެއް ނޭނގުނެވެ. އަހަރެން އަނެއް ފަރާތަށް އެނބުރި ދޯޕައްޓާގައި ހިފީމެވެ. ލަދުންނާއި ބިރުންނެވެ.
(ނުނިމޭ)