ދަރިން ވިހެއުމުން އަންހެން ކަނބަލުންނަށް ލިބޭ މެޓާނިޓީ ލީވްގެ މުއްދަތު ހަމަސް ދުވަހަށް ރައީސުލް ޖުމުހޫރިއްޔާ އިތުރުކޮށްދެއްވައިފިއެވެ.
ބައިނަލް އަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ކ. މާފުށީގައި ބާއްވާ ޖަލްސާގައި ވާޙަކަ ދައްކަވަމުން ރައީސް އިބޫ ސޯލިހް ވަނީ އަންހެނުންނަށް މޭޓާނިޓީ ލީވްގެ ގޮތުގައި ސިވިލް ސާވިސްގެ މުވައްޒަފުންނަށް ލިބޭ ޗުއްޓީ ހަމަސް ދުވަހަށް އިތުރުކުރުމަށް ނިންމާފައިވާކަން އިއުލާން ކުރައްވާފައެވެ.
ރައީސް ވިދާޅުވީ އަންހެނުން ބާރުވެރި ކުރެވޭނީ އެބޭފުޅުންނަށް ދިމާވާ ހުރަސްތައް ނައްތާލެވިގެން ކަމަށެވެ. މިސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ އެ ހުރަސްތައް ނައްތާލުމާއި ފަޚުރުވެރި އާއިލާއެއް ބިނާކުރަން އެހީވެދިނުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަންހެނުންގެ އިތުރުން ދަރިން ލިބުމުން ސިވިލް ސާވިސްގެ ފިރިހެން މުވައްޒަފުންނަށް ވެސް އާއިލާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްމަސް ދުވަހުގެ ޗުއްޓީ އެއް ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މިއީ ރައީސް ސޯލިހުގެ ރިޔާސީ ކެމްޕޭނުގައި އެމަނިކުފާނު ވެވަޑައިގެންނެވި އެއް ވައުދުކަން ފާހަގަކޮށްލެވެއެވެ.