ޓިއުނީޝިއާގެ މަޖިލިސް އިންތިޚާބު އަންނަ އޮކްޓޯބަރ މަހުގެ ހަވަނަ ދުވަހު އަދި ރިޔާސީ އިންތިޚާބު އަންނަ ނޮވެމްބަރ މަހުގެ 10 ވަނަ ދުވަހު ބޭއްވުމުގެ އެޤައުމުގެ އިލެކްޝަންސް ކޮމިޝަން އިން ނިންމައިފި އެވެ.
މިއީ 2011 ވަަނަ އަހަރު ކުރީގެ ރައީސް ޒައިން އަލް އަބްދީން ބިން އަލީގެ ވެރިކަން ވައްޓާލިފަހުން އެޤައުމުގައި ބާއްވާ ތިންވަނަ ޤައުމީ އިންތިޚާބެވެ.
ބިން އަލީގެ ވެރިކަމާއި ދެކޮޅަށް ޓިއުނީޝިއާގެ ރައްޔިތުން މުޒާހަރާކުރަމުންދާތާ އެއް މަސް ފަހުން އޭނާ ވަނީ މަޖުބޫރުން ވެރިކަން ދޫކުރައްވައި، އާއިލާއާއެކު ސައުދި އަރަބިއާ އަށް ވަޑައިގެންފަ އެވެ. އޭރު އޮތް ސަރުކާރުން ވަނީ ބިން އަލީ ހައްޔަރު ކުރުމަށް ބައިނަލްއަޤްވާމީ އެރެސްޓް ވޮރެންޓެއް ނެރެދިނުމަށް އިންޓަޕޯލްގައި އެދިފައެވެ. އެގޮތުން އޭނާގެ މައްޗަށް ވަނީ މަނީ ލޯންޑަރިންގ އާއި ޑްރަގް ޓްރެފިކިންގގެ ދައުވާ އުފުލާފައެވެ. ވައްކަމާއި ޤާނޫނާއި ޚިލާފަށް ފައިސާ އާއި ގަހަނާ ގެންގުޅުމުގެ ކުށުގައި ޓިއުނީޝިއާގެ ކޯޓަކުން ވަނީ 2011 ވަނަ އަހަރު ބިން އަލީ އާއި އޭނާގެ އަނބިކަނބަލުން ލީލާ ބިން އަލީގެ މައްޗަށް ޣައިރު ހާޒިރުގައި 35 އަހަރުގެ ދުވަހުގެ ޖަލު ޙުކުމެއް އިއްވާފައެވެ. އަދި 2012 ވަނަ އަހަރު ބިން އަލީގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ޙުކުމެއް އެޤައުމުގެ ކޯޓަކުން އިއްވާފައިވާއިރު، 2013 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި މިލިޓަރީ ކޯޓަކުން ވެސް ވަނީ އޭނާގެ މައްޗަށް އުމުރު ދުވަހުގެ އިތުރު ޖަލު ޙުކުމެއް އިއްވާފައެވެ.
އިންޑިޕެންޑެންޓް ހައި އޮތޯރިޓީ ފޯ އިލެކްޝަންސް (އައިއެސްއައިއީ)ގެ ރައީސް ނާބިލް ބަފޫން މިއަދު ވިދާޅުވީ މަޖިލިސް އިންތިޚާބު އޮންނާނީ އޮކްޓޯބަރު 06 ގައި ކަމަށާއި، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު އޮންނާނީ ނޮވެމްބަރ 10 ގައި ކަމަށެވެ.
މި އަހަރުގެ އިންތިޚާބުގައި އިސްލާމިސްޓް އެންނައްދަ ޕާޓީ އާއި ތަހްޔާ ތޫންސްގެ އިތުރުން ނިދާ ތޫންސް ޕާޓީގެ ކެންޑިޑޭޓުން ވާދަކުރާނެ ކަމަށް ލަފާކުރެވެއެވެ.
މިހާތަނަށް ވެރިކަމަށް ކުރިމަތިލައްވާނެ ކަމަށް އެއްވެސް ލީޑަރަކު ވިދާޅުވެފައި ނުވާއިރު، ފުރަތަމަ ބުރުން ރިޔާސީ ކެންޑިޑޭޓަކު ކާމިޔާބުނުވެއްޖެނަމަ، އޭގެ ދެ ހަފްތާ ފަހުން އިންތިޚާބުގެ ދެވަނަ ބުރު ބާއްވާނެ ކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ.
2014 ވަނަ އަހަރު ޓިއުނީޝިއާގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވީ ބޭޖީ ކައިދް އެސެބްސީ އެވެ. އެސެބްސީ އަކީ އެޤައުމުގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް އެވެ.