ބައިނަލް އަގްވާމީ އަންހެނުންގެ ދުވަހުގެ ތަހުނިޔާ އައްޑޫލައިވްގެ މުޅި ޓީމްގެ ނަމުގައި އަންހެނުންނަށް އަރިސްކުރަމެވެ.
އަންހެނުންގެ ދުވަހަކީ ކޮންމެ އަހަރެއްގެ މާރޗު 8 ވަނަ ދުވަހެވެ. މި ދުވަހަކީ އަންހެނުންގެ އިޖުތިމާޢީ، އިޤްތިޞާދީ، ސަޤާފީ އަދި ސިޔާސީ ކުރިއެރުންތައް ފާހަގަކޮށް އަންހެނުން ބާރުވެރިކުރުވާ، މުޖުތަމަޢުގެ ތެރޭގައި އަންހެނުން ކުރިމަތިލާންޖެހޭ ނޭދެވޭ ކަންކަން ފާހަގަކޮށް އެކަމާ ދެކޮޅަށް އަޑު އުފުލުމުގެ ގޮތުގައި ފާހަގަކުރެވޭ ދުވަހެކެވެ.
މި އަހަރުގެ އަންހެނުންގެ ދުވަހުގެ ޝިޢާރަކީ "ތިންކް އީކުއަލް، ބިލްޑް ސްމާރޓް، އިނޮވޭޓް ފޯރ ޗޭންޖް" އެވެ.
އައްޑޫލައިވްއިން ކޮންމެ ހުކުރު ދުވަހަކު ގެނެސްދެމުންދެމުންދާ ފީޗަރ ސެގްމެންޓުގައި މިފަހަރު މިފަހަރު ހާއްސަ މިކުރަނީ މިއަދު ފާހަގަ ކުރާ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހަށެވެ. މީގެ ކުރިން ކޮންމެ ހަފްތާއަކު ވަކި މީހަކު ފީޗަރ ކުރެވުނު ނަމަވެސް އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި އައްޑޫން ފާހަގަ ކޮށްލެވޭ ހީވާގި ކަނބަލުން ކޮޅެއްގެ މައުލޫމާތު ގެނެސްދެވޭތޯ ބަލާނަމެވެ.
އެހެންވެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ އައްޑޫ އަންހެނުންގެ ވާހަކަ ތަކާއި މުޖުތަމަޢާމެދު އެކަނބަލުން ކުރާ އުންމީދުތައް ހިމަނާލީމެވެ.
* ޖަމްޝީދާ މުހައްމަދު (މާހު)
ކައުންސިލަރ (ހިތަދޫ މެދު ދާއިރާ)، މަންމައެއް
"ސްކޫލް ނިންމި ގޮތަށް އަޅުގަނޑުގެ މަސައްކަތް ފެށުނީ އަންހެނުން ކުރިއަރުވާ ކޮމިޓީގެ ޓްރެޜަރަރގެ ގޮތުގަ. އެއަށްފަހު ކިޔަވަންގޮސް، ކިޔަވާ ނިމިގެން އަޅުގަނޑު އެނބުރި އައިސް މަސައްކަތްކުރީ ރިސޯޓެއްގަ. ރިސޯޓުން ވަކިވެގެން ދަރިފުޅު ލިބިގެން ދުވަސްކޮޅަކަށް ބްރޭކެއް ނަގާލާފަ އަނެއްކާވެސް އަންހެނުންގެ ކޮމިޓީގަ މަސައްކަތްކުރަންފެށީ. އެތަނުގެ ރައީސާގެ ގޮތުގައި އުޅުނު ދުވަސްވަރު ކުރިމަތިލާންޖެހުނު ގޮންޖެހުންތަކާ، ދަތިތަކާ، އަންހެނުންނަށް ޕޮލިސީ މޭކިންގ ލެވެލްގައި ކުރިއަށް ދިޔުމުގައި ހުރި ހުރަސްތަކާ ދެކޮޅަށް ނިކުންނަން ވެގެން ކައުންސިލަރ ކަމަށް ކުރިމަތިލީ. ބޭނުންވީ އަންހެނުންނަކީވެސް ކުޅަދާނަ ބައެއްކަން ދައްކައިދޭން. އުންމީދަކީ ކުރިއަށް އޮތްތަނުގައި ޕޮލިސީ މޭކިނގ ލެވެލްގައި މިހާރަށްވުރެ ގިނަ އަންހެނުން ހަރަކާތްތެރިވުން" މާހު އަކީ އައްޑޫގެ ފުރަތަމަ އަންހެން ކައުންސިލަރއެވެ.
* މަރިޔަމް ނައުފާ (ނައު)
އެލްއެލްބީ ލޯ ދަރިވަރު
"ބޭނުންވަނީ މުޅި މުޖުތަމަޢު އެއްކޮށް އަތްފޯރާފަށުފައި ކޮލިޓީ ރަނގަޅު ޗައިލްޑް ކެއަރ ޚިދުމަތްތައް ޤާއިމުކުރުމަށް މަސައްކަތްކުރުމަށް" ނައުފާ އަކީ ޔުނިވަރސިޓީ އޮފް ވެސްޓް މިންސްޓަރގައި ކިޔަވަމުންދާ ދަރިވަރެކެވެ. އަދި ނައުފާ ވަނީ 2018 ވަނަ އަހަރުގެ އައުޓްސްޓޭންޑިންގ އެކެޑެމިކް އެޗީވްމެންޓް އެވޯޑް ހާސިލުކޮށްފައެވެ. މި އެވޯޑަކީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީތަކުގައި ތަޢުލީމް ހާސިލްކުރަމުންދާ ދަރިވަރުންގެ ތެރެއިން އެންމެ މޮޅު ނަތީޖާ ހޯދާ ދަރިވަރުންނަށް ދެވޭ އެވޯޑެކެވެ.
* އައިޝަތު ޒީޝާން ހަސަން (ޔޫޓޯޕިއަން)
އަރޓިސްޓް
" އެންމެ ކުޑަ އިރުއްސުރެ ގިނަމީހުން ބުނެ އުޅުނީ މި މުޖުތަމަޢުގަ އަރޓިސްޓަކަށް ވުމަކީ އޮޕްޝަނެއް ނޫނޭ. އެއްވެސް މީހަކު ހުނަރުތައް ދެނެގަނެ، ކުރިއަރުވާކަށް ހިތްވަރެއްވެސް ނުދޭ. އެއްދުވަހު ހަމަ ނިންމީ، ދެން ބޭނުމެއް ނޫނޭ މީހުން ކިޔާ އެއްޗަކަށް ވިސްނައިގެން ހުންނާކަށް. އެހާ ހިސާބުން މި ކްރިއޭޓިވް ޖާރނީ ފެށުނީ. މިހާތަނަށް އައި އިރު ވަރަށް ބައިވަރު މަސައްކަތްކުރެވިއްޖެ. އެގޮތުން ޕެއިންޓިންގ، ކްރާފްޓިންގ، މޭކަޕް، އަދި ފޮޓޯގްރަފީގެ މަސައްކަތްކޮށްއުޅެން. މިހާ ހިސާބަށް އައިއިރު މިދާއިރާތަކުގައި މަސައްކަތްކުރާ ވަރަށް ގިނަ މީހުން އެނގި، އެމީހުންނާ އެއްކޮށް މަސައްކަތްކޮށް، ވަރަށް ގިނަ އާ އެކުވެރިންތަކެއް ލިބި، ގުޅުން ބަދަހިވެއްޖެ. އެކަމަކު މިއަދާ ހަމައަށް އައިއިރު ވަރަށް ގިނަ ގޮންޖެހުންތަކާވެސް ކުރިމަތިލާންޖެހުނު. އެހެންނަމަވެސް ހަމަ ކުރިއަށް ދާން މަސައްކަތް ކުރީ.
ލަންކާގައި ކުރި މަސައްކަތުން ވަރަށް ބައިވަރު ކަންކަން ދަސްވި. އެގޮތުން ބުރަ މަސައްކަތާއި ހުނަރު ބަލައިގަތުމަކީ ކިހާ މުހިންމު ކަމެއްކަން ވަރަށް ބޮޑަށް ދަސްވި. އުންމީދަކީ ރާއްޖޭގައިވެސް މިހާރަށްވުރެ ބޮޑަށް ބުރަ މަސައްކަތާއި ހުނަރު މީހުން ބަލައިގަތުން. ޚާއްސަކޮށް އަންހެނުންކުރާ މަސައްކަތްތަކުގައި. އަދި މިހާރަށްވުރެވެސް ބޮޑަށް އެކަކު އަނެކަކަށް ހިތްވަރުދީ، އެކަކު އަނެކަކު ކުރިއަރުވަން މަސައްކަތްކުރާ މުޖުތަމައަކަށް އަހަރެމެންވުން." ޒީއަކީ ރާއްޖޭގެ ގިނަ ބަޔަކު ދަންނަ އަދި ރާއްޖެއިން ބޭރުގައިވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ މަޝްހޫރު އާރޓިސްޓެކެވެ.
* އައިޝާ ހުސައިން ރަޝީދު
ދީނީ ޢިލްމުވެރިއެއް ، މަންމައެއް
"މަ ރަށިލާއި ކިޔެވީ އިސްލާމިއްޔާ އިން. ދެން މާލޭށް އާސް އަރަބިއްޔާ، ދެން މައުހަދު ނިންމަލާއި ބޭރަށް ގެއި އިސްލާމީ ޝަރީޢާ ކިޔަވާށް. އަފިރިން ގެ މުޖުތަމަޢި އަންހެނުންނަށް ދަތިކޮއްފެއި އޮންނަ ވަރަށް ގިނަ ކަންކަން ބެޱާށީ އެލެކަށް އޮންނެއި އިސްލާމް ދީނެ އެހެން އޮންނެ ހެދީއައު ދީ. ޝަރީޢާ އިން ޑިގްރީއަށް ކިޔަވާށް ފެއްޓިމެއި އެނގެޱެއި، އަސްލު އޭކީ ތެދަ ވާހަކާއް ނުން ކަން. އެހެންވެ ޑިގްރީ ނިންމަލާއި މާލޭށް ގޮސް ފެއްޓީ އިސްލާމް ދީނެ އަންހެނުންނަށް ދެއްވަފެއިވޭ ޙައްޤުތަކުގެ ވާހަކަ މީހުންނަށް ބެޱައިދޭއް. މަ ވަރަށް ދަކުނަށް ބޭޱުން ދުވަހައް، ދީނީ ޢިލްމު ކިޔަވަގެން ތިބޭ އަންހެން ޢިލްމުވެރިން ރާއްދޭލާއި މިސްކިދެ ދަރުސް ދޭ ދުވަހަކީ. އަދި އަންހެނުންނަށް މިސްކިދެ މިކޯ ލިބޭ ވަރަށް ވަނި ބޮނޑަ ޖާގާއް، ތަނުގެ ގޮތުނަސް އަދި ފުރުސަތުގެ ގޮތުނަސް ލިބޭ ދުވަހަކީ." އައިޝާ މިހާރު ދަނީ އިސްލާމީ ޢިލްމުގެ ރޮނގުން މާސްޓަރސްއަށް ކިޔަވަމުންނެވެ.
* އާމިނަތު އަލީ (އާންތު)
ބިޒްނެސް ސެންޓަރ މެނޭޖަރ (އައްޑޫ)
"އަންހެނުން ބާރުވެރިކުރުވުމުގެ މަސައްކަތް ފެށުނީ ބިޒްނެސް ސެންޓަރގެ މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކުރަންފެށި ހިސާބުން. އެކަމަކު އަބަދުވެސް ރަށަށް ބޭނުންތެރި ކަމެއްކޮށްދޭން ބޭނުންވޭ. އެކަމަކު އޭރު މަތީ ތަޢުލީމަށް މާބޮޑު ފުރުސަތުތަކެއް ނެތުމުން ޑިގްރީ އަދި މާސްޓަރސް ކިޔަވަން ރަށް ދޫކޮށް މާލެ ދާންޖެހުނީ. ކިޔަވާނިމިގެންވެސް ބެލީ ރަށަށް ބަދަލުވެވޭތޯ. މާލޭގަ ފެނަކަ ކުންފުނީގެ މެނޭޖަރަކަށް އުޅެނިކޮށް ހިތަދޫ ބިޒްނެސް ސެންޓަރގެ ޓްރެއިނިންގ ކޯޑިނޭޓަރގެ ވަޒީފާ ހުސްކަން އެނގިގެން އެޕްލައިކުރީ. އެންމެންވެސް ބުނީ މެނޭޖަރެއްގެ ވަޒީފާ ދޫކޮށް، މާލެއާ އަޅާބަލާއިރު ފުރުސަތު މަދު ތަނަކަށް ދިޔުމަކީ މޮޔަކަމެކޭ. އެކަމަކުވެސް މީހުން ބުނި ބަހަށް މާބޮޑަށް އަޅާނުލައި ރަށަށް ބަދަލުވީ. މިހާރު މިހިރީ ބިޒްނެސް ސެންޓަރގެ މެނޭޖަރަކަށް.
އައްޑޫއަށް ބަދަލުވީމަ އެނގިގެން ދިޔަ އެންމެ ބޮޑު އެއްކަމަކީ އައްޑޫގެ އަންހެންވެރިންގެ ކެޕޭސިޓީގެ ބޮޑުމިނާ އަންހެނުން މުޖުތަމައަށް އިޤްތިޞާދީގޮތުން ކޮންޓްރިބިއުޓް ކުރާވަރު ބޮޑުކަން. އެކަމަކު ރިސްކު ނަގަން ޖެހިލުންވާފަހަރުވެސް އަންނަކަން ވަރަށް ބޮޑަށް ފާހަގަވޭ. އުންމީދަކީ ކުރިއަށް އޮތްތަނުގަ މިކަން ބަދަލުވެގެން ދިޔުން. ހުނަރު ތިބޭ، އެކަމަކު އެހުނަރު ދައްކާލަން ފުރުސަތު ނުލިބި، ނުވަތަ ރިސްކު ނަގަން ނުކެރިގެން ތިބޭ ވަރަށް ބައިވަރު އަންހެނުންނާ ދިމާވޭ. މިކަން މިގޮތަށް ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ ކުޑައިރުއްސުރެ އަންހެންކުދިންނަށް ދޭން ޖެހޭ މިނިވަންކަމާއި، ހިތްވަރާއި، ރެސިލިއެންޓްވާން ދަސްކޮށްނުދިނުމާއި، އިޤްތިޞާދީގޮތުން ބާރުވެރިނުކުރުވުން.
އަހަރެމެންގެ އިޤްތިޞާދަށް ބަލައިފިނަމަ، އަންހެނުން ގިނަފަހަރަށް ތިބެނީ އިންފޯމަލް ސެކްޓަރތަކުގަ، ފޯމަލް ސެކްޓަރއިން ބޭނުންވާ ވަރަށް ފުރުސަތު ނުލިބިފަ. އެހެންކަމުން އަންހެނުންނަށް މިދާއިރާތަކުން އިތުރު ފުރުސަތުތައް ފަހިކުރަންޖެހޭ. ރާއްޖޭގަ އަންހެނުން ބާރުވެރިކުރުވަން ވަރަށް ބައިވަރު މަސައްކަތްތައް ކުރެވޭ. އެކަމަކު މިމަސައްކަތުގެ ވަރަށް ކުޑަ މިންވަރެއް ރަށްތަކާ ހަމައަށް ފޯރުވަނީ. ބޭނުންވާ ބަދަލު ފެންނާނީ މިހާރަށްވުރެ ބޮޑަށް މުޖުތަމަޢުގެ ތެރޭގައި މަސައްކަތް ފުޅާކުރެވިގެން. އަޅުގަނޑު ބޭނުންވަނީ އަންހެނުންނަކީ ރިސްކު ނަގަން ކެރޭ، ސެލްފް ރެސިލިއެންޓް، އަދި މުޖުތަމަޢުގެ ތެރޭގައި އަންހެނުންނަށްތިބި ފުރުސަތުތަކާމެދު މިހާރަށްވުރެ ބޮޑަށް ހޭލުންތެރިބަޔަކަށްވުމަށް."
އާންތު ވަނީ 2019 ވަނަ އަހަރުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވާދަކޮށް، ވަރަށް ފުރިހަމަ ކެމްޕެއިނެއް ކުރިއަށްގެންގޮސްފައެވެ. އަދި އާންތު ދަނީ އަންހެނުން ބާރުވެރި ކުރުވުމާއި ވިޔަފާރިގެ ދާއިރާއަށް އަންހެނުން ހޭލުންތެރިކުރުމުގައި ވަރަށް އިސް ރޯލެއް އަދާކުރަމުންނެވެ.
* އާމިނަތު ގުލްފިޝާމް (ގުލް)
ޕްރިންސިޕަލް (މިއާންޒް އިންޓަރނޭޝަނަލް ސްކޫލް)، މަންމައެއް
"ކުޑައިރު ގޭގައި އަހަރެންގެ "ވޮއިސް" ބޭނުންކުރުމުގައި އެއްވެސް ހުރަހެއް ނެތް. އެކަމަކު ފުރާވަރަށް އެޅިގެންދިޔައިރު ކޮންވަޒޭޝަނަށް އިތުރުކުރާނެ އެއްޗެއް ނެތް. ކޮންމެހެން ހިތްވަރު ނުވަތަ އަމިއްލަ ނަފްސުގެ މައްޗަށް އިތުބާރުނެތިގެނެއްނޫން. އެކަމަކު އޭރު އަންހެނުންނާއިމެދު ވަކިގޮތަކަށް ދެވި "ޖެންޑަރ ސްޓީރިއޯޓައިޕިންގ" ބޮޑުކަމުން. އަންހެނުންނަށް/އަންހެން ކުދިންނަށް ބޭނުންވަނީ ފުރުސަތެއް. "މިކަމާ މެދު ދެކެނީ ކިހިނެތް" ފަދަ ކުޑަކުޑަ ސުވާލެއް. އަހަރެން ބޭނުންވަނީ އަންހެނުން ވާހަކަ ދައްކާ، ކަންކަމާމެދު ޚިޔާލު ފާޅުކުރާ ބަޔަކަށް ވާން. އައި ވޯންޓް ވިމެން ޓު ސްޕީކް އަޕް އެންޑް ޓު ސްޕީކް އައުޓް" ގުލް އަކީ ޕްރިންސިޕަލެއް، އަދި މަންމައެއްގެ އިތުރުން އައްޑޫގެ ބެޑްމިންޓަން ކުރިއެރުވުމާއި، އަންހެނުން ބާރުވެރިކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ މީހެކެވެ.
މިގެނެސްދެވުނީ އައްޑޫގެ ކުޅަދާނަ އަންހެންވެރިންގެ ތެރެއިން ވަރަށް މަދު ބައެކެވެ. މިފަދަ އެތައް ބަޔަކު މުޖުތަމަޢުގެ ތެރޭގައި އެބަތިއްބެވެ. ކޮންމެ އަންހެނަކުވެސް އެދެނީ ތަފާތުކުރުމެއްނެތި، ހަމަހަމަ ކަމާއެކު ފުރުސަތުތައް ފަހިވުމަށެވެ. ކޮންމެ އަންހެނަކުވެސް އެދެނީ ކުރިމަގުގައި މިހާރު ދިމާވާ ގޮންޖެހުންތައް ނެތިގެން ދިޔުމަށެވެ. މިގެނެސްދެވުނު 6 އަންހެނުންގެ މަސައްކަތުންވެސް އެނގިގެންދަނީ އަންހެނުންނަކީ ކޮންމެ ކަމަކާ ކުރިމަތިލައިފިނަމަ އެކަމެއްކުރާނެ ހިތްވަރާއި ކުޅަދާނަކަން ލިބިގެންވާ ބައެއް ކަމެވެ.