ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހޯމް މިނިސްޓަރުގެ މަޤާމްގައި ހުންނެވި އަޒްލީން އަހްމަދު، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ވަކިކުރަން، އެ ޕާޓީގެ ސުލޫކީ ކޮމިޓީ އިން މިއަދު ނިންމައިފި އެވެ.
އަޒްލީން ޕީޕީއެމް އިން ވަކުކުރަން ސުލޫކީ ކޮމިޓީ އިން ނިންމާފައި ވަނީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަން އިން ހުޅުމާލޭ ދާއިރާއަށް ކެންޑިޑޭޓަކު ނެރެން ނިންމާފައިވަނިކޮށް، މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި އަޒްލީން އެ ދާއިރާއަށް ވާދަކުރަން ނިންމެވުމާއި ގުޅިގެން އެ ޕާޓީގެ މެމްބަރުންތަކެއް ހުށަހެޅި މައްސަލައެއް ބެލުމަށްފަހު އެވެ.
އެގޮތުން ސުލޫކީ ކޮމިޓީ އިން ބުނީ ޕީޕީއެމް އާއި ޕީއެންސީ އިން މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ވެފައިވާ އެއްބަސްވުމާއި ޚިލާފަށް އަޒްލީން ހުޅުމާލޭ ދާއިރާއަށް ކުރިމަތިލައްވަން ނިންމެވުމަކީ، އެ ޕާޓީގެ އަސާސުތަކާއި ޚިލާފުވުން ކަމަށާއި، އެ ކޮމިޓީގެ އަޤްލަބިއްޔަތުން އަޒްލީން ޕީޕީއެމް އިން ވަކިކޮށްދިނުމަށް އެދި އެ ޕާޓީގެ އެސްޖީ އަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަންގެ ފަރާތުން ހުޅުމާލޭ ދާއިރާއަށް ވާދަކުރައްވާނީ ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގެ ދަރިކަލުން އިބްރާހިމް ފައިސަލްއެވެ.