ޖަރުމަން ބުންޑަސްލީގާގައި ރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ވުލްފްސްބާގް ކޮޅަށް ލަނޑު ގޯންޏެއް އޮއްސާލައި ބަޔާން މިއުނިކުން ތާވަލްގެ އެންމެ ކުރިއަށް ޖެހިލައިފިއެވެ. މި މެޗުން ބަޔާން މޮޅުވީ 6-0 އިންނެވެ.
މިއީ ލީގުގައި ބަޔާން އެންމެ ފަހުން ކުޅުނު 13 މެޗުގެ ތެރެއިން މޮޅުވި 12 ވަނަ މެޗެވެ.
ރޭގެ މެޗުން ހޯދީ ބޮޑު މޮޅާއެކު، ބަޔާންއާ ކުރިން ތާވަލްގެ އެއްވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑަށްވެސް ލިބިފައިވަނީ 25 މެޗުން 57 ޕޮއިންޓެވެ. ބަޔާން އަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. ތިންވަނައިގައި އޮތް ރެޑްބުލް ލިޕްޒީގް އާ ހަތަރުވަނައިގައި އޮތް ބޮރޫޝިއާ މޮންޗެންގްލަޑްބަކް އަށް 46 ޕޮއިންޓް ލިބިފައިވާއިރު ފައިދާގޯލްގެ ތަފާތުން ކުރި ލިބެނީ ލިޕްޒީގަށެވެ.
ބަޔާންގެ އެލިއާންޒް އެރީނާގައި ކުޅުނު މި މެޗުގެ 34 ވަނަ މިނެޓުގައި އެ ޓީމަށް ލީޑް ނަގައިދިނީ ސާޖް ނެބްރީ އެވެ. މިއީ މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ނެބްރީ މި ސީޒަނުގައި ކާމިޔާބުކުރި 9 ވަނަ ގޯލެވެ.
ފުރަތަމަ ހާފު ނިމުމުގެކުރީން، މެޗުގެ 37 ވަނަ މިނެޓުގައި ބަޔާންގެ ދެވަނަ ލަނޑުޖަހައިދިނީ ޕޮލެންޑްގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ އެވެ. މި ގޯލާއެކު އޭނާ ވަނީ ލީގުގައި 196 ގޯލް ހަމަކޮށް އެންމެ ގިނަ ލަނޑުޖެހި ޖަރުމަނުން ބޭރުގެ ކުޅުންތެރިޔާގެ މަގާމް ހޯދައިފައެވެ. 195 ގޯލް ޖަހައިގެން ކުރީން މި ރެކޯޑް އޮންނަނީ ބަޔާން އަށް ކުޅުނު ޕެރޫގެ ފޯވާޑް ކްލައުޑިއޯ ޕިޒާރޯ އަތުގައެވެ.
ދެވަނަ ހާފު ފެށިތާ ހަތްވަރަކަށް މިނެޓުގެ ތެރޭގައި، ބަޔާންގެ ތިންވަނަ ލަނޑު، ނެބްރީ ދިން ބޯޅައަކުން ހަމޭސް ރޮޑްރިގޭޒް ޖަހައިދިންއިރު އެ ޓީމުގެ ހަތަރުވަނަ ގޯލް ކާމިޔާބުކޮށްދިނީ މިހާރު ޖަރުމަންގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފައިވާ ތޯމަސް މުލާ އެވެ.
މި މެޗުގައި ބަޔާން އިން ކާމިޔާބުކުރި ފަސްވަނަ ލަނޑު، 82 ވަނަ މިނެޓުގައި ޖޯޝުއާ ކިމިޗް ޖަހައިދިންއިރު މެޗު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް އެ ޓީމުގެ ފަހު ލަނޑު، ޖަހައިދިނީ ލެވަންޑޯސްކީ އެވެ. މިއީ ލީގުގައި އޭނާ ކާމިޔާބުކުރި 17 ވަނަ ގޯލެވެ.
މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި، ޑޯޓްމަންޑް ވަނީ ވަރަށް އުނދަގުލުން 3-1 އިން ސްޓުޓްގާޓް ބަލިކޮށްފައެވެ. މިއީ ލީގުގައި އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން އެ ޓީމު މޮޅުވި ދެވަނަ މެޗެވެ.
ޑޯޓްމަންޑްގެ ސިގްނަލް އިޑޫނާ ޕާކްގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއްވެސް ޖަހާފައިވަނީ ދެވަނަ ހާފުގައެވެ. އެގޮތުން، މެޗުގެ 62 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޑޯޓްމަންޑަށް ލީޑްނަގައިދިނީ ކެޕްޓަން މާކޯ ރޮއިސް އެވެ.
އޭގެފަހުން، މެޗުގެ 71 ވަނަ މިނެޓުގައި ސްޓުޓްގާޓްގެ މާކް-އޮލިވާ ކެމްޕް ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މެޗު ނިމެން ހަ މިނެޓަށްވެފައިވަނިކޮށް ޑޯޓްމަންޑަށް ދެވަނަ ފަހަރަށް ލީޑް ނަގައިދިނީ ޕަކޯ އަލްކަސާ އެވެ. އެ ޓީމުގެ ފަހު ލަނޑު، މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ކްރިސްޓިއަން ޕުލިސިޗް އެވެ.