އިތިއޮޕިއާގެ ވެރިރަށް އަދިސް އަބަބާ އިން ކެންޔާގެ ވެރިރަށް ނައިރޯބީ އަށް ދަތުރުކުރަމުންދިޔަ އިތިއޮޕިއަން އެއާލައިންސްގެ ފްލައިޓެއް ވެއްޓި، އޭގެއިން ދަތުރުކުރި އެންމެން މަރުވެއްޖެ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.
އެ އެއާލައިނުން ބުނީ ފްލައިޓް އީޓީ302 ވެއްޓުނުއިރު، އޭގައި 149 ފަސިންޖަރުންނާއި 08 ފަޅުވެރިން ތިބި ކަމަށެވެ.
އަދި ބޯޓުގައި 33 ޤައުމެއްގެ ރައްޔިތުން ތިބި ކަމަށްވެސް އެ އެއާލައިނުން ބުނެއެވެ.
މި ހާދިސާ ހިނގާފައި ވަނީ ބޮއިން 737 މެކްސް-8 މަރުކާގެ މި ފްލައިޓް ނައްޓާލިތާ ހަ މިނެޓު ފަހުން، އިތިއޮޕިއާ ގަޑިން ހެނދުނު 08:44 (ރާއްޖެ ގަޑިން 10:44) ހާއިރު އެވެ.
މި އެކްސިޑެންޓް ދިމާވާން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.
މަންޒަރު ދުށް މީހަކު "ބީބީސީ" އަށް ބުނި ގޮތުގައި ފްލައިޓް ބިންމައްޗަށް ވެއްޓުނުއިރު ބޮޑު އަލިފާންގަނޑެއް ފެނުނު ކަމަށެވެ.
އަލިފާންގަނޑުގެ ބާރުގަދަކަމުން ބޯޓާއި ކައިރިވާން އުނދަގޫ ކަމަށާއި، ހުރިހާ އެއްޗެއް އަނދާހުލިވެފައިވާ ކަމަށާއި، އެ ސަރަޙައްދުގައި ހަތަރު ހެލިކޮޕްޓަރު ޙަރަކާތްތެރިވަމުން އަންނަ ކަމަށްވެސް އޭނާ ބުނެއެވެ.
ބޮޑުވަޒީރު އަބީ އަހްމަދު ވަނީ ޓްވިޓާ މެދުވެރިކޮށް މި ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް ތަޢުޒިޔާ ވިދާޅުވެފައެވެ.
އިތިއޮޕިއަން އެއާލައިންސް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިމާޖެންސީ ޚިދުމަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އެ އެއާލައިންގެ ސްޓާފުން އެކްސިޑެންޓް ހިނގި ސަރަޙައްދަށް ފޮނުވާނެ ކަމަށެވެ.
މި ބޯޓު އުފެއްދި ކުންފުނި ކަމުގައިވާ ބޮއިން އިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މި މައްސަލަ ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.
737 މެކްސް-8 މަރުކާގެ ބޯޓަކީ 2016 ވަނަ އަހަރު ލޯންޗްކުރި، ވަރަށް އާ ފްލައިޓް މޮޑެލް އެކެވެ. މި މޮޑެލްގެ ބޯޓެއް އިތިއޮޕިއަން އެއާލައިންސްގެ ފްލީޓަށް ގެނައީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.
މި މޮޑެލްގެ އިތުރު ބޯޓެއް ވެސް ވަނީ މީގެ ފަސް މަސް ކުރިން އެކްސިޑެންޓްވެފަ އެވެ. އެގޮތުން 190 މީހުންނާއެކު ދަތުރުކުރަމުންދިޔަ ލަޔަން އެއާގެ އެ ފްލައިޓް ވެއްޓުނީ އިންޑޮނީޝިއާ އާއި ކައިރި ކަނޑަކަށެވެ.