އިލެކްޝަން ކަމިޝަނުން އާއްމު ކުރި އައްޑޫގެ ވޯޓުލާ މީހުންގެ ލިސްޓްގައި ހިމެނޭ މައްސަލަ ހައްލު ކުރުމުގައި ޕާޓީތަކާ އެކު މަޝްވަރާ ކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ޕާޓީތަކާ ބައްދަލުކޮށްފި އެވެ.
އައްޑޫ ސިޓީ ކައުންސިލް އިދާރާގެ މީޓިން ރޫމްގައި ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ސިޔާސީ ޕާޓިތަކުގެ މަންދޫބުން ވަނީ ބައިވެރިވެފަ އެވެ. އެގޮތުން ޕީޕީއެމް އާއި އެމްޑީޕީ އަދި ގައުމީ އިއްތިހާދު ޕާޓީ އާއި އަދާލަތު ޕާޓީން ވަނީ ބައިވެރިވެ ފައެވެ.
މި ބައްދަލުވުން ފެށުމުގެ ގޮތުން މޭޔަރު އަބްދުﷲ ސާދިގް (ސޯބެ) ވިދާޅުވީ ކަންކަމާ ގުޅިގެން ޕާޓީތަކާ މަޝަވަރާ ކުރުމަށް ބާއްވާ މީ ފުރަތަމަ ބައްދަލުވުން ކަމަށެވެ. އަދި މިކަމަކީ އަސްލު ކައުންސިލުން ކުރިން ވެސް ކަން ކުރަން ޖެހޭ އުސޫލު ކަމަށް ސޯބެ ވިދާޅުވިއެވެ.
ސޯބެ ވިދާޅުވީ އައްޑޫގެ ތަރައްޤީގެ ކަންކަމުގައި ހުރިހާ ޕާޓިތަކުން ގުޅިގެން ކަންކަން ކުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށެވެ. އެގޮތުން ވޯޓުލުމުގެ ހައްގު ލިބިފައިވާ އައްޑޫގެ ހުރިހާ އެންމެންނަށް ވޯޓު ލެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ކައުންސިލުން ބޭނުންވާ ކަމަށް ސޯބެ ވިދާޅުވި އެވެ.
ބައްދަލުވުމުގައި ހުރިހާ ޕާޓީއަކުން ވެސް ވަނީ ގުޅިގެން ވޯޓާސް ލިސްޓްގައި ހުރި ކަންކަން ފުރިހަމަ ކުރުމަށް ކައުންސިލަށް އެއްބާރުލުން ދިނުމަށް އެއްބަސްވެފަ އެވެ.
ބައްދަލުވުމުގައި މަޝްވަރާ ކުރި އިތުރު ކަންކަމުގެ ތެރޭގައި ޕާޓީތަކުން ލައުޑްސްޕީކަރުން ބާރަށް ލަވަ ޖަހަމުން ގެންދާ ކަމަށް ވިދާޅުވެ ސޯބެ ވަނީ މިކަމުގައި ވެސް ޕާޓިތަކުން އެއްބަސްވެގެން ވަކި ގޮތަކަށް ކަންކަން ކުރުމަށް އެދިފަ އެވެ. އެގޮތުން ޕީޕީއެމް އާއި އެމްޑީޕީން ލަވަ ޖަހާ އިރު އާއްމުންނަށް އުނދަގޫ ނުވާގޮތަށް އެކަންކަން ކުރުމަށް މަޝްވަރާ ކުރެވުނެވެ.
އެގޮތުން އެމްޑީޕީ އާއި ޕީޕީއެމްއިން ވަނީ ލަވަ ޖެހުމުގައި ވަކި މިންގަނޑެއް ގެންގުޅުމަށް އެއްބަސްވެފަ އެވެ. އެގޮތުން ދެ ނަމާދު ދޭތެރޭ ބާރަށް ލަވަ ޖެހުމާއި، ރޭގަނޑު 11 ގެ ފަހުން ބާރަށް ލަވަ ނުޖެހުމަށް ޕާޓީ ތަކުން ވަނީ އެއްބަސް ވެފަ އެވެ.