ރޭ އާސެނަލާއި މެންޗެސްޓާ ޔުނައިޓެޑު ބައްދަލުކުރި މެޗުން ޔުނައިޓެޑު ބަލިވި ނަމަވެސް ރޭގައި އޭނާގެ ޓީމު ދެއްކި ކުޅުމުން ބަލި ހައްގު ނޫން ކަމަށް ޔުނައިޓެޑުގެ ވަގުތީ ކޯޗު އޮލެ ގަނަ ސޮލްޝާ ބުނެފިއެވެ.
މެޗަށް ފަހު ދިން އިންޓަވިއުގައި ސޯލްޝާ ބުނީ ޔުނައިޓެޑު ކޯޗުކަމާ ހަވާލުވި ފަހުން އެންމެ ދެރަވި ވަގުތުކޮޅަކީ ރޭގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ކަށިގަނޑު ފުމުވުނު ވަގުތު ކަމަށެވެ.
މިދިޔަ ހަފްތާގައި ފްރާންސު ޗެމްޕިއަން ޕީއެސްޖީ، ޕެރިހުގައި ބަލިކޮށް ޔުއެފާ ޗެމްޕިއަންސް ލީގުން ޕީއެސްޖީ ކަޓުވާލުމަށް ފަހު ޔުނައިޓެޑު ޓީމު ވަނީ އިއްޔެ އުތުރު ލަންޑަނަށް އާސެނަލާ ވާދަކުރުމަށް ދަތުރުކޮށްފައެވެ.
ރޭގެ މެޗުގައި އާސެނަލަށް ވުރެ ޔުނައިޓެޑުން ނުރައްކާތެރި ހަމަލާ ގޯލަށް ފޮނުވި މިންވަރު އިތުރެވެ. ލުކާކޫ އަދި ފްރެޑަށް ފުރަތަމަ ހާފުގައިވެސް ރަނގަޅު ފުރުސަތުތަކެއް ލިބިފައިވާއިރު ދެ ހަމަލާވެސް އަމާޒުވީ ގޯލުގެ ދަގަނޑަށެވެ.
ޔުނައިޓެޑު ޓީމުން ދެވަނަ ހާފުގައިވެސް މޮޅު ކުޅުމެއް ދައްކާފައިވާއިރު 69 ވަނަ މިނެޓުގައި އޮބަޔަމަޔަންގ ޕެނަލްޓީ ޖަހައި އާސެނަލްގެ ލީޑު ފުޅާކުރުމުގެ ކުރިން ޔުނައިޓެޑުގެ ލުކާކޫއަށް ވަނީ ވަރަށް ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ.
ރޭގެ މެޗުން ބަލިވެ ޔުނައިޓެޑު ވަނީ އާސެނަލްގެ ފަހަތަށް ޖެހި ހަތަރުވަނައަށް ވެއްޓިފައެވެ.