ޖުމުހޫރީ ޕާޓީގެ ޓިކެޓުގައި ހެންވޭރު ދެކުނު ދާއިރާއަށް ވާދަކުރާ ކުރީގެ ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމްގެ ކެމްޕޭނު ޖަގަހައަށް ބަޔަކު ގެއްލުން ދީފިއެވެ.
ޖަގަހައިގެ ބިއްލޫރިތައް ތަޅާލާފައިވާއިރު މިކަން ކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށް ޖުމުހޫރީ ޕާޓީން ބުނެއެވެ. ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހް ވިދާޅުވީ މިނިވަން ޑިމޮކްރެޓިކް ވެއްޓެއްގައި މިފަދަ އަމަލުތަކަކީ ހިނގައިގެން ވާނެ ކަންތަކެއް ނޫން ކަމަށެވެ.
އަލީ ސޯލިހު ވަނީ މިމައްސަލަ ތަހުގީގު ކޮށްދިނުމަށް ފުލުހުންގެ ފަރާތުން އެދިވަޑައިގެންފައެވެ. އަދި މިނިވަން ޑިމޮކްރެޓިކް ވެއްޓެއްގައި ކެމްޕޭނުކުރަން ދަސް ކުރަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ދާދި ފަހުން އެމްޑީޕީ ޓިކެޓުގައި ގަލޮޅު ދެކުނު ދާއިރާއަށް ވާދަކުރާ މިކާއިލް ނަސީމްގެ ކެމްޕޭނު ޖަގަހައަށް ވެސް ވަނީ ގެއްލުން ދީ ބިއްލޫރިތައް ތަޅާލާފައެވެ. އޭނާ ބުނީ ބިއްލޫރި ތަޅާލާފައިވަނީ އިންޒާރުތައް ވެސް ލިބެމުންދަނިކޮށް ކަމަށެވެ.