އިތިއޮޕިއަން އެއާލައިންސްގެ ފްލައިޓެއް ވެއްޓުމާއި ގުޅިގެން ބޮއިން 737 މެކްސް 8 މަރުކާގެ ފްލައިޓްތައް ބޭނުންކުރުން ގިނަ އެއާލައިންތަކަކުން މަނާކޮށްފި އެވެ.
އިތިއޮޕިއާގެ ވެރިރަށް އަދިސް އަބަބާ އިން ކެންޔާގެ ވެރިރަށް ނައިރޯބީ އަށް ދަތުރުކުރަމުންދިޔަ އެ ފްލައިޓް އިއްޔެ ވެއްޓި، އޭގެއިން ދަތުރުކުރި 157 މީހުން ވަނީ މަރުވެފައެވެ.
އެއީ ފާއިތުވި ފަސް މަސް ދުވަހުގެ ތެރޭގައި ބޮއިން 737 މެކްސް 8ގެ ފްލައިޓަކަށް ދިމާވި ދެވަނަ ހާދިސާއެވެ.
ޗައިނާ އާއި އިންޑޮނީޝިއާގެ ފްލައިޓްތައް އޮޕަރޭޓްކުރާ ފަރާތްތަކުން ވަނީ އެ މޮޑެލްގެ ބޯޓުތައް ސަސްޕެންޑްކޮށްފަ އެވެ. އިތިއޮޕިއަން އެއާލައިންސް އާއި ކޭމޭން އެއާވޭސް އިން ވެސް ވަނީ އެ ދެ އެއާލައިންގެ 737 މެކްސް 8 އެއާކްރާފްޓް އުދުހުން މަނާކޮށްފަ އެވެ.
ވޯލް ސްޓްރީޓްގައި ބޮއިންގެ ހިއްސާތައް ވަނީ 13% ދަށަށް ގޮސްފައެވެ.
އިތިއޮޕިއަން އެއާލައިންސް ހާދިސާ ދިމާވާން މެދުވެރިވި ސަބަބަކީ ކޮބައިކަން ނިންމަން އަދި މާ އަވަސްކަމުގައި މާހިރުން ބުނި ނަމަވެސް، މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައި ވެސް ލަޔަން އެއާގެ އެ މޮޑެލްގެ ފްލައިޓެއް ވަނީ ވެއްޓިފައެވެ.
އެ ހާދިސާގައި ފްލައިޓްގައި ތިބި 189 މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ.
ޗައިނާގެ އެއާލައިންތައް ރެގިއުލޭޓްކުރާ ފަރާތުން ވަނީ އެ މޮޑެލްގެ ފްލައިޓްތައް ބޭނުންކުރުން މިއަދު ހަވީރު 18:00 އާއި ހަމައަށް ހުއްޓާލުމަށް އަންގާފައެވެ.
މިކަމުގެ އަސަރުކޮށްފައިވާ އެއާލައިންތަކުގެ ތެރޭގައި އެއާ ޗައިނާ، ޗައިނާ އީސްޓާން އެއާލައިންސް، ކަންމިންގ އެއާލައިންސް އަދި ޗައިނާ ސަދަން އެއާލައިންސް ހިމެނެއެވެ. ޗައިނާގައި ބޮއިން 737 މެކްސް 8 މޮޑެލްގެ 90 އަށްވުރެ ގިނަ ބޯޓު ބޭނުންކުރެއެވެ.
އިންޑޮނީޝިއާގެ ޓްރާންސްޕޯޓް މިނިސްޓްރީ އިން ބުނީ 12 މާޗުގައި ގަރޫޑާ އިންޑޮނީޝިއާގެ ފްލައިޓަކާއި، ލަޔަން އެއާގެ 10 ފްލައިޓެއްގެ އިންސްޕެކްޝަންތައް ފެށޭނެ ކަމަށެވެ. އަދި އެ ބޯޓުތައް ބޭނުންކުރުން ރައްކާތެރިކަމަށް އެ މިނިސްޓްރީ އިން ކަނޑައަޅަންދެން، އެ ބޯޓުތައް ބޭނުންކުރުން މަނާވާނެ ކަމަށެވެ.
737ގެ އިންޖީންތައް އުފައްދާ ފަރަންސޭސްވިލާތުގެ ސަފްރާން ކުންދުނީގެ ހިއްސާތައް ވަނީ މިއަދު ދަށަށް ގޮސްފައެވެ.
737 މެކްސް 8ގެ ފްލައިޓްތަކަކީ ވަރަށް އާ އެއާކްރާފްޓެކެވެ. އެގޮތުން މި މޮޑެލްގެ އެއާކްރާފްޓްތައް އުދުހުމުގައި ބޭނުންކުރަން ފެށީ 2017 ވަނަ އަހަރުގެ ތެރޭގައެވެ.
ބޮއިން އިން ބުނީ މި ހާދިސާ އާއި ގުޅިގެން ވަރަށް ބޮޑަށް ހިތާމަކުރާ ކަމަށާއި، ހާދިސާގެ ތަޙުޤީޤަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޓީމެއް ފޮނުވާނެ ކަމަށެވެ.
މި ތަޙުޤީޤުގައި އިސްކޮށް ތިބޭނީ އިތިއޮޕިއާގެ ކަމާއިބެހޭ ފަރާތްތަކާއި، ބޮއިން އަދި އެމެރިކާގެ ނޭޝަނަލް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑްގެ މާހިރުންގެ ޓީމްތަކެވެ.