އާދިއްތަ ދުވަހު އިތިއޮޕިއަން އެއާލައިންސްގެ ފްލައިޓެއް ވެއްޓުމާއި ގުޅިގެން ބޮއިން 737 މެކްސް މަރުކާގެ ފްލައިޓްތައް ބޭނުންކުރުން އިނގިރޭސިވިލާތުގެ އޭވިއޭޝާން އޮތޯރިޓީ އިން ވެސް މަނާކޮށްފި އެވެ.
ޔޫކޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ) އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޮއިން 737 މެކްސް މޮޑެލްގެ ފްލައިޓްތައް އެޤައުމުގެ ވައިގެ ސަރަޙައްދުގައި ބޭނުންކުރުން މަނާކުރުމަށް އަންގާފައިވާ ކަމަށެވެ.
ސިންގަޕޫރު، އޮސްޓްރޭލިއާ އަދި މެލޭޝިއާގެ އިތުރުން އޮމާން އިންވެސް ވަނީ މިއަދު ބޮއިން 737 މެކްސްގެ ޚިދުމަތްތައް ވަގުތީ ގޮތުން ސަސްޕެންޑްކޮށްފައެވެ.
ގިނަ ޤައުމްތަކުން މި ފިޔަވަޅު އަޅާފައި ވަނީ އާދިއްތަ ދުވަހު އިތިއޮޕިއާގެ ވެރިރަށް އަދިސް އަބަބާ އިން ކެންޔާގެ ވެރިރަށް ނައިރޯބީ އަށް ދަތުރުކުރަމުންދިޔަ އިތިއޮޕިއަން އެއާލައިންސްގެ ބޮއިން 737 މެކްސް 8ގެ ފްލައިޓް ވެއްޓި، އޭގެއިން ދަތުރުކުރި 157 މީހުން މަރުވުމާއި ގުޅިގެންނެވެ.
އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބުން ކަމާބެހޭ ފަރާތްތަކުން ދަނީ އަދިވެސް ތަޙުޤީޤު ކުރަމުންނެވެ.
މިއީ ހަ މަސް ދުވަހުގެ ތެރޭގައި މި މޮޑެލްގެ ފްލައިޓެއް އެކްސިޑެންޓްވި ދެވަނަ ފަހަރެވެ. މިދިޔަ އޮކްޓޯބަރ މަހުގެ ތެރޭގައި ލަޔަން އެއާގެ ބޮއިން 737 މެކްސް 8ގެ ފްލައިޓެއް ވެސް ވަނީ އިންޑޮނީޝިއާ ކައިރިން ޖާވާ ކަނޑަށް ވެއްޓިފައެވެ. އެ ހާދިސާގައި 189 މީހުން ވަނީ މަރުވެފައެވެ.
ސީއޭއޭ އިން ވަނީ އާދިއްތަ ދުވަހު ހިނގި ހާދިސާގެ އަސަރުކުރި ހުރިހާ ފަރާތްތަކަށް ހަމްދަރުދީ ފޮނުވައިފައެވެ. އަދި އެ މައްސަލަ ވަރަށް ގާތުން ބަލަމުން އަންނަ ކަމަށްވެސް ސީއޭއޭ އިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ޗައިނާ، އިންޑޮނީޝިއާ އަދި އިތިއޮޕިއާގެ އެއާލައިންތަކުން ވެސް ވަނީ ބޮއިން 737 މެކްސް 8ގެ ފްލައިޓްތައް ބޭނުންކުރުން އިއްޔެއިން ފެށިގެން މެދުކަނޑާލާފައެވެ.