Last Updated: November 30, 15:51
Saturday, November 30, 2024
ޚަބަރު

ޑރ. އިޔާޒު، ނަޝީދަށް: ހަރާމް އެއްޗެއް ވިއްކައިގެން ލިބޭ އާމްދަނީވެސް ހަރާމް

މާތް ﷲ ހަރާމް ކުރެއްވި އެއްޗެއް ވިއްކައިގެން ލިބޭ އާމްދަނީ ހަރާމްވާނެކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒު މިފަދައިން ވިދާޅުވެފައިވަނީ މީހުން ދިރިއުޅޭ ރަށް ރަށުގައި ހިންގާ ގެސްޓު ހައުސް ތަކުގައި ރާ ވިއްކުމަށް ހިތްވަރު ދެއްވައި ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުންނެވެ.

އއ. ތޮއްޑޫގައި ރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ގެސްޓު ހައުސްގެ ވިޔަފާރި ރަށްތަކުގައި ކުރިއަރައިގެން އަންނަނީ އެއްވެސް އިރެއްގައި ދިވެހިން އެކަން ދުށް ގޮތަކަށް ނޫންކަމަށެވެ. އަދި ދުނިޔޭގެ އެންމެ ގިނައިން ވިކޭ ތަކެތީގެ ތެރޭގައި ރާ ހިމެނޭ ކަމަށާއި، އޭގެ ސަބަބުން އިތުރަށް މުއްސަދިވެގެން ދާނެކަމަށެވެ.

“އެހެންނަމަވެސް ބައެއް ހަޤީގަތްތަކެއް ހުރޭ ދުނިޔޭގައި، އެންމެ ގިނައިން ދުނިޔޭގައި ވިކޭ އެއްޗަކީ ސެންޓް. ދެން އެންމެ ގިނައިން ދުނިޔޭގައި ވިކޭ އެއްޗަކީ ޗޮކްލެޓާއި، ރަލާއި، ސިނގިރެޓް. އަޅުގަނޑުމެނަށް އެނގޭ މިއެއްޗެހިން ވިޔަފާރި ކުރީމާ އިންތިހާއަށް ފައިދާ ބޮޑުވާކަން، މުއްސަނދިވާކަން.”

ރައީސް ނަޝީދު ވިދާޅުވިއެވެ.

2009 ވަނަ އަހަރުން ފެށިގެން މީހުން ދިރިއުޅޭ ރަށްތަކުގައި ގެސްޓު ހައުސް ހިންގުމުގެ ހުއްދަ ސަރުކާރުން ދިން ނަމަވެސް އެތަން ތަނުގައި ރާ ވިއްކުމަކީ މަނާކަމެކެވެ. މީގެ ކުރިން ނަޝީދުގެ ވެރިކަމުގައި މީހުން ދިރިއުޅޭ ރަށް ތަކުގައި ރާ ވިއްުކުމުގެ ހުއްދަދޭން އުޅުމުން ގިނަ ބަޔަކު ވަނީ އެކަމާއި ދެކޮޅަށް އަޑު އުފުލާފައެވެ.

ނަޝީދު ރޭ އއ. ތޮއްޑޫގައި ރަލާއި ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކަށް ދީނީ އިލްމުވެރިންނާއި ބައެއް އާއްމުން ދަނީ ހިތް ހަމަނުޖެހުން ފާޅު ކުރަމުންނެވެ.