އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރު ކަމަށް އިސްމާއިލް ހަބީބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޔަން ކުރައްވައިފިއެވެ.
މެންބަރުކަމަށް އައްޔަން ކުރެއްވިކަމުގެ ލިޔުން ހަބީބް އާއި ރައީސް ސޯލިހު ހަވާލުކުރެއްވީ އެކަމަށްޓަކައި މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މިމަހުގެ ހަވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމަށް ހަބީބު އައްޔަން ކުރުމަށް ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި 58 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.
ހަބީބުގެ ދައުރު ހަމަވާތީ އީސީގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލުމުން 16 ފަރާތެއް ކުރިމަތިލިއެވެ. އޭގެތެރޭގައި ހަބީބު ވެސް ހިމެނިވަޑައިގަންނަވާއިރު އެ ބޭފުޅުންގެ ނަން ދިރާސާ ކުރެއްވި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން އެކުލަވާލި ރިޕޯޓްގައިވާ ގޮތުން އެންމެ މަތިން މާކްސް ހޯއްދެވީ ވެސް ހަބީބެވެ.
އެގޮތުން ހަބީބު ވަނީ 90.28 މާކްސް ހޯއްދަވާފައެވެ. ހާބީބް އާ އެންމެ ގާތުން ވާދަކުރި އަހްމަދް މޫސާ އަށް ލިބިފައިވަނީ 75.57 މާކްސް އެވެ.
މިނިވަން މުއައްސަސާތަކަށް އައްޔަން ކުރައްވާ ބޭފުޅުންނަކީ ގާބިލް ބައެއް ކަމަށް ކޮމިޓީން ކަނޑައަޅަނީ އެވްރެޖް 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބޭ މީހުންނަށެވެ.
އިލެކްޝަންސް މެމްބަރުކަމުގެ ދައުރަކީ ފަސް އަހަރެވެ.