ސަސްޕެންޑްކޮށްފައިވާ އެ ކުންފުނީގެ 737 މެކްސް 8 ފްލައިޓްތަކަށް ބޮއިން އިން ބަދަލުދިނުމަށް ޔޫރޮޕްގެ ބަޖެޓް އެއާލައިނެއް ކަމުގައިވާ ނޯވީޖިއަން އެއާ އިން އެދެފި އެވެ.
ނޯވީޖިއަން އެއާ އަކީ ގެއްލުނު ފްލައިޓް ވަގުތުތަކަށް ބަދަލުދިނުމަށް ބޮއިން އަށް އެންގި ފުރަތަމަ އެއާލައިން އެވެ. އިތުރު އެއާލައިންތައް ވެސް ބަދަލުދިނުމަށް ބޮއިންގައި އެދޭނެ ކަމަށް ލަފާކުރެވެއެވެ.
ޔޫރޮޕްގެ އެކި ހިސާބުތަކުގެ އޭވިއޭޝަން އޮތޯރިޓީތަކުން ވަނީ ބޮއިން މެކްސް 8 މަރުކާގެ ފްލައިޓްތައް ބޭނުންކުރުން ހުއްޓާލުމަށް އެއާލައިންތަކަށް އަންގާފައެވެ. މިގޮތަށް އަންގާފައި ވަނީ އެ މޮޑެލްގެ އިތިއޮޕިއަން އެއާލައިންސްގެ ފްލައިޓެއް އާދިއްތަ ދުވަހު ވެއްޓި، އޭގެއިން ދަތުރުކުރި ހުރިހާ އެންމެން މަރުވުމާއި ގުޅިގެންނެވެ.
މިއީ ހަ މަސް ދުވަހުގެ ތެރޭގައި މި މޮޑެލްގެ ފްލައިޓެއް އެކްސިޑެންޓްވި ދެވަނަ ފަހަރެވެ. މިދިޔަ އޮކްޓޯބަރ މަހުގެ ތެރޭގައި ލަޔަން އެއާގެ ބޮއިން 737 މެކްސް 8ގެ ފްލައިޓެއް ވެސް ވަނީ އިންޑޮނީޝިއާ ކައިރިން ޖާވާ ކަނޑަށް ވެއްޓިފައެވެ. އެ ހާދިސާގައި 189 މީހުން ވަނީ މަރުވެފައެވެ.
737 މެކްސް 8 މަރުކާގެ 18 ފްލައިޓެއް ނޯވީޖިއަން އެއާގެ ފްލީޓްގައި ވެއެވެ. އަދި އެ އެއާލައިން އިން ވަނީ އެ މޮޑެލްގެ 100 އަށްވުރެ ގިނަ ބޯޓަށް އޯޑަރު ދީފައެވެ.
ނޯވީޖިއަން އެއާގެ ސީއީއޯ ބިއޯން ޝޫސް ކަސްޓަމަރުންނަށް ފޮނުވި މެސެޖެއްގައި ވިދާޅުވެފައި ވަނީ ވަގުތީ ގޮތުން ޕާކްކުރަން ޖެހިފައިވާ އާ އެއާކްރާފްޓާއި ގުޅޭ އެއްވެސް ޚަރަދެއް އެ އެއާލައިނުން ނުނަގާނެ ކަމަށާއި، އެއާލައިން އުފެއްދި ފަރާތަށް އެ ބިލް ފޮނުވާނެ ކަމަެވެ.
އަދި ފްލައިޓްތައް ސަސްޕެންޑްކުރުމާއި ގުޅިގެން އޭނާ ވަނީ ކަސްޓަމަރުންގެ ކިބައިން މަޢާފަށް އެދިވަަޑައިގެންފައެވެ. އަދި އެކަމުގެ ސަބަބުން ފަސިންޖަރުންނަށް ދިމާވި ދަތިތައް ހައްލުކުރުމަށް ފްލައިޓްތައް ކޮމްބައިންކޮށްގެން އަދި އެއާކްރާފްޓްތައް ބަދަލުކޮށްގެންނާއި، އެހެން އެއާލައިންތަކުން ޖާގަ ހޯދައިދެވޭނެ ކަމަށެވެ.
ޔޫރޮޕްގެ އިތރުން އޮސްޓްރޭލިއާ، އިންޑޮނީޝިއާ އަދި ޗައިނާގެ އިތުރުން މެލޭޝިއާ އާއި އޮމާންގެ އޭވިއޭޝަން އޮތޯރިޓީތަކުން ވެސް ވަނީ 737 މެކްސް 8ގެ ފްލައިޓްތައް ވަގުތީ ގޮތުން ސަސްޕެންޑްކޮށްފަ އެވެ. އަދި އާދިއްތަ ދުވަހުގެ ނުރައްކާތެރި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ސާފުވަންދެން އެ މޮޑެލްގެ ފްލައިޓްތައް ބޭނުންނުކުރާނެ ކަމަށް ގިނަ އެއާލައިންތަކުން ވަނީ ބުނެފައެވެ.