Last Updated: November 30, 15:36
Saturday, November 30, 2024
ޚަބަރު

"ޔާމީނަށް މައާފެއް ނުކުރާނަން، ޔާމީންގެ ކެންޑިޑޭޓަކަށް ތާއިދެެއް ވެސް ނުކުރާނަން"

ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމަށް މައާފެއް ނުކުރާނެކަމަށާއި، އެމަނިކުފާންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއިދު ނުކުރައްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމްގެ އަނބިކަބަލުން އަދި ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާ (އައިޝާ) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީން މިރޭ ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އައިޝާ ވިދާޅުވީ އެކަމަނާ ދެމިހުންނާނީ ރައީސް ސޯލިހުގެ ސަރުކާރު ދިފާއު ކުރެއްވުމަށްކަމަށާއި، ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް މަޖްލިސް އިންތިހާބުގައި ތާއިދު ނުކުރައްވާނެކަމަށެވެ.

އައިޝާ މިފަދައިން ވިދާޅުވިއިރު އަންނަ މަޖްލިސް އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ކެންޑިޑޭޓުންނަށް ތާއިދު ކުރުމަށް ޖުމްހުރީ ޕާޓީން ވަނީ ނިންމާފައެވެ. އަދި ބައެއް ދާއިރާތަކުން ޖޭޕީއަށް ތާއިދު ކުރުމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަނީ ނިންމާފައެވެ.

އައިޝާ ވަނީ ޔާމީންގެ ވެރިކަމުގައި ގާސިމް ނުހައްގުން ހައްޔަރު ކުރުމާއި ގުޅިގެން ގާސިމް އާއި ދޮން ދަރިކަލުން ސިޔާދު ގާސިމް މިނިވަން ކުރުމަށް ބުރަ މަސައްކަތްތަކެއް ކުރައްވާފައެވެ.

އައިޝާ ވިދާޅުވީ ޖޭޕީވެސް މި ސަރުކާރު ދިފާއު ކުުރުމަށް ދެމި އޮންނާނެކަމަށް ގަބޫލް ކުރައްވާ ކަމަށެވެ.