ރާއްޖޭގެ ތަރައްޤީއަށްޓަކައި ކުރަންޖެހޭ އެންމެ މުހިއްމު ކަމަކީ މީހުން ބިނާ ކުރުން ކަމަށާއި އެމަސައްކަތް ސަރުކާރުން ފަށާފައިވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ކެނޑިޑޭޓަކަށް ތާއީދު ކުރެއްވުމުގެ ގޮތުން ވ. ކެޔޮދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ތަރައްޤީއަށް އެންމެ މުހިއްމީ ހޭލުންތެރި މުޖްތަމައެއް ބިނާ ކުރުން ކަމަށާއި އެމަސައްކަތް ފަށާފައިވާ ކަމަށެވެ.
" ރާއްޖޭގެ ތަރައްޤީއަށްޓަކައި ކުރަން ޖެހޭ އެންމެ މުހިއްމު ކަމަކީ އަޅުގަނޑު ގަބޫލް ކުރާ ގޮތުގައި މީހުން ބިނާކުރުން، ތައުލީމީ ހޭލުންތެރި ޖީލެއް އުފެއްދުން، މި މަސައްކަތް އަޅުގަނޑުމެން ފަށައިގަތިން، އެގޮތުން މަތީ ތައުލީމު ހާސިލްކުރުމަށް ރާއްޖޭން ބޭރަށްދާ ކުދިންގެ ލޯންގެ އިންޓްރެސްޓު އަޅުގަނޑުމެންވާނީ ކުޑަކޮށްފައި، އަދި ރާއްޖޭގައި ތިބެގެން ފަސްޓް ޑިގްރީއަށް ކިޔަވަން ބޭނުންވާ ކުދިންނަށް ހިލޭ ކިޔެވޭނެގޮތް މިހާރުވާނީ ހަމަޖެހިފައި"
ރައީސް ވިދާޅުވީ އެމަނިކުފާން ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު ގައުމުގެ މާލީ ހާލަތު އޮތީ ވަރަށް ގޯސްކޮށްކަމަށާއި ގައުމުގެ އަމަން އަމާންކަން އޮތީ ވަރަށް ގޯސް ހާލަތެއްގައި ކަމަށެވެ. އަދި ރައްޔިތުން ތިބީ މިނިވަންކަން ގެއްލި ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ.
އެހެން ނަމަވެސް އެހުރި ދަތިތަކާއި އެކުވެސް ފުރަތަމަ ދުވަހުން ފެށިގެން ރައްޔިތުންނަށްވީ ވައުދުތައް ފުއްދުމުގެ މަސައްކަތް ފަށައިގެންފައިވާ ކަމަށެވެ. އަދި މި މަސައްކަތުގައި ދެމި ހުރުމަށް މިނިވަން މުވައްސަސާ ތަކާއި މަޖްލިސްގެ ތާއިދު ބޭނުންވާ ކަމަށެވެ.